30 މެއި 2020 - 13:53
ލަންޑަން (މެއި 30) - އޭނާ ވެސް ކޮވިޑް-19 ޖެހުނު ކަމަށާއި ބަލީގައި އުޅެން ޖެހުނުއިރު އެންމެ ބޮޑަށް އުނދަގޫވި އެއް ކަމަކީ ރަނގަޅަށް ނުހިނގުން ކަމަށް ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
މާޗް މަހު 13 ވަނަ ދުވަހު އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލިއިރު، އެންމެ ފުރަތަމަ ކޮވިޑް-19 އަށް ޕޮޒިޓިވްވި ކޯޗަކީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އެވެ. އެ ބަލީގައި އޭނާ އަށް އުނދަގޫ ތަޖުރިބާތަކެއް ކުރަން ޖެހުނެވެ.
ކުރިން ސެލްޓިކާއި ލިވަޕޫލަށް ކޯޗުކޮށްދިން ރޮޖާސް ބުނީ ޕްރިމިއާ ލީގު މެދުކަނޑާލިތާ އެއް ހަފްތާ ފަހުން އޭނާ އަށް ބަލީގެ އަސަރުކުރަން ފެށި ކަމަށެވެ. އަދި ބަލީގައި އުޅެން ޖެހުނުއިރު އިހުސާސްވީ މީގެ ނުވަ އަހަރު ކުރިން އޭނާ ޓެންޒާނިއާ އަށް ގޮސް ފަރުބަދަ އަކަށް އަރަން ކުރި މަސައްކަތުގައި އުޅެން ޖެހުނު ގޮތެވެ.
"އަހަންނަށް ރަނގަޅަށް ހިނގައިވެސް ނުލެވޭ. ހަނދާންވީ މައުންޓް ކިލިމަންޖާރޯ (ޓެންޒާނިއާގެ ފަރުބަދަ) އަށް އެރިއިރު އުޅުނު ގޮތް. މައްޗަށް ދިޔަ ވަރަކަށް ވަރުބަލިވަނީ. ދުރަށް ހިނގާލަން މަސައްކަތްކުރި ވަރަކަށް އަހަންނަށް ނޭވާލަން ވެސް އުނދަގޫވާން ފެށި،" ލެސްޓާ ރޭޑިއޯ އަށް ދިން އިންޓަވިއުއެއްގައި ރޮޖާސް ބުންޏެވެ.
އުމުރުން 47 އަހަރުގެ ރޮޖާސް ކޮވިޑް-19 ގެ ބަލީގައި ތިން ހަފްތާ ހޭދަވިއިރު، ފަހުން އޭނާގެ އަންހެނުންނަށް ވެސް އެ ބަލި ޖެހުނެވެ.
"ބަލީގައި އުޅުނުއިރު ކާ އެއްޗަކުން ރަހައެއް ނުލައި އެއްވެސް ވަހެއް ދުވާހެން ހިއެއް ނުވޭ. ފަހުން އަހަރެންގެ އަންހެނުން ވެސް އެ ގޮތް ވާން ފެށި. ނަސީބަކުން މިހާރު ރަނގަޅު،" ޗެލްސީ ޔޫތު ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ރޮޖާސް ބުންޏެވެ.
ޕްރިމިއާ ލީގުގެ ގިނަ ކުޅުންތެރިންތަކެއް ވައިރަަހަށް މިހާރު ޓެސްޓް ކުރަމުން އަންނަނީ އަންނަ މަހު 17 ވަނަ ދުވަހު އަލުން ލީގު ފަށާށެވެ. ކުރެވޭ ޓެސްޓްތަކުން ކޮވިޑް-19ގެ އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން އަންނައިރު، ރޮޖާސް ބުނީ އެ ކުޅުންތެރިން ކަރަންޓީނު ކުރުމުގެ ކަންތައް ވަރަށް ރަނގަޅަށް ކުރަން ޖެހޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy