ނެދަލެންޑްސް އަތުން އިޓަލީ އަށް މުހިއްމު މޮޅެއް

އަމްސްޓެޑަމް (ސެޕްޓެމްބަރު 8) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން އިޓަލީން ނެދަލެންޑްސް އަތުން 1-0 އިން މުހިއްމު މޮޅެއް ހޯދައިފި އެވެ.


މުބާރާތުގެ ފުރަތަމަ މެޗުގައި އިޓަލީ ވަނީ އަމިއްލަ ދަނޑުގައި ބޮސްނިއާއާ 1-1 އިން އެއްވަރުވެފަ އެވެ. އެންމެ ފަހުން މުބާރާތުގެ ފައިނަލުގައި ކުޅުނު ނެދަލެންޑްސް ފުރަތަމަ މެޗުން ވަނީ ޕޮލެންޑް އަތުން 1-0 އިން މޮޅުވެފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު އިޓަލީ އަށް އޮތީ ގްރޫޕްގެ ކުރިއަށް އަރަން މޮޅެއް ހޯދުން މަޖުބޫރުވެފަ އެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގޯލާ އަމާޒުކޮށް ހަމަލާތަކެއް ފޮނުވާލި އެވެ. ނެދަލެންޑްސްގެ ޖިއޮޖީނިއޯ ވައިނަލްޑަމް ފޮނުވާލި ބޯޅައެއް އިޓަލީގެ ޒުވާން ކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ ވަނީ މަތަކޮށްފަ އެވެ. އިޓަލީގެ ލޮރެންޒޯ އިންސީނިއޭ ޖެހި ބޯޅައެއް ގޯލުގެ ދަނޑިކައިރިން ދިޔައިރު، ޗީރޯ އިމޯބިއްލޭ ޖެހި ބޯޅަ ނެދަލެންޑްސްގެ ކީޕަރު ޔެސްޕާ ސިލިސަން ވަނީ އަތަށް ނަގައިފަ އެވެ.

މެޗުގައި ޖެހި ހަމައެކަނި ގޯލު އިޓަލީ އަށް ކާމިޔާބުކޮށްދިނީ ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި ހުރި މިޑްފީލްޑަރު ނިކޯލޯ ބަރެއްލާ އެވެ. ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބަރެއްލާ މި ގޯލު ޖެހީ ނެދަލެންޑްސްގެ ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިކާއި ނޭތަން އަކޭ ކައިިރިން އަރައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.

ދެ ވަނަ ހާފްގައި އިޓަލީގެ ލީޑުފުޅާކުރަން މޮއިސް ކީން އަށް ރަނގަޅު ފުރުސަތެއް ލިބި ބޭނުން ނުކުރެވުނެވެ. ނަތީޖާ ހަމަހަމަކޮށްދޭން ނެދަލެންޑްސްގެ ކުރިއަށް ކުޅޭ މެމްފިސް ޑިޕާއި ޖެހި ބޯޅަ ވެސް ގޯލާ ސީދާނުވި އެވެ.

އިޓަލީ ވަނީ އެންމެ ފަހުން ކުޅުނު 13 މެޗުގެ ތެރެއިން 12 މެޗުން މޮޅުވެފަ އެވެ. އެ ޓީމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ޖެހިޖެހިގެން 11 މެޗުން މޮޅުވުމުން އެނގެނީ ކުޅުންތެރިންގެ މެންޓަލިޓީ ވަރަށް ރަނގަޅުކަން ކަމަށާއި އެކަމަކު އެންމެ ފަހުން ކުޅުނު މެޗުގައި ބޮސްނިއާ އަތުން މޮޅުނުވެވުނީ އެހާ ގިނަ ދުވަސްތަކެއް ވަންދެން މެޗެއް ނުކުޅެ ހުންނަން ޖެހުމުން ކަމަށެވެ.

މޮޅުވި ނަމަވެސް ރޭގެ މެޗުގައި އިޓަލީ އަށް ދިމާވި އެންމެ ކަންބޮޑުވުމަކީ އެ ޓީމުގެ ޒުވާން ތަރި ނިކޯލޯ ޒަނިއޯލޯ ކަކުލަށް އަނިޔާވެ ބަދަލުކުރަން ޖެހުމެވެ. ވާތު ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކުން ރަނގަޅުވެ އުމުރުން 21 އަހަރުގެ ޒަނިއޯލޯ އެނބުރި ކުޅުމަށް އައީ ދާދި ފަހުންނެވެ. މަންޗިނީ ބުނީ ޒަނިއޯލޯއާ މެދު އެއްޗެއް ބުނަން އެނގޭނީ އޭނާ ޓެސްޓުގެ ނަތީޖާ އެނގުމުން ކަމަށެވެ.

ރޭ ކުޅުނު މި ގްރޫޕްގެ އަނެއް މެޗުން ޕޮލެންޑް ވަނީ ރަށުން ބޭރުގައި 2-1 އިން ބޮސްނިއާ ބަލިކޮށްފަ އެވެ. އެހެން ގްރޫޕްތަކުގެ ފާހަގަކޮށްލެވޭ މެޗުތަކަށް ބަލާއިރު ޗެކް ރިޕަބްލިކް އަތުން 2-1 އިން ސްކޮޓްލެންޑް މޮޅުވިއިރު، ނޮދަން އަޔަލެންޑް އަތުން ނޯވޭ ވަނީ 5-1 އިން މޮޅުވެފަ އެވެ.