29 ޖުލައި 2020 - 11:32
ބާސެލޯނާ (ޖުލައި 29) - އަންނަ ސީޒަނުގައި ޔުވެންޓަސް އަށް ބަދަލުވާން ހުރިހާ ކަމެއް ނިމިފައިވާ ބްރެޒިލްގެ މިޑްފީލްޑަރު އާތޫރް މެލޯ ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ކުޅެން ދެކޮޅު ހަދާތީ އޭނާއާ މެދު ފިޔަވަޅު އަޅަން އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީގެ އެއް މަސް ކުރިން ބާސެލޯނާ އާއި ޔުވެންޓަސްގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ތެރެއިން އާތޫރް ވަނީ 80 މިލިއަން ޑޮލަރުގެ އެއްބަސްވުމަކަށް ޔުވެންޓަސްއާ ގުޅެން ފަސް އަހަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ. އެ ޑީލުގެ ތެރެއިން ޔުވެންޓަސް އަށް ކުޅޭ ބޮސްނިއާގެ މިޑްފީލްޑަރު މިރަލެމް ޕިޔަނިޗް ބާސެލޯނާއާ ގުޅޭނެ އެވެ.
ސްޕެނިޝް ލީގު ނިމިފައިވާއިރު މިހާރު ބާސެލޯނާ އަށް އޮތީ އަންނަ މަހު ފަށާ ޗެމްޕިއަންސް ލީގެވެ. ޗެމްޕިއަންސް ލީގުގައި ކުޅޭ ބާސެލޯނާގެ ސްކޮޑުގައި އާތޫރް ހިމަނާފައިވާއިރު، އޭނާ ވަނީ އިތުރު މެޗެއް ބާސެލޯނާ އަށް ނުކުޅެން ނިންމައިފަ އެވެ. އަދި ބާސެލޯނާ އިން އަލުން ޕްރެކްޓިސް ފެށިއިރު ކޮވިޑް-19 ޓެސްޓް ހަދަން ވެސް ހާޒިރުނުވުމުގެ އިތުރުން ފުރަތަމަ ޓްރެއިނިން ސެޝަންތަކުގައި ވެސް އޭނާ ނުދެ އެވެ.
މި މައްސަލައިގައި ހިތްހަމަނުޖެހި ބާސެލޯނާގެ ބޯޑުން ނިންމާފައިވަނީ އާތޫރާ މެދު ފިޔަވަޅު އަޅާށެވެ. ރިޕޯޓްތައް ބުނާގޮތުގައި ޗެމްޕިއަންސް ލީގުގައި އާތޫރް ނުކުޅެފިނަމަ އޭނާ ބޮޑު ޖޫރިމަނާއެއްކުރަން ބާސެލޯނާގެ ބައެއް ބޯޑު މެމްބަރުން ބޭނުންވެ އެވެ.
ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އުމުރުން 23 އަހަރުގެ އާތޫރް މި ވަގުތު ބްރެޒިލްގައި ހުރީ އަންނަ ސީޒަނަށް ތައްޔާރުވުމުގެ ވިސްނުމުގައި ކަމަށާއި އޭނާ ދެން ޔޫރަޕަށް ދާނީ ސެޕްޓެމްބަރު މަހު ޔުވެންޓަސްއާ ރަސްމީކޮށް ގުޅެން ކަމަށެވެ. އަދި އާތޫރްގެ އޭޖެންޓް ވަނީ ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓްގެ ފަހު މަސް ކެންސަލްކުރަން ބޭނުން ކަމަށް ބުނެފަ އެވެ.
މީގެ ދެ އަހަރު ކުރިން ބްރެޒިލްގެ ގްރެމިއޯ އިން ބާސެލޯނާ އަށް ބަދަލުވި އާތޫރް ވިއްކާލަން އެ ކްލަބްގެ ބޯޑުން ނިންމީ އޭނާގެ ހިތާ ދެކޮޅަށެވެ. ބާސެލޯނާގައި މަޑުކުރަން ބޭނުންވާ ކަމަށް އާތޫރް ވަނީ ގިނަ ފަހަރެއްގެ މަތިން މީޑިއާގައި ބުނެފަ އެވެ. އެކަމަކު ކްލަބުން އެންމެ ފަހުން އޭނާ ވިއްކާލަން ނިންމުމުން އެ ގޮތަށް އެއްބަސްވީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy