ބްރައިޓަން މެޗުގެ ކުރިން ގެންޑޫޒީ (ވ) ކަކޫ ޖައްސައިގެން އިށީދެގެން.-- ފޮޓޯ: އޭއެފްޕީ
23 ޖޫން 2020 - 11:19
ލަންޑަން (ޖޫން 23) - އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ބްރައިޓަން އަތުން އާސެނަލް 2-1 އިން ބަލިވި މެޗަށް ފަހު އާސެނަލްގެ ފްރާންސް މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީގެ ފަރާތުން ފެނުނު ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކަށް އަދަބު ނުދޭން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
ގެންޑޫޒީ ވަނީ ބްރައިޓަން މޮޅުވި ލަނޑު ޖެހި ނީލް މޯޕޭއާ މެޗަށް ފަހު ޒުވާބުކޮށް އޭނާގެ ކަރުގައި ހިފައިފަ އެވެ. މި މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭ އިން އޭނާ އަށް އަދަބު ނުދޭން ނިންމީ މެޗުގެ ރިޕޯޓްގައި ވެސް އެކަމާ ބެހޭގޮތުން ރެފްރީ އެއްވެސް އެއްޗެއް ހިމަނާފައިނުވާތީވެ އެވެ.
މޯޕޭއާ މެދު އާސެނަލްގެ ކުޅުންތެރިން ހިތްހަމަނުޖެހުނީ، އެ ޓީމުގެ ގޯލްކީޕަރު ބާންޑް ލެނޯ އަށް އަނިޔާވީ މޯޕޭގެ ސަބަބުން ކަމަށްވާތީވެ އެވެ. ލެނޯ އަށް އަނިޔާވީ ބޯޅަ ހިފަން އުޅުމުގެ ތެރޭ މޯޕޭގެ ޗެލެންޖަކުން، ފައި ބިންމަތީ އެޅުނު ގޮތުން ކަނާތު ކަކޫ ނުއަތަށް ލެނބިގެންނެވެ. އޭނާގެ ލިގަމެންޓަކަށް ގެއްލުންވެ، ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށް ބެލެވެ އެވެ. އަށިގަނޑުގައި ބޭލި ވަގުތު ލެނޯ ވަނީ މޯޕޭއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ގެންޑޫޒީގެ ފަރާތުން މެޗުގެ ތެރޭގައި ވެސް ކުޅިވަރުގެ ރޫހާ ހިލާފު އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތުކުރެވެ އެވެ. އެގޮތުން ބްރައިޓަންގެ އޮފިޝަލު ބުނި ގޮތުގައި ގެންޑޫޒީ ވަނީ ބްރައިޓަންގެ ކުޅުންތެރިންނަކީ ދަށް ބަޔެއްގެ ގޮތުގައި ސިފަކޮށް ދިމާކޮށްފަ އެވެ.
"އޭނާ (ގެންޑޫޒީ) ބުނަމުން ދިޔައީ ބްރައިޓަން ކުޅުންތެރިންނަކީ ވަރަށް ދަށް ބަޔެކޭ. ލިބެނީ ވެސް މަދު މުސާރައެކޭ. މިއީ ގެންޑޫޒީ އަބަދުވެސް ކުރާ ކަމެއް. މިއީ އާސެނަލް ފަދަ މީހުންގެ އިހުތިރާމް ލިބޭ ކްލަބެއްގައި ހުރި ކުޅުންތެރިއަކު ކުރުން ރަނގަޅުކަމެއް ނޫން،" އޮފިޝަލް ބުންޏެވެ.
މޯޕޭ ވެސް އެ މެޗަށް ފަހު ދިން އިންޓަވިއުގައި އާސެނަލް ކުޅުންތެރިންނާ މެދު ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި ވަކި ކުޅުންތެރިޔެއްގެ ނަން ނުބުނެ ވަރަށް ބޮޑަށް އެ ކުޅުންތެރިޔަކަށް ފާޑުކިޔެވެ. އޭނާ އިޝާރާތްކުރީ ގެންޑޫޒީ އަށް ކަމަށްވެ އެވެ.
ޕީއެސްޖީ އެކެޑަމީން ކެރިއަރު ފެށި ގެންޑޫޒީ އެ ޓީމު ދޫކޮށްލީ 2014 ވަނަ އަހަރު އެވެ. އާސެނަލްގެ ކުރީގެ ކޯޗު އުނާއި އެމެރީގެ އެދުމަށް އުމުރުން 21 އަހަރުގެ ގެންޑޫޒީ އެ ކްލަބާ ގުޅުނީ 2018 ވަނަ އަހަރު އެވެ. ފަހަކަށް އައިސް ގިނަ މެޗުތަކެއްގައި ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގެންޑޫޒީ ކުޅުނު ނަމަވެސް އޭނާއާ މެދު ގިނަ ސަޕޯޓަރުންތަކެއް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
އާސެނަލް މި ވަގުތު ލީގުގެ 10 ވަނައިގައި އޮތްއިރު، އެންމެ ފަހުން އެ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ ބަލިވެފަ އެވެ. ކޮވިޑް-19 އަށް މާޗް މަހު ލީގު މެދުކަނޑާލުމުގެ ކުރިން އާސެނަލް ލީގުގައި މި އަހަރު ކުޅުނު މެޗަކުން ބަލިނުވެ އެވެ. އާސެނަލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ނުކުންނާނީ ރަށު ބޭރުގައި ސައުތެމްޓަންއާ ދެކޮޅަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮންރީލަދުންހަލާކު
23 June 2020
ޓީމަކީ ބޮޑު ޖޯކެއް، ކުޅުންތެރިންވެސް މިހާރު ޖޯކަރުންހެން އުޅެނީ، މީނައަށްވުރެ ބޮޑު މުސާރައެއް ލިބޭ އޭނަ ކަރުގަ ހިފި ސޮރަށްވެސް