ކުޅިވަރު / އިޓަލީ ފުޓްބޯޅަ ފެޑެރޭޝަން

ލީގު އަލުން ފަށާއިރު އިޓަލީ ސަރުކާރުގެ ހުށަހެޅުންތަކެއް

އިންޓަ މިލާނުގެ ކުޅުންތެރިން މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިލާން (މެއި 17) - ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލާފައިވާ އިޓާލިއަން ލީގު އަލުން ފަށާއިރު ވަކި ކަންތައްތަކެއް ފުރިހަމަކުރަން އިޓަލީގެ ސަރުކާރުން ކްލަބްތަކަށް ހުށަހަޅައިފި އެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑުވި އެއް ގައުމު ކަމަށްވާ އިޓަލީގައި ފުޓްބޯޅަ އަލުން ފަށަން މަސައްކަތްކުރަނީ އަންނަ މަހުގެ 13 ވަނަ ދުވަހު އެވެ. މި ކަމަށް ހުރިހާ ކްލަބެއްގެ ތާއީދު އޮތީ ލިބިފަ އެވެ. އިޓަލީ ސަރުކާރުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކްލަބްތަކުން ވަނީ މި މަހު ހަތަރެއްގައި އިންޑިވިޖުއަލް ޓްރެއިނިންތައް ފަށައިފަ އެވެ. އެހެން ގައުމުތަކުން އައި ކުޅުންތެރިންނަށް ޕްރެކްޓިހަށް ނުކުމެވޭނީ 14 ދުވަހުގެ ކަރަންޓީނު މުއްދަތެއް ފުރިހަމަކުރުމަށް ފަހު އެވެ. ޓީމުތަކުގެ ގްރޫޕް ޓްރެއިނިންތައް ފަށަން ތާވަލުކޮށްފައި އޮތީ މާދަމާ އެވެ.

މީގެ ކުރިން އިޓަލީގެ ޕާލިއަމަންޓުގައި ވާހަކަ ދައްކަވަމުން އިޓަލީގެ ސްޕޯޓްސް މިނިސްޓަރު ވިންޗެންޒޯ ސްޕަޑަފޯރާ، އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުޓްބޯޅަ އަލުން ފަށަން ކުރާ މަސައްކަތްތަކަށް ތައުރީފުކުރެއްވި ނަމަވެސް ބައެއް ކަންތައްތަކަށް އަދި އޮތީ އެއްބަސްނުވެވި އެވެ. ބޮޑު ވަޒީރު ޖިސެއްޕޭ ކޮންޓޭ ރޭ ވިދާޅުވީ ސަރުކާރުން ހުށަހެޅި ބައެއް ކަންތައްތައް އަދި ފުރިހަމަނުވާ ކަމަށެވެ.

"އަހަރެންގެ އުއްމީދަކީ ވީ އެންމެ އަވަހަކަށް އެ މީހުން (ފުޓްބޯޅަ ފެޑެރޭޝަނުން) އެކަމަށް ހައްލެއް ހޯދުން،" ކޮންޓޭ ވިދާޅުވި އެވެ.

އިޓަލީ ސަރުކާރުން އެކުލަވާލާފައިވާ ޓެކްނިކަލް އަދި ސައިންޓިފިކް ކޮމިޓީން ހުށަހަޅާފައިވާ ބައެއް ކަންތައްތައް ފުރިހަމަކުރުމުގައި ކްލަބްތަކަށް ދަތިތަކެއް ހުރިކަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފާހަގަކޮށްފަ އެވެ. ފުރަތަަމަ ކަމަކީ ސަރުކާރުން ހުށަހަޅާފައިވާ ދެ ހަފްތާ ވަންދެން ހުރިހާ ކުޅުންތެރިން އެއް ހޮޓަލެއްގައި ތިބެ ޓްރެއިނިން އާއި ހުރިހާ ކަމެއް ކުރިއަށްގެންދިއުމުގެ އިންތިޒާމުތައް ހުރިހާ ކްލަބަކަށް ހަމަޖެހިފައި ނެތުމެވެ. ދެ ވަނަ ކަމަކީ ޓީމެއްގެ ކުޅުންތެރިއަކު ނޫނީ އޮފިޝަލަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެނަމަ އެ މުޅި ޓީމެއް ކަރަންޓީނުކުރާ ގޮތަށް އޮތުމެވެ. އޭގެ ބަދަލުގައި ކްލަބްތަކުން ބޭނުންވަނީ ޖަރުމަނުގައި އަމަލުކުރާ އުސޫލާ އެއްގޮތަށް ކުރުމަށެވެ. އެއީ ޕޮޒިޓިވްވާ މީހުން ހަމައެކަނި ކަރަންޓީނު ކުރުމެވެ.

ސަރުކާރުގެ ހުށަހެޅުންތަކާ މެދު ކުރިއަށް އޮތް ދުވަސްތަކުގައި އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން އިތުރަށް އަދި ކްލަބްތަކާ މަޝްވަރާކުރާނެ އެވެ. އަދި މީގެ ކުރިއަށްދެވެން އޮތް އެންމެ ރަނގަޅު ގޮތެއް ސަރުކާރުގެ ކޮމިޓީއާ އެކު ބޭއްވޭ ބައްދަލުވުންތަކުން ހޯދޭނެ ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ގަބޫލުކުރެ އެވެ.

ފުޓްބޯޅަ ސީޒަން އަލުން ފެށުމުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދީ ޖަރުމަނުންނެވެ. އިއްޔެ ޖަރުމަނުގައި ވަނީ އަލުން ފުޓްބޯޅަ ލީގުތައް ފަށައިފަ އެވެ. މިހާރު ރޭވިފައިވާ ގޮތަށް ކަންތައްތައް ގޮސްފިނަމަ އަންނަ މަހު އިޓަލީގެ އިތުރުން އިންގްލެންޑާއި ސްޕެއިން އަދި ޕޯޗުގަލްގައި ލީގުތައް އަލުން ފަށާނެ އެވެ.

0 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454