20 މެއި 2020 - 13:33
ބާސެލޯނާ (މެއި 30) - ބާސެލޯނާ އިން އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ޔަގީންކަމެއް ނުދޭތީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗް، އެ ކްލަބްގެ މެނޭޖްމަންޓާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އުމުރުން 32 އަހަރުގެ ރަކިޓިޗްގެ މުސްތަގުބަލާ ގުޅުވައިގެން މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވެ އެވެ. ރަކިޓިޗް މިހާތަނަށް ބުނަމުން އައީ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް އެ ކްލަބްގައި މަޑުކުރަން ބޭނުންވާ ކަމަށެވެ. އަންނަ ސީޒަނުގެ ނިޔަލަށް ރަކިޓިޗް ހުރީ ބާސެލޯނާގެ ކޮންޓްރެކްޓްގަ އެވެ.
މި ސީޒަނުގައި ނެދަލެންޑްސްގެ ޒުވާން މިޑްފީލްޑަރު ފްރެންކީ ޑިޔޮން އައި ފަހުން ރަކިޓިޗަށް ބާސެލޯނާގެ ފުރަތަމަ އެގާރައިގައި ލިބެނީ މަދު ފުރުސަތެކެވެ. މިދިޔަ ހަފްތާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން ޔުވެންޓަސްގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ހޯދަން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. މި ޑީލް ނިމުމާ އެކު ރަކިޓިޗް ދޫކޮށްލުމުގެ މަސައްކަތް ބާސެލޯނާ އިން ފަށާނެ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ސެވިއްޔާ ދޫކޮށް 2014 ވަނަ އަހަރު ބާސެލޯނާއާ ގުޅުނު ރަކިޓިޗް ބުނީ ކްލަބުން އޭނާއާ މެދު ކަންތައްތައް ކުރާނެ ގޮތެއް ސާފުކޮށް އެނގެން ބޭނުންވާ ކަމަށެވެ.
"ކޮންޓްރެކްޓެއްގައި ސޮއިކުރަނީ އެ ފުރިހަމަ ކުރުމުގެ ގޮތުން. ކުޅެން ބޭނުންވާތީ އަހަރެން މަޑުން މި ހުރީ ފުރުސަތެއްގެ ބޭނުމުގައި. މީޑިއާގައި އަހަރެންގެ މުސްތަގުބަލާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ހުުއްޓުމަކަށް ގެންނަން ކްލަބުން މަސައްކަތެއް ނުކުރޭ. އަހަރެން ކްލަބްގައި މަޑުކުރުވާނަމަ އެކަން ވެސް އެނގެން އެބަޖެހޭ،" ސްޕެއިނުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ރަކިޓިޗް ބުންޏެވެ.
ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއުއާ މެދު ގިނަ ބަޔެއްގެ ހިޔާލުތަފާތުވުންތަކެއް މި ވަގުތު ވަނީ އުފެދިފަ އެވެ. ކްލަބުގެ ތެރޭގައި ބޮޑެތި ކަންތައްތަކެއް ހިނގަމުންދާ މި ދަނޑިވަޅުގައި ކުޅުންތެރިންގެ މެދުގައި ވެސް ބާޓޮމެއު އަށް އޮންނަ އިތުބާރު ކުޑަ އެވެ. ރަކިޓިޗް ބުނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ކްލަބްގެ އިސް ފަރާތެއްގެ ވިސްނުން ހުރި ގޮތެއް އަދި ނޭނގޭ ކަމަށެވެ.
"އަހަރެން ގާތުގައި ބާޓޮމެއު އެއްވެސް ވާހަކައެއް ނުދައްކާ. ކްލަބުން އަހަންނަށް އަންގަންޖެހޭ ވާހަކަތަކެއް އެބަހުރި. އުއްމީދަކީ މި ވާހަކަތައް އަޑުއަހާފައިވިޔަސް ވީހާ އަވަހަކަށް އަހަންނަށް ވާނެ ގޮތެއް އެނގުން،" ބާސެލޯނާ އަށް 100 އަށް ވުރެން ގިނަ މެޗު ކުޅެދިން ރަކިޓިޗް ބުންޏެވެ.
ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު އަލުން އަންނަ މަހު ސްޕެނިޝް ލީގު ފަށަން މަސައްކަތްކުރަމުން އަންނައިރު، ރަކިޓިޗް އަންނަނީ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy