އޭސީ މިލާނުން 2005 ގައި ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވިއިރު އަދި 2007 ގެ ފައިނަލުން މޮޅުވިއިރު ކެޕްޓަން ބޭންޑް އެޅި ޕައޮލޯ މަލްޑިނީ: އޭނާ އަކީ މިހާރު އެ ކްލަބުގެ ޑިރެކްޓަރެއް.
19 މާޗް 2020 - 12:52
މިލާން (މާޗް 19) - ލިވަޕޫލް އަތުން 2005 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން އޭސީ މިލާން ބަލިވުމުގެ ހިތްދަތިކަން ފިލުވާލި ފިލުވާލުމަށް، އިޝާރާތްކޮށް މިލާނުން ކޮރޯނާވައިރަހާ ދެކޮޅަށް އުއްމީދުގެ މެސެޖެއް ދީފި އެވެ.
އެ ކްލަބުގެ ރަސްމީ އިންސްޓަގްރަމުގައި އިއްޔެ ޕޯސްޓްކޮށްފައިވަނީ "ހުރިހާ ކަމެއް ރަނގަޅުވާނެ، އިސްތަންބޫލަށް ފަހު އެތެންސް އޮންނާނެ" ކަމަށް އިޓަލީން ބަހުން ލިޔެ ބެލްކަންޏެއްގައި ހަރުކޮށްފައިވާ ބެނާ އެކެވެ. އެ ފޮޓޯގެ ކެޕްޝަނުގައި ލިޔެފައިވަނީ "މިއަދުގެ ދަތި އުނދަގުލަކީ، މާދަމާގެ ހިތްވަރު" ކަމަށެވެ.
އެ ފޮޓޯގައި އިޝާރާތްކުރަނީ ތުރުކީގެ އިސްތަންބޫލުގައި ކުޅުނު 2005 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް އަތުން މިލާން ޕެނަލްޓީ ޖަހައިގެން ބަލިވެފައި އޮއްވާ އޭގެ ދެ އަހަރު ފަހުން ގްރީކުގެ އެތެންސްގައި ކުޅުނު 2007 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ލިވަޕޫލް އަތުން މިލާން މޮޅުވި މޮޅުވުމަށެވެ.
ލިވަޕޫލް އަތުން އިސްތަންބޫލުގައި މިލާން ބަލިވީ އެ ޓީމު ފުރަތަމަ ހާފުގައި ތިން ލަނޑު ޖަހާފައި އޮއްވާ ދެ ވަނަ ހާފުގައި ލިވަޕޫލުން 3-3 އިން އެއްވަރުކޮށް ޕެނަލްޓީ ޖަހައިގެން 3-2 އިންނެވެ. އެ މެޗުން ބަލިވުމާ ގުޅިގެން ލިބުނު ހިތްދަތިކަމާއި ނަފްސާނީ އުނދަގުލުގެ ސަބަބުން މިލާނުގެ ބައެއް ކުޅުންތެރިން ފުޓްބޯޅަ މަތިން ފޫހިވެ އަދި ކްލަބް ދޫކޮށްލަން ވެސް މަސައްކަތްކުރި އެވެ.
އެކަމަކު 2007 ގައި އޭގެ ތެރެއިން ގިނަ ކުޅުންތެރިން ހިމެނުނު މިލާނުގެ ޓީމުން ފައިނަލުގައި 2-1 އިން ލިވަޕޫލް ބަލިކޮށް ތަށި ކާމިޔާބުކޮށް ބަދަލު ހިފައި ހިތްދަތިކަން ފިލުވައިލީ އެވެ. އިސްތަންބޫލުގައި ބަލިވި މިލާން ޓީމުގެ ކުޅުންތެރިންގެ ތެރެއިން ކަކާ، ކްލަރެންސް ސީޑޯފް، އަންދްރޭ ޕިރްލޯ، ޖެނާރޫ ގަޓޫސޯ، އަލެސަންދްރޯ ނެސްޓާ، ކަފޫ، ޕައޮލޯ މަލްޑިނީ އަދި ޑިޑާ ވަނީ 2007 ގެ ފައިނަލުގައި ކުޅެފަ އެވެ.
އިޓަލީ އަކީ ކޮރޯނާވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ގައުމެވެ. ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 އިޓަލީން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 35،713 އަށް އަރައިފަ އެވެ. އެ ގައުމުން މިހާތަނަށް ވަނީ 2،978 މީހުން މަރުވެފަ އެވެ. އަދި އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މުޅި ގައުމު ލޮކްޑައުންކޮށް ހުރިހާ ކުޅިވަރު ހަރަކާތެއް ވަނީ ކެންސަލްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy