ޗެލްސީން ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކީޕަރު މެންޑީ ބޯޅަ ހިފައިގެން.-- ފޮޓޯ: އޭއެފްޕީ
11 އޮކްޓޯބަރ 2020 - 10:10
ލަންޑަން (އޮކްޓޫބަރު 11) - ޗެލްސީގެ ގޯލްކީޕަރު އެޑޮއާޑް މެންޑީ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ އަށް ކުރިއަށް އޮތް ތިން މެޗު ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ މެންޑީ އަށް އަނިޔާވީ ސެނެގޯލްގެ ޕްރެކްޓިހުގެ ތެރެއިންނެވެ. އަނިޔާވުމާ އެކު އޭނާ ވަނީ ގައުމީ ޓީމުގެ ކޭމްޕުން ވަކިވެ، ޗެލްސީ އަށް އައިސްފަ އެވެ. ފުރަތަމަ ބެލެވުނީ މެންޑީގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއިން ރަނގަޅުވާން މަދުވެގެން ފަސް ހަފްތާ ނަގާނެ ކަމަށެވެ. އެކަމަކު ޓެސްޓްތަކެއް ހެދުމަށް ފަހު އޭގެ ނަތީޖާ ދައްކާގޮތުން ދެ ހަފްތާއެއްހާ ދުވަސްތެރޭގައި މެންޑީ އަށް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވޭނެ އެވެ.
އަނިޔާގެ ސަބަބުން މެންޑީ އަށް ގެއްލޭނެ ކަމަށް ބެލެވޭ މެޗުތަކަކީ މި މަހު 17 ވަނަ ދުވަހު ޗެލްސީ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗާއި އޭގެ ތިން ދުވަސް ފަހުން ޗެމްޕިއަންސް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭ މެޗުގެ އިތުރުން މި މަހު 24 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗެވެ. މެންޑީ އެނބުރި އަންނާނީ ޗެމްޕިއަންސް ލީގުގައި ރަށުންބޭރުގައި ކްރަސްނޯޑާއާ ދެކޮޅަށް ކުޅޭ މެޗަށެވެ.
ފްރާންސްގެ ރެނެސް ދޫކޮށް 22 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވި މެންޑީ ވަނީ އެ ޓީމަށް ދެ މެޗު ކުޅެދީފަ އެވެ. އެއީ ކަރަބާއޯ ކަޕް (ލީގު ކަޕް)ގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ޕެނަލްޓީ ޖަހައިގެން ބަލިވި މެޗާއި ލީގުގައި އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ޗެލްސީ މޮޅުވި މެޗުގަ އެވެ.
މެންޑީ އަށް އަނިޔާވުމުން ދެން ޗެލްސީގެ ގޯލު ބަލަހައްޓާނީ ސްޕެއިނުގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އެވެ. ޗެލްސީން މި ސީޒަން ފެށީ ދުނިޔޭގެ އެންމެ އަގުބޮޑު ކީޕަރުގެ ގޮތުގައި މީގެ ދެ އަހަރު ކުރިން އެ ޓީމަށް ގެނައި ކެޕާ ގޯލުގައި ބަހައްޓައިގެންނެވެ. އެކަމަކު ލިވަޕޫލް އަތުން އަމިއްލަ ދަނޑުގައި ޗެލްސީ ބަލިވި މެޗުގައި ކެޕާ އަށް ހެދުނު ގޯހެއްގެ ސަބަބުން އޭނާ އަށް ޓީމުގެ ފުރުސަތު ގެއްލުނީ އެވެ. ޗެލްސީން ލީގުގައި ކުޅުނު ތިން ވަނަ މެޗުގައި އެ ޓީމު ގޯލު ބެލެހެއްޓީ ތަޖުރިބާކާރު ކީޕަރު ވިލީ ކަބަލޭރޯ އެވެ.
އަންނަ ހަފްތާގައި ލީގުގެ މެޗުތައް އަލުން ފަށާއިރު ޗެލްސީ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގައި ތިބި ކްރިސްޓިއަން ޕުލިސިޗާއި ހަކީމް ޒިޔެޗް ފިޓްވެފައިވުމެވެ. ހުކުރު ދުވަހު ސެނެގޯލް އަތުން 3-1 އިން މޮރޮކޯ މޮޅުވި މެޗުގައި ޒިޔެޗް ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy