އިމޮބިލޭ (މ) ބޯޅަ ކޮންޓްރޯލްކުރާއިރު ކަލިއާރީގެ ކުޅުންތެރިން ސަމާލުވެގެން. --ފޮޓޯ: އޭއެފްޕީ
02 އޯގަސްޓް 2020 - 12:52
ނޭޕްލްސް (އޮގަސްޓް 2) – ޔޫރަޕުގެ ރަންބޫޓާއި އިޓާލިއަން ލީގުގެ ރަންބޫޓް ލާޒިއޯގެ ކެޕްޓަން ޗީރޯ އިމޮބިލޭ ހާސިލްކޮށްފި އެވެ.
ރޭ ނަޕޯލީ އަތުން ލާޒިއޯ 3-1 އިން ބަލިވި މެޗުގައި ޖެހި ލަނޑާ އެކު އިމޮބިލޭގެ ޖުމްލަ އަކީ 36 ގޯލެވެ. އެއާ އެކު އޭނާ ވަނީ، ޔުވެންޓަސްގެ މިހާރުގެ ފޯވާޑް ގޮންޒާލޯ ހިގުއައިން ނަޕޯލީގައި 62015/201 ގައި 36 ގޯލާ އެކު އިޓާލިއަން ލީގުގެ އެއް ސީޒަނެއްގައި އެންމެ ލަނޑު ޖަހައިގެން ހެދި ރެކޯޑާ އެއްވަރުކޮށްފަ އެވެ.
ޔޫރަޕުގެ ރަންބޫޓުގެ ލިސްޓުގެ ދެ ވަނަ އަށް ދިޔައީ 34 ލަނޑު ޖެހި ޖަރުމަނުގެ ބަޔާން މިއުނިކުގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ އެވެ. އަދި ތިން ވަނަ އަށް ދިޔައީ 31 ލަނޑާ އެކު ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ލިސްޓުގެ އެއް ވަނަ ހޯދަން އޭނާ އަށް ފުރުސަތު އޮތް ނަމަވެސް ޔުވެންޓަސްގެ ފަހު މެޗުގައި ރޭ ރޯމާއާ ދެކޮޅަށް އޭނާ އަށް ފުރުސަތެއް ނުދެ އެވެ. އެއީ ޗެމްޕިއަންސް ލީގުގައި މި ހަފުތާގައި ފްރާންސްސްގެ އޮލިމްޕިކް ލިޔޯނާ ދެކޮޅަށް ކުޅެން އޮތުމުން އަރާމުކުރަން ފުރުސަތު ދޭށެވެ.
ޔޫރަޕުގެ ރަންބޫޓް އެންމެ ގިނައިން ހޯދީ ހަ ފަހަރު ހޯދި ބާސެލޯނާގެ ލިއޮނަލް މެސީ އެވެ. އޭނާގެ ފަހަތުން ދެ ވަނައިގައި އޮތީ ހަތަރު ފަހަރު ހޯދި ރޮނާލްޑޯ އެވެ.
އިޓާލިއަން ލީގުގެ ލަނޑު ލިސްޓުގައި އިމޮބިލޭ އާއި ރޮނާލްޑޯގެ ފަހަތުން ތިން ވަނަ ހޯދީ 23 ލަނޑު ޖެހި އިންޓަ މިލާނުގެ ރޮމެލޫ ލުކާކޫ އެވެ.
މިއީ އިމޮބިލޭ، 30، އިޓާލިއަން ލީގުގެ ރަންބޫޓް ހޯދި ތިން ވަނަ ފަހަރެވެ. ޓޮރިނޯގައި ވިދާލި އިމޮބިލޭ ވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާއި ސްޕެއިނުގެ ސެވިއްޔާ އަށް ވެސް ކުޅެފަ އެވެ. އޭނާ އަލުން ފޯމަކަށް އެޅުނީ 2016 ގައި ލާޒިއޯ އަށް ބަދަލުވި ހިސާބުންނެވެ. އޭނާ ވަނީ އިޓަލީ ގައުމީ ޓީމަށް 39 މެޗުން 10 ގޯލް ޖަހައިދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy