ކޮސްމޯސްގެ އިވެންޓެއްގެ ތެރެއިން ޕީކޭ ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
13 މެއި 2020 - 15:08
މެޑްރިޑް (މެއި 13) - ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕުން މި އަހަރު ފަހުކޮޅުގައި ބާއްވަން ނިންމާފައިވާ ޑޭވިސް ކަޕް ޓެނިސް މުބާރާތް، މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް ބާއްވަން ސްޕެއިނުގެ ސަރުކާރުގެ ހުއްދަ އަށް އެދެން އެ ކުންފުނިން ނިންމައިފި އެވެ.
އަހަރު ފަހުކޮޅުގައި އޮންނަ ފިރިހެން ޓީމް އިވެންޓް ޓެނިސް މުބާރާތް ކަމަށްވާ މަޝްހޫރު ޑޭވިސް ކަަޕަށް ބަދަލުތަކެއް ގެނެސްގެން ބާއްވަނީ ކޮސްމޯސް އިންވެސްޓްމަންޓް ގްރޫޕާއި އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ގުޅިގެންނެވެ. މިއީ އައިޓީއެފްއާ އެކު ޕީކޭގެ ކުންފުނިން ސޮއިކުރި 25 އަހަރުގެ އެއްބަސްވުމުގެ ތެރެއިން ބާއްވަމުން އަންނަ މުބާރާތެކެވެ.
މެޑްރިޑްގައި ބާއްވަން ނިންމާފައިވާ މި އަހަރުގެ މުބާރާތް ތާވަލުކޮށްފައިވަނީ ނޮވެމްބަރު 23 އިން 29 އަށެވެ.
ކޮވިޑް-19ގެ ނުރައްކާ ސްޕެއިނަށް ވެސް ބޮޑުވެފައިވާއިރު، ގިނަ ކުޅިވަރު ހަރަކާތްތަކެއްގެ ޝެޑިއުލަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފަ އެވެ. ރިޕޯޓްތައް ބުނާގޮތުގައި މުބާރާތް ބޭއްވުމުގެ ހުއްދަ ސަރުކާރުން ދޭ ނަމަ، މެޗުތައް ބަލަން ވީއައިޕީ އުސޫލުން ވަކި ވަރަކަށް މީހުން ވައްދަން ހުއްދަ އަކަށް ވެސް އެދޭނެ އެވެ.
ސްޕެއިން ގައުމީ ޓީމެއްގެ މެޗެއްގެ ތެރެއިން ޕީކޭ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އޭއެފްޕީ
ސްޕެއިނުގެ ސަރުކާރުން ގެންގުޅޭ އެއް ވިސްނުމަކީ މީހުން އެއްވެ އުޅޭ ގޮތަށް އެއްވެސް އިވެންޓެއް މި އަހަރު ކުރިއަށް ނެގުންދިއުމެވެ. އެކަމަކު ރަސްމީކޮށް އެކަން އިއުލާނުކޮށްފައިނުވާތީ ކޮސްމޯސް އިން ބޭނުންވަނީ ވަކި އަދަދަކަށް މީހުން ބައިވެރިވެވޭ އިވެންޓްތަކެއް ބޭއްވޭނެ ގޮތަކަށް ސްޕެއިނުގެ ނިއު ނޯމަލް އުސޫލުތައް ކަނޑައެޅިގެން ދިއުމެވެ.
"ތެދެއް ވަރަށް ގިނަ ވާހަކަތަކެއް އެބަދެކެވޭ. ސަރުކާރުގެ ނިންމުންތަކުގެ މައްޗަށް ބަރޯސާވަނީ ހުރިހާ ކަމެއް ވެސް. އަހަރެމެންގެ އެދުމަކީ ސަޕޯޓަރުންގެ ކޮންމެވެސް އަދަދެއް ވަދެގެން މެޗުތައް ކުޅުން. މިއީ ތާރީހީ ފެށުމެއް އެހެންވީމަ ސަޕޯޓަރުންގެ ބޭނުންވާނެ،" މޮވިސްޓާ ޓެލެވިޝަން އަށް ދިން އިންޓަވިއުއެއްގައި ޕީކޭ ބުންޏެވެ.
ސްޕެއިނުގެ ދަށް ޑިވިޝަނުގެ ދެ ކްލަބެއްގެ މެޖޯރިޓީ ހިއްސާ ވެސް ޕީކޭ ވަނީ ގަނެފަ އެވެ. ކުޅިވަރުގެ އެކި ދާއިރާަކުގައި ޕީކޭ އަންނަނީ އޭނަގެ ވިޔަފާރި ފުޅާކުރަމުންނެވެ. ޕީކޭ ބުނީ ސަރުކާރާ އެކު ވަރަށް އަވަހަށް އޭނާ ވެސް މަޝްވަރާތަކެއް ބާއްވާނެ ކަމަށާއި ޑޭވިސް ކަޕްގެ އިތުރުން ކުޅިވަރުގެ އެކި ފަރާތްތަކަށް ކޮވިޑް-19 ގެ ސަބަބުން ލިބޭ ގެއްލުންތަކުގައި އެހީތެރިވުމުގެ ވިސްނުން ވެސް އެބަހުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy