ސިޓީގެ ވެރިޔާ ޝެއިހް މަންސޫރު (ކ) އާއި ސީއެފްޖީގެ ސީއީއޯ ހަލްދޫން މުބާރަކް.-- ފޮޓޯ: އޭއެފްޕީ
05 ސެޕްޓެމްބަރ 2020 - 11:30
މެންޗެސްޓާ (ސެޕްޓެމްބަރު 5) - މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ޔޫއޭއީގެ ސިޓީ ފުޓްބޯލް ގްރޫޕް (ސީއެފްޖީ) އިން ފްރާންސް ދެ ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ޓްރޮއީސް އޭސީ ގެނެފި އެވެ.
ޓްރޮއީސް އަކީ ސީއެފްޖީގެ ހިއްސާ ހިމެނޭ ގޮތަށް ގަތް 10 ވަނަ ކްލަބް އެވެ. މީގެ ތެރެއިން ހަތަރު ކްލަބަކީ ނިސްބަތްވަނީ ޔޫރަޕަށެވެ. އެއީ އިންގްލެންޑްގައި ސިޓީ އާއި ސްޕެއިނުގައި ޖިރޯނާ އަދި މިދިޔަ މެއި މަހު ބެލްޖިއަމުން ގަތް ލޮމެލް އެސްކޭ އެވެ.
ސީއެފްޖީން ހިންގާ އެހެން ކްލަބްތަކުގެ ތެރޭގައި އިންޑިއާގެ މުމްބާއީ ސިޓީ އާއި އެމެރިކާގެ މޭޖާ ލީގުގެ ނިއު ޔޯކް ސިޓީ އެފްސީ އާއި އޮސްޓްރޭލިއަން އޭ ލީގުގެ މެލްބަން ސިޓީ އާއި ޖަޕާނުގެ ޔޮކަހާމާ އެފް. މެރިނޯސް އާއި އުރުގުއޭގެ ކްލަބް އެތުލެޓިކޯ ޓޯކުއޭ އަދި ޗައިނާގެ ސީޗުއާން ޖިއުނިއު އެފްސީ އެވެ.
ސީއެފްޖީގެ ޗީފް އެގްޒެކްޓިވް ފެރަން ސޮރިއާނޯ ވިދާޅުވީ ފްރާންސް ކްލަބެއް ހޯދުމުގެ ޝައުގުވެރިކަން މީގެ ކުރިން ވެސް އޮތް ކަމަށާއި ސީއެފްޖީން ބޭނުންވާ ޕްރޮޖެކްޓާ ގުޅޭ ކްލަބަކާ ދިމާވީ ޓްރޮއީސްއާ މަޝްވަރާކުރެވުނު ހިސާބުން ކަމަށެވެ.
"މިއީ އަހަރެމެންނަށް ފްރާންސްގައި ކްލަބް ފުޓްބޯޅަ އިތުރު ހަރުފަތަކަށް ގެންދަން ފެށޭ މަސައްކަތަކަށް ހަދަން ބޭނުން. މިއީ ފުޓްބޯޅަ އަށް ސަޕޯޓްކުރާ ގިނަ ބަޔަކު އުޅޭ ގައުމެއް. މިތަނުގައި ފުޓްބޯޅައިގެ މާކެޓް ބޮޑު އަދި ހުނަރުވެސް އެހާ ގިނަ،" ސޮރިއާނޯ ވިދާޅުވި އެވެ.
ޓްރޮއީސް އިން ވަނީ 2001 ވަނަ އަހަރުގެ އިންޓަޓޯޓޯ ކަޕާއި 2015 ވަނަ އަހަރުގެ ފްރެންޗް ދެ ވަނަ ޑިވިޝަނުގެ ތަށި ހޯދައިފަ އެވެ. މިދިޔަ ސީޒަނުގައި އެ ޓީމު ނިންމާލީ ދެ ވަނަ ޑިވިޝަނުގެ ހަތަރު ވަނައިގަ އެވެ. ކޮވިޑް-19ގެ ސަބަބުން ލީގު ފުރިހަމަނުކޮށް ވަކި ހިސާބަކުން ކެންސަލްކޮށްލަން ނިންމީ އެވެ.
ސިޓީ ފުޓްބޯލް ގްރޫޕުން ގަންނަ ކްލަބްތައް އޮންނަނީ އެއް ޕްލެޓްފޯމެއްގެ ތެރެއިން ގުޅާލެވިފަ އެވެ. އަދި އެކެޑެމީ ލެވެލްގެ ޕްރޮގްރާމުން ފެށިގެން ހުރިހާ ކަންތައްތަކެއް އެއް މޮޑިއުލުގެ ތެރެއިން ކުރިއަށްދާއިރު، އެކި ޓީމުތަކުގެ މެދުގައި ކުޅުންތެރިން ބަދަލުކުރުމުގެ ކަންތައްތައް ވެސް ކުރިއަށްދެ އެވެ. އެގޮތުން ފްރޭންކް ލަމްޕާޑާއި ޑޭވިޑް ވިޔާ އަކީ ސިޓީ ފުޓްބޯލް ގްރޫޕު މެދުވެރިކޮށް އެއް ކްލަބަށް ވުރެން ގިނަ ކްލަބަށް ކުޅުނު މަޝްހޫރު ކުޅުންތެރިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަފާބެ
07 September 2020
ކަލޯ ރާއްޖެއަށްވެސް ނިކަން އައިސްބަލަ ޓީމެއް ގަނެގެން ނަމަވެސް މި ރާއްޖޭގަ އެބަޖެހޭ ފުޓުބޯޅަ ދިރުވަން
ޖަމަލު
05 September 2020
އަރަބިން ފުޓުބޯޅަ ހަލާކުކޮށްފި
ހެހެެހެ
05 September 2020
އެއީ ކޮން ގޮތަކުން؟ ހާލުގައި ޖެހިފައިވާ ކުލަބުތަށް ކޮޅަށް ޖަހައިގެންތޯ؟
ތޯމަސް ޕާރޓޭ
05 September 2020
ދިވެހި ރާއްޖޭގެ ކްލަބެއްވެސް ނިކަން ގަނެލަބަލަ!
1235
05 September 2020
އެވަރަށް ލާރިއެއްނެތް ނުހުންނާނެ