ނެދަލެންޑްސް ފޯވާޑް އެމްފިސް ޑިޕާއީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ
13 އޮކްޓޯބަރ 2020 - 09:50
ބާސެލޯނާ (އޮކްޓޫބަރު 13) – ބާސެލޯނާ އިން އަންނަ ޖެނުއަރީ މަހު ލިޔޯނުގެ ވިންގާ އެމްފިސް ޑިޕާއީ އާއި ލިވަޕޫލުގެ މިޑްފީލްޑަރު ގިނީ ވައިނަލްޑަމް އަދި މެންޗެސްޓާ ސިޓީގެ ޑިފެންޑަރު އެރިކް ގާސިއާ ގެންނަން ރާވަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މި ތިން ކުޅުންތެރިން ހޯދަން ބާސެލޯނާ އިން ދާދި ފަހުން ނިމުނު ޓްރާންސްފާ ބާޒާރުގައި މަސައްކަތްކުރި އެވެ. ތިން ކުޅުންތެރިންގެ ކޮންޓްރެކްޓް ވެސް ސީޒަން ނިމުމުން ހަމަވާނެތީ، ޖެނުއަރީ މަހު ކުޑަ އަގަކަށް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.
ޑިޕާއީ ވަނީ ލިޔޯނުގެ ކޮންޓްރެކްޓް އާނުކުރާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ. ނެދަލެންޑްސް ގައުމީ ޓީމުގައި އޭނާ އަށް ކޯޗުކޮށްދިން ރޮނާލްޑް ކޫމަންގެ ކޯޗުކަމުގައި ބާސެލޯނާ އަށް ކުޅުމަކީ އޭނާ އަށް ހުވަފެނީ ބަދަލަކަށް ވާނެ ކަމަށް ބެލެވެ އެވެ.
ގާސިއާ ވެސް ބޭނުންވަނީ ސްޕެއިނަށް އެނބުރި ދާށެވެ. އެހެންވެ ޔޫތު ކެރިއަރު ހޭދަކުރި ބާސެލޯނާ އަށް އެނބުރި ދިއުމަކީ އުމުރުން 20 އަހަރުގެ ކުޅުންތެރިޔާ އަށް ވަރަށް އެކަށޭނެ ބަދަލެކެވެ. މިދިޔަ ސީޒަނުގައި އޭނާ އަށް ޕެޕް ގާޑިއޯލާ ފުރުސަތުތަކެއް ދިން ނަމަވެސް މި ސީޒަނުގައި އަދި މާބޮޑު ފުރުސަތެއް ނެތެވެ.
އަނެއްކޮޅުން ސީޒަން ނިމުމުން ހިލޭ ދޫކޮށްލަން ޖެހުނަސް، ވައިނަލްޑަމް ޖެނުއަރީ މަހު ދޫކޮށްލަން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕް ބޭނުންނުވާ ކަމަށްވެ އެވެ. އެހެންވެ އެންމެ އުނދަގޫވާނެ ކަމަށް ބެލެވެނީ ވައިނަލްޑަމް ގެންނަން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy