ކުޑަ އަގެއްގައި ޕޮގްބާ ވިއްކާލަން ޔުނައިޓެޑް ތައްޔާރު: ރިޕޯޓް

މެންޗެސްޓާ (ނޮވެމްބަރު 6) - މެންޗެސްޓާ ޔުނައިޓެޑުން އެ ޓީމުގެ ފްރާންސް ތަރި ޕައުލް ޕޮގްބާ ނިސްބަތުން ކުޑަ އަގެއްގައި ވިއްކާލަން ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އުމުރުން 27 އަހަރުގެ ޕޮގްބާއާ އެކު ޔުނައިޓެޑުން ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން އަށް ހަމަވާނެ އެވެ. އެކަމަކު ޔުނައިޓެޑުން ބޭނުން ނަމަ ޕޮގްބާއާ އެކު އެ އެއްބަސްވުން އިތުރު އެއް އަހަރަށް އާ ކުރުމުގެ އިހުތިޔާރު އޮވެ އެވެ. ދާދި ފަހުން ޔުނައިޓެޑުން އެ އިހުތިޔާރުގެ ބޭނުން ހިފައި އޭނާ އިތުރު އެއް ސީޒަނަށް މަޑުކުރުވަން ނިންމި އެވެ. އެކަމަކު އިނގިރޭސި އަދި ފްރާންސް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޔުނައިޓެޑުން މިހާރު ވަނީ ވިސްނުން ބަދަލުކޮށް ރަނގަޅު ބިޑެއް ލިބިއްޖެނަމަ ޕޮގްބާ ދޫކޮށްލަން ނިންމައިފަ އެވެ.

ކުރިން ޔުނައިޓެޑުން ޕޮގްބާ ވިއްކާލަން ކީ މަދުވެގެން 100 މިލިއަން ޔޫރޯ އަށެވެ. އެކަމަކު ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން 60 މިލިއަން ޔޫރޯގެ ބިޑެއް ލިބުނު ކަމުގައި ވިޔަސް ޔުނައިޓެޑުން މިހާރު ބޭނުންވަނީ ޕޮގްބާ ދޫކޮށްލާށެވެ.

ޕޮގްބާ ހޯދަން އޭނާގެ ކުރީގެ ކްލަބް ޔުވެންޓަސް އިންނާއި ރެއާލް މެޑްރިޑުން މަސައްކަތްކުރެ އެވެ. ފްރާންސް ގައުމީ ޓީމުގެ މެޗުތަކަށްދާ ކޮންމެ ފަހަރަކު ޕޮގްބާ ވަނީ ރެއާލަށް ކުޅުމާ ބެހޭގޮތުން ވާހަކަ ދައްކަމުންނެވެ. ރެއާލަށް ކުރިން އޮތް ހުރަހަކީ ޔުނައިޓެޑުން ޕޮގްބާ ވިއްކާލަން ކިޔާ އަގު ބޮޑުވުމެވެ. އެކަމަކު މިހާރު ޔުނައިޓެޑުން ޕޮގްބާގެ އަގުކުޑަކުރަން ނިންމުމުން ރެއާލް އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށް ސްޕެއިނުގެ ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑުން ޕޮގްބާ ދޫކޮށްލަން ނިންމީ އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާގެ ޕްލޭނުގެ ތެރެއިން ޕޮގްބާގެ ބޭނުން ހިފަން މިހާތަނަށް ކުރި މަސައްކަތްތައް ކާމިޔާބުނުވުމުންނެވެ. ފާއިތުވި ދެ ސީޒަނަށް ބަލާއިރު ޕޮގްބާގެ ސަބަބުން ބައެއް މެޗުތައް ޔުނައިޓެޑް އަތުން ގެއްލިފައިވެ އެވެ. އެ ގޮތުން ޕްރިމިއާ ލީގުގައި އެންމެ ފަހުން އާސެނަލް އަތުން ޔުނައިޓެޑް 1-0 އިން ބަލިވި މެޗުގައި އާސެނަލަށް ޕެނަލްޓީ ލިބުނީ ޕޮގްބާ ކުރި ފައުލަކުންނެވެ.

ޔުނައިޓެޑްގެ ވެރިންނާއި ޕޮގްބާއާ މީގެ ކުރިން ގިނަ މައްސަލަތަކެއް ޖެހުނެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ މީޑިއާގައި ދައްކާ ވާހަކަތަކެވެ. މީގެ ކުރިން ރައިއޯލާ ވަނީ ޕޮގްބާ ކާމިޔާބު ލިބޭ ޓީމަކަށް ކުޅެން ޖެހޭ ކަމަށާއި ޔުނައިޓެޑަކީ މިހާރު އެފަދަ ޓީމެއް ނޫން ކަމަށް ބުނެފަ އެވެ.

ޕޮގްބާ އަކީ ޔުނައިޓެޑުން އެކަށީގެންވާ ފުރުސަތުތަކެއް ނުލިބުމުން 2012 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުނު ކުޅުންތެރިއެކެވެ. ފަހުން ޕޮގްބާ އަލުން ޔުނައިޓެޑާ ގުޅުނީ 2016 ވަަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގަކަށެވެ. ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑުން ޕޮގްބާ ގަންނަން ވަނީ 105 މިލިއަން ޔޫރޯ ހޭދަކޮށްފަ އެވެ.