ޝެފީލްޑުން ޖެހި ހިލޭ ޖެހުމުގައި އެސްޓަން ވިލާގެ ކީޕަރު ނައިލަންޑް ބޯޅަ ހިފައިގެން ގޯލުގެ ތެރޭގައި.--
29 ޖުލައި 2020 - 13:39
ލަންޑަން (ޖުލައި 29) - އިނގިރޭސި ޕްރިމިއާ ލީގުގައި މި ފަހަރު އެސްޓަން ވިލާ އާއި ޝެފީލްޑް ޔުނައިޓެޑް ކުޅުނު މެޗުގައި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ބަލައިނުގަތް ގޯލެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމާ ބެހޭގޮތުން ބޯންމައުތުގެ ބޯޑުން މަޝްވަރާކުރަން ފަށައިފި އެވެ.
ބޯންމައުތު ރެލިގޭޓްވެ އެސްޓަން ވިލާ ސަލާމަތްވީ އެއް ޕޮއިންޓުގެ ފަރަގުންނެވެ. ބޯންމައުތުން ގަބޫލުކުރާގޮތުގައި ޖޫން 17 ވަނަ ދުވަހު ޝެފީލްޑް ޔުނައިޓެޑާއި އެސްޓަން ވިލާ 0-0 އިން އެއްވަރުވި މެޗަކީ ހަގީގަތުގައި އެހެން ގޮތަކަށް ނަތީޖާ ނުކުމެ، ބޯންމައުތު ލީގުން ރެލިގޭޓްވުމުން ސަލާމަތްވެދާނެ ހާލަތެއް މެދުވެރިވެދާނެ މެޗެކެވެ.
ޝެފީލްޑާއި އެސްޓަން ވިލާ ކުޅުނު މެޗުގައި ޝެފީލްޑްގެ ކެޕްޓަން އޮލިވާ ނޯވުޑް ޖެހި ހިލޭ ޖެހުމުގައި ބޯޅަ ހިފައިގެން އެސްޓަން ވިލާ ކީޕަރު އޯރްޔާން ނައިލަންޑް ގޯލުގެ ރޮނގު ހުރަސްކުރެ އެވެ. އެކަމަކު ގޯލްލައިން ޓެކްނޮލޮޖީގައި ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން އެ ގޯލު ބަލައިގަންނަން ރެފްރީ އަށް އިރުޝާދު ނުލިބޭތީ އަދި ލައިންސްމަނަށް ވެސް ބޯޅަ ގޯލުގެ ރޮނގު ހުރަސްކުރިތަން ނުފެންނާތީ އެ ގޯލު ބަލައިނުގަންނަން ނިންމި އެވެ.
ބޯންމައުތުން މިހާރު ވަނީ ރަސްމީކޮށް ކޯޓަށް ހުށަހަޅައިން މި މައްސަލަ ކުރިއަށްގެންދިއުމާ މެދު އެ ކްލަބްގެ ބޯޑުގައި މަޝްވަރާތައް ފަށައިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ބޯންމައުތުން ބޭނުންވަނީ މި ގޯސް ނިންމުމުގެ ސަބަބުން އެ ޓީމަށް ލިބުނު ގެއްލުމުގެ ބަދަލެއް ހޯދާށެވެ.
ގޯލްލައިން ޓެކްނޮލޮޖީގެ ކަންތައްތައް ބަލަހައްޓާ ހޯކްއައި އިން އެ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 9000 އަށް ވުރެން ގިނަ މެޗުތަކުގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކުރިއިރު އެ މެޗުގައި ދިމާވި ފަދަ ހާލަތެއް ދިމާނުވާ ކަމަށާއި ޓެކްނިކަލް މައްސަލައެއް ކުރިމަތިވެ ގޯލް ލައިން ޓެކްނޮލޮޖީ އަށް އެންމެ ފުރިހަމަ އަށް އެ މަންޒަރުތައް ރެކޯޑް ނުވުމުން އެކަމާ މާފަށް އެދޭ ކަމަށެވެ.
ގޯލްލައިން ޓެކްނޮލޮޖީ އަށް އެ މަންޒަރު ނުފެނުނަސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އެ ކަންތައްތައް ނުބެލީ ގަވާއިދުގެ ތެރެއިން އެކަން ކުރެވެން ނެތުމުން ކަމަށް ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލް ލިމިޓެޑް (ޕީޖީއެމްއޯއެލް) އިން ވަނީ ބުނެފަ އެވެ. އެކަމަކު ކުރިއަށް އޮތްތަނުގައި އެ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ވީއޭއާރް މެދުވެރިކޮށް ބެލޭނެ ގޮތެއް ގަވާއިދުގެ ތެރޭގައި ހިމެނޭތޯ މަސައްކަތްކުރާނެ ކަމަށް ޕީޖީއެމްއޯއެލް އިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy