14 ނޮވެމްބަރ 2020 - 09:56
ސައޮ ޕައޮލޯ (ނޮވެމްބަރު 14) - ރޮބާޓޯ ފިރްމީނޯ ދެ ވަނަ ހާފުގައި ޖެހި ގޯލުން 1-0 އިން ވެނެޒުއޭލާ ބަލިކޮށް ބްރެޒިލް އިން ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިން ތާވަލުގެ އެއް ވަނަ އަށް އަަރައިފި އެވެ.
ކުޅުނު ތިން މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު އޮތް ހަމައެކަނި ޓީމަކީ ބްރެޒިލް އެވެ. އެ ޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، ވާދަވެރި އާޖެންޓީނާ އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. އާޖެންޓީނާ ވަނީ ބުރާސްފަތި ދުވަހުގެރޭ ޕެރަގުއޭއާ 1-1 އިން އެއްވަރުވެފަ އެވެ.
އަނިޔާގެ ސަބަބުން ނޭމާ ނުލައި ކުޅުނު ބްރެޒިލް ޓީމަށް ރޭގެ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ފުރަތަމަ ހާފުގައި ބޭނުމެއް ނުކުރެވުނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ބްރެޒިލްގެ ރިޗާލިސަން ޖެހި ގޯލު ބަަލައިނުގަންނަން ނިންމީ އޭނާ އޮފްސައިޑްގައި ހުރުމުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ފަސް މިނިޓް ކުރިން ޑަގްލަސް ލުއީޒް ވަނީ ބްރެޒިލަށް ލީޑުނަގައިދީފަ އެވެ. އެކަމަކު އެ ގޯލު ބަލައިނުގަތީ ރިޗާލިސަން ވެނެޒުއޭލާ ކުޅުންތެރިއަކަށް ފައުލުކޮށްފައި އޮތުމުންނެވެ.
މެޗުގެ 66 ވަނަ މިނިޓްގައި ބްރެޒިލްގެ ހަމައެކަނި ގޯލު ފިރްމީނޯ ޖެހީ އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ ކޮލިފައިންގައި ފިރްމީނޯ ޖެހި ތިން ވަނަ ގޯލެވެ. އޭނާ ވަނީ ކޮލިފައިން ފުރަތަމަ މެޗުގައި ބޮލިވިއާ ކޮޅަށް ދެ ގޯލު ޖަހައިފަ އެވެ. ލިވަޕޫލްގައި ފިރްމީނޯ އަށް މި ވަގުތު އެންމެ ރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް އޭނާ އަންނަނީ ބްރެޒިލް ޓީމުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފަމުންނެވެ.
ރޭ ޗިލީ ކުޅުނު މެޗުގައި ވަނީ 2-0 އިން ޕެރޫ ބަލިކޮށްފަ އެވެ. މި މެޗުގައި ޗިލީގެ ދެ ގޯލު ވެސް ޖެހީ އާޓޫރޯ ވިޑާލް އެވެ. ޗިލީގެ ތަރި އަލެކްސިސް ސަންޗޭޒް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ބްރެޒިލް ކުޅޭނީ އުރުގުއޭއާ އެވެ. ޗިލީ ނުކުންނާނީ ވެނެޒުއޭލާއާ ދެކޮޅަށެވެ. އަދި އާޖެންޓީނާ ބައްދަލުކުރާނީ ޕެރޫއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy