23 ޖޫން 2020 - 14:08
ބާސެލޯނާ (ޖޫން 23) – އިންޓަ މިލާނުގެ އާޖެންޓީނާ ފޯވާޑް ލޮޓާރޯ މާޓިނޭޒް ނުލިބިއްޖެ ނަމަ، އާސެނަލްގެ ގެބޯން ފޯވާޑް ޕިއެރޭ-އެމެރިކް އޯބަމަޔަން ހޯދުމަށް ބާސެލޯނާ އިން އިސްކަންދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ލުއިސް ސުއަރޭޒްގެ ބަދަލުގައި ފޯވާޑް ލައިން ބަލަހައްޓަން މާޓިނޭޒް ގެންނަން ބާސެލޯނާ އިން ރާވަމުން އަންނަތާ ދުވަސްތަކެއްވެއްޖެ އެވެ. ބާސެލޯނާ އަށް ބަދަލުވާން މާޓިނޭޒް ވެސް ބޭނުންވެ އެވެ. އެކަމަކު މައްސަލައަކީ އިންޓަ އިން ކިޔާ އަގެވެ.
މާޓިނޭޒް ބޭނުން ނަމަ ބާސެލޯނާ އަށް ޖެހޭނީ އޭނާގެ ކޮންޓްރެކްޓް އުވާލަން ދައްކަން ޖެހޭ 111 މިލިއަން ޔޫރޯ ދޭށެވެ. އިންޓަ އޮތީ އަގުކުޑަކުރުމުގައި ދޫދޭ ގޮތަކަށް ނޫނެވެ. ކުޅުންތެރިންތަކެއް ހިމަނައި އަގުކުޑަކުރަން މަސައްކަތްކުރި ނަމަވެސް، އެކަމުގައި އަދި އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ.
އެހެންވެއްޖެ ނަމަ ބާސެލޯނާ އަށް އެހެން ފޯވާޑެއް ހޯދަން މަޖުބޫރުވާނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ހާލަތަށް ވިސްނައި އާސެނަލްގެ ދެ ވަނަ އޮޕްޝަނަކީ އޯބަމަޔަން ކަމަށެވެ. އަނެއްކޮޅުން މާޓިނޭޒް ވިއްކާލައިފި ނަމަ އޭނާގެ ބަދަލުގައި ގެންނަން އިންޓަ އިން ބޭނުންވާ ފޯވާޑުންގެ ތެރޭގައި އޯބަމަޔަން ހިމެނެ އެވެ.
އާސެނަލާ އެކު ގެބޯންގެ ފޯވާޑް ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަން ނިމުމުން ހަމަވާނެ އެވެ. އެހެންވެ އޭނާ ކޮންޓްރެކްޓް އާނުކުރާ ނަމަ މި ސީޒަން ނިމުމުން ވިއްކާލަން އާސެނަލަށް ނުސީދާ މަޖުބޫރުކަމެއް ކުރިމަތިވާނެ އެވެ. އެއީ އަންނަ ސީޒަނުގެ މެދުތެރެއިން ކުޑަ އަގަކަށް ނުވަތަ ސީޒަން ނިމުމުން ހިލޭ ނުދީ ފަރުޖެއްސުމަށެވެ. އެކަމަކު އޯބަމަޔަން ކޮންމެ ގޮތަކުން ނަމަވެސް ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށް އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ ބުނެފަ އެވެ.
ބޮރޫޝިއާ ޑޯޓްމަންޑުން ވިދާލި ފޯވާޑް އޯބަމެޔަން 2018 ވަނަ އަހަރު ރެކޯޑް އަގެއްގައި އާސެނަލާ ގުޅި މިހާރު އަންނަނީ އެ ޓީމުގެ ކެޕްޓަންކަން ކުރަމުންނެވެ. އެކަމަކު ޗެމްޕިއަންސް ލީގު ކުޅުމަށްޓަކައި އޭނާ ވެސް އެ ޓީމު ދޫކޮށްލުމުގެ ވިސްނުން އެބަހުއްޓެވެ.
އޯބަމެޔަން އަކީ އިޓަލީގެ އޭސީ މިލާނުގެ ޔޫތު ޓީމުގެ އުފެއްދުމެކެވެ. އޯބަމަޔަންގެ ބައްޕަ މިލާނުގައި މަސައްކަތްކުރި ދުވަސްވަރު އޭނާ އެ ސިޓީގައި ދިރިއުޅެ ޔޫތު ޓީމަށް ކުޅެނެވެ. އެކަމަކު އޭރު ސީނިއާ ޓީމުން ޖާގަ ނުލިބި ލޯން އުސޫލުން އެކި ޓީމުތަކަށް ކުޅުނީ އެވެ. އޭނާ ފާހަގަވާން ފެށީ ލޯން އުސޫލުން ފްރާންސްގެ ސެއިން-އެޓީނަށް ކުޅުނު ދުވަސްވަރެވެ. އޭގެ ފަހުން 2013 ގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ގުޅި ދުނިޔޭގެ ފެންވަރުގެ ފޯވާޑަކަށް ބަދަލުވި އެވެ. އާސެނަލަށް ސޮއިކުރީ ޑޯޓްމަންޑުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy