ކޯޗު ސެޓިއެންއާ މެދު ބާސެލޯނާ އިން ގޮތެއް ނިންމަނީ

ބާސެލޯނާ (ޖޫން 30) - މި ސީޒަނަށް ފަހު ބާސެލޯނާގެ ކޯޗުކަމުން ކީކޭ ސެޓިއެން ވަކިކުރުމާ މެދު މި ހަފްތާ ތެރޭ އެ ކްލަބްގެ ބޯޑުން ގޮތެއް ނިންމާނެ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ސްޕެނިޝް ސުޕަ ކަޕްގެ ނާކާމިޔާބީއާ އެކު އާނެސްޓޯ ވަލްވޭޑޭ ވަކިކޮށް ސެޓިއެން ބާސެލޯނާގެ ކޯޗަކަށް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހުގަ އެވެ. ސެޓިއެން ގެނައީ ބާސެލޯނާ އިން އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަދި މިހާރު އަލް ސާދުގެ ކޯޗު ޒަވީ ހެނާންޑޭޒާއި ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަން ގެންނަން ކުރި މަސައްކަތް ކާމިޔާބުނުވުމުންނެވެ.

ސެޓިއެން ސޮއިކުރީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެކަމަކު މި ސީޒަނަށް ފަހު އޭނާގެ ކޮންޓްރެކްޓްގައިވާ ވަކި މާއްދާތަކެއް ފުރިހަމަނުވާނަމަ ވަކިކުރާ ގޮތަށް އޮތީ ކޮންޓްރެކްޓްގައި ހިމަނައިފަ އެވެ. މީގެ ކުރިން ސެޓިއެން ވަނީ ބާސެލޯނާ ތެރޭގައި ސިޔާސީ ހަމަނުޖެހުންތަކެއް އޮތް ނަމަވެސް އޭނާގެ ވަޒީފާ އަށް ބިރެއް ނެތް ކަމަށް ބުނެފަ އެވެ. އެކަމަކު އެންމެ ފަހުން ކުޅުނު މެޗުގައި ސެލްޓަ ވީގޯއާ އެއްވަރުވެ ސްޕެނިޝް ލީގު ޗެމްޕިއަންކަން ދިފާއުކުރަން ކުރާ މަސައްކަތުގައި ފަހަތަށް ދިއުމުން ސެޓިއެންގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

"ތެދެއް. މިހާރު ހާލަތު އެބަ ބަދަލުވޭ. މިއީ އަހަންނަށް ކުރިމަތިވާ އާ ކަަމެއް،" ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ބުންޏެވެ.

ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ ދާދި ފަހުން ސެޓިއެންއާ ބައްދަލުކޮށްފަ އެެވެ. އަދި އެ ބައްދަލުވުމުގައި ސެޓިއެން އަށް ވަނީ އޭނާގެ މުސްތަގުބަލާ ބެހޭގޮތުން ކްލަބްގެ ބޯޑުން ގޮތެއް ނިންމަން އުޅޭ ކަމުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

ސްޕެނިޝް ލީގުގައި ބާކީ ހަ މެޗު ނުކުޅެ އޮތްއިރު، ރެއާލް މެޑްރިޑް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މި ސީޒަނުގައި ބާސެލޯނާ އަށް ލީގު ގެއްލިއްޖެނަމަ ސެޓިއެން އަށް އޭނާގެ ވަޒީފާ ސަލާމަތްކުރަން ލިބޭނެ ފުރުސަތަކީ އޮގަސްޓް މަހު ފަށާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމެވެ. ބާސެލޯނާ އިން މި ސީޒަނަށް އެންމެ ބޮޑަށް ކަނޑައެޅި ޓާގެޓަކީ ޗެމްޕިއަންސް ލީގެވެ.

ސަތާރަ އަހަރަށް ފަހު ބާސެލޯނާ އިން ސީޒަނުގެ މެދުތެރެއިން ފުރަތަމަ ފަހަރަށް ކޯޗު ބަދަލުކުރުމާ އެކު އެ ޓީމަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ކުރިން ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން ވެސް ވަނީ ބުނެފަ އެވެ. ސެޓިއެން ބޭނުންވާ ސިސްޓަމަށް ކުޅުންތެރިން ހޭނުވުމުގައި މައްސަލަތަކެއް ކުރިމަތިވާ ކަމަށާއި އެކަމާ ހުރެ ސީނިއާ ބައެއް ކުޅުންތެރިންނާއި ސެޓިއެންއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް ހުރި ކަމަށް މީޑިއާގައި ވާހަކަ ދެކެވެ އެވެ.

އަންނަ އަހަރު ބާސެލޯނާގެ އިންތިހާބު އޮތްއިރު، ކްލަބާ ގުޅުން ހުރި ގިނަ ފަރާތްތަކެއް އަންނަނީ ބާޓޮމެއުއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އަދި ބާސެލޯނާ އިން އާތޫރު މެލޯ އާއި ޔުވެންޓަސްގެ މިރަލެމް ޕިޔަނިޗް ބަދަލުކުރުމަށް އެއްބަސްވި ޑީލާ މެދު ވެސް ގިނަ ބަޔަކު ހިތްހަމަނުޖެހެ އެވެ.