26 ޖުލައި 2020 - 10:32
ލަންޑަން (ޖުލައި 26) - އެއްބަސްވުން އާ ކުރުމަށް ފަހު އާސެނަލްގައި މަޑުކުރުމާ މެދު އެ ޓީމުގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަންގެ ހިޔާލު ތަފާތު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އަންނަ ސީޒަނުގެ ނިޔަލަށް އާސެނަލްގެ ކޮންޓްރެކްޓްގައި ހުރި އުމުރުން 30 އަހަރުގެ އޮބާމަޔަން އެ ކްލަބްގައި މަޑުކުރުވަން އާސެނަލުން ވަނީ ބޮޑު މުސާރައެއް ހުށަހަޅައިފަ އެވެ. އެ ގޮތުން ހަފްތާ އަކު 250،000 ޕައުންޑްގެ މުސާރައެއް ހުށަހަޅާފައިވީ ނަމަވެސް އޮބާމަޔަން އެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންނުވަނީ ވަކި ކަންތައްތަކެއް ކްލަބްގެ ފަރާތުން ބޭނުންވާތީ އެވެ.
ފްރާންސާއި ސްޕެއިނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮބާމަޔަން ބޭނުންވަނީ އާސެނަލުން ތަށްޓަށް ވާދަކުރެވޭނެ ވަރުގެ ޓީމެއް ބިނާކުރަން ކުރިއަށް އޮތް ޓްރާންސްފާ މާކެޓްގައި ކުރާނެ މަސައްކަތްތައް އެނގޭށެވެ. މިހާރު އޭނާ ހުރީ ކެރިއަރުގެ ފަހު ކޮޅުގައި ކަމަށްވާއިރު، ދެން އޭނާ ސޮއިކުރާ ކޮންޓްރެކްޓާ އެކު އޭނާ އެ ކްލަަބެއްގައި ކެރިއަރު ނިންމާލުމުގެ ފުރުސަތު ވެސް އެބައޮތެވެ. އާސެނަލްގެ ޓީމު ވަރުގަަދަ ކުރުމުގެ ގޮތުން ހަރަދުކުރަން ކްލަބްގެ ވެރިންގެ ސަޕޯޓް ވެސް ލިބޭކަމުގެ ޔަގީންކަން އޮތްނަމަ އޮބާމަޔަން ހުރީ އެ ޓީމުގައި މަޑުކުރާ ގޮތަށެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ އޮބާމަޔަން އަކީ އާސެނަަލަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށާއި އޭނާ ބޭނުންވާ ކާމިޔާބީތައް ހޯދުމުގައި އެ ކްލަބަށް އެހީތެރިވެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެކަމަކު ކުޅުންތެރިޔާ ވިސްނަން ޖެހޭ ކަންތައްތަކެއް ހުންނާނެ ކަމަށާއި މީގައި އެންމެ ފަހު ގޮތް ނިންމާނީ އޮބާމަޔަން ކަމަށް އާޓެޓާ ބުންޏެވެ.
ގެބޮން އަށް އުފަން އޮބާމަޔަން ހޯދަން ޝައުގުވެރިވާ ކްލަބްތަކުގެ ތެރޭގައި ބާސެލޯނާ އާއި އިންޓަ މިލާން ހިމެނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އޮބާމަޔަން ވިއްކާލަން ޖެހިއްޖެނަމަ އެ މަގާމަށް ގެންނަން އާސެނަލުން ބޭނުންވަނީ ލިޔޯންގެ ފޯވާޑް މޫސާ ޑެމްބެލޭ ނުވަތަ ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް އެވެ.
މީގެ ދެ އަހަރު ކުރިން ބޮރޫޝިއާ ޑޯޓްމްންޑް ދޫކޮށް 63 މިލިއަން ޔޫރޯ އަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން އެ ޓީމަށް ކުޅޭ ފަހު މެޗަކީ އަންނަ މަހުގެ އެއް ވަނަ ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅޭ އެފްއޭ ކަޕްގެ ފައިނަލް މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ.
އޭސީ މިލާނުން 2008 ވަނަ އަހަރު ޔޫތު ކެރިއަރު ފެށި އޮބާމަޔަން ފަހުން ޑިޔޯން، ލިލް އަދި މޮނާކޯ އަށް ކުޅުނު ނަމަވެސް އޭނާ ބޮޑަށް ފާހަގަވާން ފެށީ 2011 ވަނަ އަހަރު ސެއިން އެޓިއެން އަށް ބަދަލުވި ފަހުންނެވެ. އެ ޓީމުގައި އޭނާ ދައްކަން ފެށި މޮޅު ކުޅުމުގެ ސަބަބުން 2013 ވަނަ އަހަރު ޔާގެން ކްލޮޕްގެ ބޮރޫޝިއާ ޑޯޓްމަންޑުން އޭނާގެ ސޮއި ހޯދި އެވެ. އެ ކްލަބްގައި އޮބާމަޔަން ހޭދަކުރި ފަސް އަހަރުގައި އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy