25 މެއި 2020 - 13:44
މިއުނިކް (މޭ 25) – ބާސެލޯނާގެ ލޯނެއްގެ ދަށުން ބަޔާން މިއުނިކަށް ކުޅެމުން އަންނަ ފިލިއްޕޭ ކުޓީނިއޯ 130 މިލިއަން ޑޮލަރަށް ގަތުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފާފައިނުވާ ކަމަށް ބަޔާނުގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވެއްޖެ އެވެ.
ރުމެނިގާ ވިދާޅުވީ އެ ފުރުސަތު ލިބޭ މުއްދަތު މިހާރު ފަހަނައަޅައި ގޮސްފި ކަމަށެވެ. އަދި ދެން އޮތީ އަންނަ ސީޒަނަށް ސްކޮޑް ޕްލޭންކުރުން ކަމަށާއި ކުޓީނިއޯ އަދާކުރާނެ ދައުރެއް އޮތްތޯ ނެތްތޯ ބަލާނެ ކަމަށެވެ. މާނައަކީ ބަޔާނުން އޭނާގެ ބޭނުން އަންނަ ސީޒަނުގައި ހިފާ ނަމަ ހިފާނީ، ލޯން މުއްދަތު އިތުރުކޮށްގެންނެވެ.
މި ސީޒަނުގައި ބަޔާނާ ގުޅުނު ކުޓީނިއޯ، 27 އަށް އެ ޓީމުގައި ފެންވަރު ހިފެހެއްޓޭ ގޮތެއް ނުވި އެވެ. ލިވަޕޫލުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ކުޓީނިއޯ ބާސެލޯނާ އަށް ބަދަލުވީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ. ޒަވީ ހެނާންޑޭޒް އާއި އަންދްރޭ އިނިއެސްޓާ ފަދަ ކުޅުންތެރިން ދިއުމުން ބާސެލޯނާގެ މެދުތެރޭގައި ހެދުނު ބާގަނޑު ބައްދާނެ ކަމަށް ބެލެވުނު ކުޅުންތެރިޔާ އަށް އެ ޓީމުގައި ވެސް އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެހެންވެ ބާސެލޯނާ އިން އޭނާ ލޯން އުސޫލުން ދޫކޮށްލީ އެވެ.
ބްރެޒިލް ގައުމީ ޓީމުގެ މިޑްފީލްޑަރު ބާސެލޯނާ އަށް ގެންދިއުމުގެ ބަދަލުގައި އެ ޓީމުން ބޭނުންވަނީ ވެސް ވިއްކާލަން ކަމަށް ބެލެވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިމިއާ ލީގުގެ އާސެނަލާއި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން އަންނަނީ އެކަމަށް މަސައްކަތްކުރަމުންނެވެ. އަދި މިވަގުތު ރޭހުގެ ކުރީގައި އޮތީ އާސެނަލް ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy