ޕީއެސްޖީގެ މެޗެއްގެ ތެރެއިން އެމްބާޕޭ: އަންނަ ސީޒަނުގައި ވެސް އެ ޓީމުގައި މަޑުކުރާނެ ކަމަށް ވަނީ ބުނެފައި.-- ފޮޓޯ: އޭއެފްޕީ
22 ޖުލައި 2020 - 10:36
ޕެރިސް (ޖުލައި 22) - އަންނަ ސީޒަނުގައި ވެސް ޕީއެސްޖީގައި މަޑުކުރަން ބޭނުންވާ ކަމަށް އެ ޓީމުގެ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފި އެވެ.
އުމުރުން 21 އަހަރުގެ އެމްބާޕޭ ޕީއެސްޖީގެ ކޮންޓްރެކްޓްގައި ހުރީ 2022 ގެ ނިޔަލަށެވެ. މޮނާކޯ ދޫކޮށް ޕީއެސްޖީން 2017 ވަނަ އަހަރު އެމްބާޕޭގެ ސޮއި ހޯދީ 208 މިލިއަން ޑޮލަރަށެވެ. އެއީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާ އެވެ. އަންނަ ސީޒަނުގައި އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވާނެ ކަމަށް މީޑިއާގައި ގިނަ ވާހަކަ ތަކެއް ދެކެވުނު ނަމަވެސް އޭނާ ވަނީ ޕީއެސްޖީގައި މަޑުކުރާނެ ކަމަށް ބުނެފަ އެވެ.
"އަހަރެން މި ހުރީ މިތަނުގައި. އަހަރެން ބޭނުން ހަތަރު ވަނަ އަހަރަށް ވެސް މި ޕްރޮޖެކްޓްގެ ހިއްސާ އަކަށްވާން. ކުރިއަށް އޮތީ މި ކްލަބަށް 50 އަހަރު ފުރޭ އަހަރު. އެއީ ސަޕޯޓަރުންނަށް ވެސް މި ޕްރޮޖެކްޓްގައި ތިބި ކުޅުންތެރިންނަށް ވެސް ވަރަށް ހާއްސަ ކަމެއް. ކޮންމެ ގޮތެއް ވިޔަސް އަހަރެން މި ކްލަބްގައި ހުންނާނަން،" އިއްޔެ 5000 ސަޕޯޓަރުންގެ ކުރިމަތީގައި ސެލްޓިކް އަތުން 4-0 އިން މޮޅުވި މެޗަށް ފަހު އެމްބާޕޭ ބީންސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.
"އަހަރެން މި މަސައްކަތްކުރަނީ މި ކްލަބްގައި ހުރެ ވީހާ ވެސް ގިނަ ޓްރޮފީތަކެއް ހޯދަން. އެ ވިސްނުމުގައި އަދިވެސް ކުރިއަށްދާން މިހުރީ،"
ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެ ޓީމަށް ދެން އެންމެ ބޭނުންވާ ކުޅުންތެރިއަކީ އެމްބާޕޭ އެވެ. އެކަމަކު މިދިޔަ ހަފްތާގައި ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވީ ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ބޮޑު އަގުގައި ކުޅުންތެރިއެއް ނުގެންނާނެ ކަމަށެވެ. އެކަމަކު ބޮޑު އަގުގައި ކުޅުންތެރިންތަކެއް ވިއްކާލެވިއްޖެނަމަ އެ ފައިސާ ޓްރާންސްފާ މާކެޓްގައި ހަރަދުކުރަން ރެއާލުން އޮތީ ތައްޔާރަށެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެމްބާޕޭ އަކީ އެ ކްލަބްގެ ކޮންޓްރެކްޓްގައި ހުރި އެ ޓީމުގެ ޕްރޮޖެކްޓްގައި ބޮޑު ހިއްސާއެއް އަދާކުރާނެ ކުޅުންތެރިއެއް ކަމަށެވެ. އަދި އެމްބާޕޭ ފަދަ މޮޅު ކުޅުންތެރިއެއްގެ މުސްތަގުބަލާ ބެހޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް އަބަދުވެސް ދައްކާނެ ކަމަށާއި އޭގެ މުހިއްމު ކަމަކީ ކްލަބުން ދެކޭ ގޮތް ކަމަށް ޓުޗެލް ބުންޏެވެ.
ޕީއެސްޖީން އެކުވެރިކަމުގެ މެޗުތަކެއް މި ކުޅުނީ އަންނަ ހުކުރު ދުވަހު އޮތް ފްރެންޗް ކަޕް ފައިނަލަށް ތައްޔާރުވާށެވެ. ކޮވިޑް-19ގެ ސަބަބުން ފްރާންސް ސަރުކާރުގެ ސަލާމަތީ ފިޔަވަޅުތަކާ އެއްގޮތަށް ކުރިއަށް ދިއުމުގެ ގޮތުން ފްރެންޗް ލީގު ވަނީ ކެންސަލްކޮށްފަ އެވެ. އެ ގޮތަށް ނިންމީ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދިނުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy