24 އޯގަސްޓް 2020 - 10:20
ލަންޑަން (އޮގަސްޓް 24) – މެންޗެސްޓާ ޔުނައިޓެޑުން މިޑްފީލްޑަރު ޕައުލް ޕޮގްބާ ވިއްކާނުލާނެ ކަމަށާއި އާ ކޮންޓްރެކްޓުގެ މަޝްވަރާތައް ވަރަށް އަވަހަށް ފެށޭނެ ކަމަށް އޭނާގެ އޭޖެންޓް މިނޯ ރައިއޯލާއާ ހަވާލާދީ ބީބީސީން ބުނެފި އެވެ.
އުމުރުން 27 އަހަރުގެ ޕޮގްބާ ޔުނައިޓެޑް ދޫކޮށްލާން އުޅޭ ކަމަށް ފާއިތުވި އަހަރު މީޑިއާގައި ގިނަ ވާހަކަތަކެއް ދެކެވުނެވެ. އެކަމަކު ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑާ ގުޅުނު ފަހުން އެ ޓީމުގެ ނަތީޖާތައް ރަނގަޅުވެ ޓީމު ރަނގަޅު މިސްރާބަކަށްދާތީ ޕޮގްބާ މިހާރު ބޭނުންވަނީ އެ ކްލަބާ އެކު ކުރިއަށްދާން ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ޕޮގްބާ މި ވަގުތު ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުމުގައިވާގޮތުން ޔުނައިޓެޑުން ބޭނުންނަމަ އިތުރު އެއް އަހަރަށް އާ ކުރުމުގެ ފުރުސަތު އެބައޮތެވެ. އެހެން ނަމަވެސް ވަކި ކަންތައްތަކެއް ފުރިހަމަ ނުވެ އޮވެއްޖެނަމަ ޕޮގްބާ ބޭނުންވެގެން ކޮންޓްރެކްޓް އެ ހިސާބުން ނިންމާލުމުގެ އިހުތިޔާރު ވެސް އޭނާ އަށް ލިބެ އެވެ.
ޕޮގްބާގެ އޭޖެންޓް ރައިއޯލާ ބުނީ ޔުނައިޓެޑުން ޕޮގްބާ އަށް ލިބޭ އެއްވެސް ހުށަހެޅުމެއް ގަބޫލުނުކުރާނެ ކަމަށެވެ. އަދި ހާސްކަމެއް ނެތް ކަމަށާއި ވަރަށް އަވަހަށް އާ ކޮންޓްރެކްޓާ ބެހޭގޮތުން ވާހަކަތައް ފަށާނެ ކަމަށެވެ.
ޔުވެންޓަސްގެ ކޯޗުކަމާ ހަވާލުވި ކުރީގެ މިޑްފީލްޑަރު އަންދްރޭ ޕިރްލޯ އެ ޓީމު ވަރުގަދަ ކުރުމުގެ ގޮތުން އެންމެ ބޮޑަށް ފާރަލާނެ ކުޅުންތެރިއަކީ ޕޮގްބާ ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ. ޕޮގްބާ އަކީ ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބުމުން 2012 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. ޕިރްލޯ 2011 އިން 2015 ވަނަ އަހަރާ ހަމައަށް ޔުވެންޓަސް އަށް ކުޅުނުއިރު ޕޮގްބާއާ އެކު ވަނީ އެކުގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ. ފަހުން ޕޮގްބާ އަލުން ޔުނައިޓެޑާ ގުޅުނީ 2016 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy