24 ޖޫން 2020 - 12:56
ބާސެލޯނާ (ޖޫން 24) – ބްރެޒިލް މިޑްފީލްޑަރު އާތޫރް މެލޯ 80 މިލިއަން ޔޫރޯ އަށް ޔުވެންޓަސް އަށް ވިއްކާލަން ބާސެލޯނާ އިން އެއްބަސްވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އެކަމަކު ބާސެލޯނާ ދޫކޮށްލަން އަރްރޫރް މިހާތަނަށް އެއްބަސްވެފައިނުވާ ކަމަށްވެ އެވެ. އޭނާ އަށް ބާސެލޯނާ އިން މިހާރު އަހަރަކުދޭ ފަސް މިލިއަން ޔޫރޯ އަށް ވުރެ ބޮޑު މުސާރައެއް ޔުވެންޓަސް އިން ހުށަހެޅި ނަމަވެސް އެ ޓީމާ އެކު ކޮންޓްރެކްޓް ހަދަން އޭނާ އަދި އެއްބަސްނުވާ ކަމަށްވެ އެވެ.
ބާސެލޯނާ އިން ބްރެޒިލްގެ ގްރެމިއޯ އިން 2018 ވަނަ އަހަރު 31 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަގަކަށް ގެނައި ކުޅުންތެރިޔާ ވިއްކާލުމަކީ، ބާސެލޯނާގެ މާބޮޑު ޕްލޭނެއް ނެތްކަން ހާމަވާކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
އެކަމަކު ބާސެލޯނާ އިން އޭނާ ޔުވެންޓަސް އަށް ވިއްކާލަން އެއްބަސްވީ ޔުވެންޓަސްގެ ބޮސްނިއާ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް އާއި އިޓަލީ ފުލްބެކް މަޓެއޯ ޑި ސިގްލިއޯ ގަންނަން މަގުފަހިކުރުމުގެ ގޮތުން ކަމަށްވެ އެވެ. މީގެ ތެރެއިން ޕިޔަނިޗްއާ އެކު ބާސެލޯނާ އިން އުސޫލެއްގެ ގޮތުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެ އެވެ.
އަނެއްކޮޅުން ނެދަލެންޑްސްގެ މިޑްފީލްޑަރު ފްރެންކީ ޑި ޔޮންގް ހުރުމާ އެކު، ޕިޔަނިޗް އަތުވެއްޖެ ނަމަ އާތޫރަށް ފުރުސަތު ވެސް ގެއްލޭނެ އެވެ. އެހެންވެ ބްރެޒިލް ގައުމީ ޓީމަށް 20 މެޗު ކުޅެދީފައިވާ އާތޫރް ވެސް ޔުވެންޓަސް އަށް ބަދަލުވާން ރުހުން ދޭނެ ކަމަށްވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy