16 ސެޕްޓެމްބަރ 2020 - 09:41
ލަންޑަން (ސެޕްޓެމްބަރު 16) - އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެ ކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފި އެވެ.
ގެބޮން އަށް އުފަން އުމުރުން 31 އަަހަރުގެ އޮބާމަޔަން އާސެނަލާ އެކު ސޮއިކުރި އާ ކޮންޓްރެކްޓާ އެކު އޭނާ ވެގެންދާނީ އެ ޓީމުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ. ރިޕޯޓްތައް ބުނާގޮތުން އޮބާމަޔަން އަށް އަހަރަކު 21 މިލިއަން ޔޫރޯ ލިބޭނެ އެވެ.
އޮބާމަޔަން ކުރިން އާސެނަލުގެ ކޮންޓްރެކްޓްގައި ހުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަލަށެވެ. އާސެނަލްގައި އޮބާމަޔަން މަޑުކުރުމުގައި އެންމެ އިސް ރޯލެއް ކުޅުނީ އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާ އެވެ. މިދިޔަ ޑިސެމްބަރު މަހު އާޓެޓާ އާސެނަލާ ހަވާލުވި ފަހުން އޭނާ އެ ޓީމު ކުރިއެރުވުމުގެ އެންމެ މުހިއްމު އެއް މަސައްކަތެއްގެ ގޮތުގައި ކުރި ކަމަކީ އޮބާމަޔަން އެ ޓީމުގައި މަޑުކުރުވުމެވެ.
އާސެނަލްގައި މަޑުކުރުމަށް އޮބާމަޔަން ނިންމީ ދެ ކްލަބަކުން ފަހު ވަގުތު އޭނާ އަށް ރަނގަޅު ކޮންޓްރެކްޓެއް ހުށަހަޅާފައި ވަނިކޮށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން އޮބާމަޔަން އަށް ބޮޑު މުސާރައެއް ހުށަހެޅި ދެ ކްލަބަކީ ސްޕެއިނުގެ ބާސެލޯނާ އާއި އިޓަލީގެ ޔުވެންޓަސް އެވެ.
"މި ކްލަބްގައި މަޑުކޮށް ލެޖެންޑަކަށް ވާން ބޭނުން. ކްލަބް މިހާރު އޮތީ ރަނގަޅު މިސްރާބެއްގައި. އަލުން މި ޓީމު ހައްގު ހިސާބަށް ގެންގޮސްދޭން ބޭނުން،" އެއްބަސްވުން އާ ކުރުމަށް ފަހު އޮބާމަޔަން ބުންޏެވެ.
ބޮރޫޝިއާ ޑޯޓްމްންޑް ދޫކޮށް 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު 63 މިލިއަން ޔޫރޯ އަށް އާސެނަލަށް ސޮއިކުރި އޮބާމަޔަން ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 111 މެޗުން ވަނީ 72 ގޯލު ޖަހައިފަ އެވެ. އޭނާ އެ ޓީމާ އެކު ވަނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕާއި މި ފަހަރުގެ ޗެރިޓީ ޝީލްޑް އުފުލާލައިފަ އެވެ. ޕްރިމިއާ ލީގުގެ ރަން ބޫޓު ވެސް އެއް ސީޒަނުގައި ހާސިލްކޮށްފައިވާ އޮބާމަޔަން ވަނީ މި ފަހަރުގެ ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލަނޑު ޖަހައިފަ އެވެ.
އޭސީ މިލާނުން 2008 ވަނަ އަހަރު ޔޫތު ކެރިއަރު ފެށި އޮބާމަޔަން ފަހުން ޑިޔޯން، ލިލް އަދި މޮނާކޯ އަށް ކުޅުނު ނަމަވެސް އޭނާ ބޮޑަށް ފާހަގަވާން ފެށީ 2011 ވަނަ އަހަރު ސެއިން އެޓިއެން އަށް ބަދަލުވި ފަހުންނެވެ. އެ ޓީމުގައި އޭނާ ދައްކަން ފެށި މޮޅު ކުޅުމުގެ ސަބަބުން 2013 ވަނަ އަހަރު ޔާގެން ކްލޮޕްގެ ބޮރޫޝިއާ ޑޯޓްމަންޑުން އޭނާގެ ސޮއި ހޯދި އެވެ. އެ ކްލަބްގައި އޮބާމަޔަން ހޭދަކުރި ފަސް އަހަރުގައި އޭނާ ވަނީ ބޮޑު ކުރިއެރުމެއް ހޯދައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮމޭ
16 September 2020
ލެޖެންޑް ފޯރ އެވަރ އައުބާ. ލަވް ޔޫ ވަަކަންޑާ
އޮޒިލް
16 September 2020
އިން ދަ ހާރޓްސް އޮފް ދަ ފޭންސް 4އެވަރ.
ރަދީފްއޮފިޝިއަލް
16 September 2020
ސާބަހޭ އައުބާ.ތޭންކްސް ބްރަދާ.