ސިޓީގެ މެޗެއްގެ ތެރެއިން ގާޑިއޯލާ.-- ފޮޓޯ: އޭއެފްޕީ
14 ފެބުރުއަރީ 2020 - 09:37
މެންޗެސްޓާ (ފެބްރުއަރީ 14) - އެންމެ މޮޅީ އޭނާ ކަމަށް އެއްބަސްވާން އުނދަގޫ ކަމަށާއި އެއްވެސް އިރެއްގައި އެންމެ މޮޅު ކޯޗުކަމަށް ދެކިގެން ނޫޅޭ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ފުޓްބޯޅައިގައި ސްޕެއިނާއި ޖަރުމަނު އަދި އިންގްލެންޑްގައި ހާސިލްކޮށްފައިވާ ކާމިޔާބީތަކަށް ބަލާއިރު ފަހަކަށް އައިސް ފެނުނު އެންމެ މޮޅު ކޯޗަކީ ގާޑިއޯލާ ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުންނާއި މަޝްހޫރު ކޯޗުން ވެސް ގަބޫލުކުރެ އެވެ. ގާޑިއޯލާ ވަނީ ބާސެލޯނާ އާއި ބަޔާން މިއުނިކް އަދި ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެހެން ނަމަވެސް އެންމެ މޮޅު ކޯޗަކީ އޭނާ ކަމަށް ގަބޫލުކުރަން އޭނާ ބޭނުމެއްނުވެ އެވެ.
"އަހަރެންގެ ދިރިއުޅުމުގައި އެއްވެސް އިރެއްގައި އަހަންނަކީ އެންމެ މޮޅު ކޯޗު ކަމަށް ގަބޫލެއް ނުކުރަން. އަހަރެން ބާސެލޯނާގައި ހަ ތަށި ހޯދިއިރު ނޫނީ ޓްރެބަލް (ތިން ތަށި) ހޯދި ފަހަރުތަކުގައި ވެސް އަހަރެން ނުދެކެން އެންމެ މޮޅީ އަހަރެން ކަމަށް. އަހަރެން މޮޅުވީ އަހަރެން ގެންގުޅުނު ޓީމުތަކުގައި އަދަޔާހިލާފު މޮޅު ކުޅުންތެރިން ތިބީމާ،" ސްކައިސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައ ގާޑިއޯލާ ބުންޏެވެ.
"އެބަތިބި ވަރަށް މޮޅު ކޯޗުން. އެ މީހުން އަތުގައި އަހަރެންގެ ޓީމުގައި މި ތިބި ކަހަލަ މޮޅު ކުޅުންތެރިންނެއް ނެތް. ނޫނީ މި ކަހަލަ ކްލަބެއް ނެތް. މިސާލަކަށް ސިޓީގައި މިއޮތް ޓީމު ނޫން ޓީމެއް އަހަންނަށް ލިބުނު ނަަމަ އަހަންނަށް މޮޅެއްނުވެވޭނެ،"
ގާޑިއޯލާ ހަވާލުވި ކޮންމެ ޓީމެއްގައި ވެސް ޓީމެއް އެކުލަވާލަން އޭނާ ވަނީ ބޮޑު ހަަރަދުކޮށް ކުޅުންތެރިން ގެނެސްފަ އެވެ.
މިދިޔަ ދެ އަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދި ސިޓީ އަށް މި ފަހަރު އެ ކާމިޔާބީ ހާސިލްކުރެވުމުގެ ފުރުސަތު ކުޑަ އެވެ. ލީގުގެ ރޭހުގައި އެ ޓީމު މި ވަގުތު އޮތީ ފަހަތުގަ އެވެ. ސިޓީ އަށް އަދިވެސް ސީޒަނުގައި ތިން މުބާރާތުގެ ތަށްޓަށް ވާދަކުރެވޭނެ ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ. އޭގެ ތެރެއިން ވެސް އެންމެ މުހިއްމީ ޗެމްޕިއަންސް ލީގު ކަމަށާއި އެ މުބާރާތުގެ ދެ ވަނަ ބުރުގައި ރެއާލް މެޑްރިޑް އަތުން ބަލިވެއްޖެނަމަ ސިޓީގެ ކޯޗުކަމުން ވަކިކުރުމަކީ ވެސް ދުރުގައި އޮތް ކަމެއްގެ ގޮތުގައި ނުދެކޭނެ ކަމަށް ގާޑިއޯލާ ބުންޏެވެ.
"އަހަރެން ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން ބޭނުން. އެ މުބާރާތުގެ މެޗަށް ރެއާލާ ދެކޮޅަށް ކުޅެން އަހަރެން މި އަންނަނީ ތައްޔާރުވަމުން. އެ މެޗުން އަހަރެމެން ބަލިވެއްޖެނަމަ ޗެއާމަން ނޫނީ ސްޕޯޓިން ޑިރެކްޓަރު އައިސް ބުނެފާނެ ކަންތައް ދިޔައީ ރަނގަޅަށް ނޫނޭ އަހަރެމެން ބޭނުމީ އެހެން ކޯޗެކޭ. މިއީ މީގެ ކުރިން ވެސް ކްލަބްތަކުގައި ވެފައި ހުރި ކަންތައް،" ގާޑިއޯލާ ބުންޏެވެ.
ސިޓީން ރެއާލާ ދެކޮޅަށް ކުޅޭ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ލެގު އޮންނާނީ މި މަހު 26 ވަނަ ދުވަހު ރެއާލް ދަނޑުގަ އެެވެ. ސިޓީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ މަހު 18 ގަ އެވެ.
މި ސީޒަަނަށް ފަހު ގާޑިއޯލާ ހޯދަން އިޓަލީގެ ޔުވެންޓަސް އިން އަންނަނީ މަސައްކަތްކުރަމުންނެވެ. ސިޓީއާ އެކު ގާޑިއޯލާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ ސީޒަން ނިމުމުންނެވެ. ސިޓީން އަންނަނީ ގާޑިއޯލާ އަށް އާ އެއްބަސްވުމެއް ދޭން މަޝްވަރާކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްް
15 February 2020
އެންމެ މޮޅީ ވަލްވާރޑޭ
ޢާއިލާ
15 February 2020
އެންމެ މޮޅު ކޯޗަކީ ސުޒޭނު
ކްލޮޕް
14 February 2020
ރަނގަޅު. މަހެއް ފަހައިލެވޭވަރުގެ މަހެއް ހުރެދާނެ. މިސާލަކަށް މަ.