ކުޅުމަށް ބަލާއިރު އިންގްލެންޑް ދަށެއް ނޫން: ސައުތުގޭޓް

ލަންޑަން (ނޮވެމްބަރު 17) - ނަތީޖާ ނެރުމުގައި މައްސަލަ ދިމާވި ނަމަވެސް އިންގްލެންޑް އެންމެ ފަހުން ކުޅުނު މެޗުތަކުގައި އެ ޓީމުން ދެއްކި ކުޅުމަށް ބަލާއިރު އެއީ ދަށް ޓީމެއްގެ ގޮތުގައި ނުބުނެވޭނެ ކަމަށް އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.


އާދިއްތަ ދުވަހުގެރޭ ރަށުން ބޭރުގައި ބެލްޖިއަމް އަތުން ބަލިވުމުން އިންގްލެންޑަށް ވަނީ ބާކީ އެއް މެޗު އޮއްވައި ނޭޝަންސް ލީގުގެ ފައިނަލް ބުރުގެ ޖާގައެއް ގެއްލިފަ އެވެ. އިންގްލެންޑްގައި މިހާރު ތިބި ކުޅުންތެރިން ގޮވައިގެން ރަނގަޅު ނަތީޖާތަކެއް ނުނެރެވޭތީ ސައުތުގޭޓަށް ވަނީ މީޑިއާ އާއި އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުންގެ ފާޑުކިޔުން އަމާޒުވެފަ އެވެ.

"އަހަރެން ގަބޫލުކުރަން އިންގްލެންޑްގެ ނަތީޖާތައް އެންމެ ރަނގަޅެއް ނޫން. އެކަމަކު ހަގީގަތަށް ވާހަކަ ދައްކާނަމަ އިންގްލެންޑްގެ ކުޅުން އެއްވެސް މެޗެއްގައި ދަށެއް ނޫން. މީގެ މައްސަލަ ދިމާވަނީ ނަތީޖާ ނެރުމުގައި. ހައްލެއް ހޯދަންވީ އެކަމަށް. އަހަރެމެން ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީގެން މި ކުރަނީ އެ މަސައްކަތް،" ސައުތުގޭޓް ބުންޏެވެ.

ނޭޝަންސް ލީގުގެ ފަހު މެޗުގައި މާދަމާރޭ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް ކުޅޭނީ އައިސްލެންޑާ ދެކޮޅަށެވެ. މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތްކަމުގައި ވިޔަސް ނޭޝަންސް ލީގުގެ ޕޮއިންޓް ޓޭބަލަށް ބަދަލެއް ނާންނާނެ އެވެ. ގިނަ ބަޔަކު މި މެޗަކީ ބޭނުންނެތް މެޗެއްގެ ގޮތުގައި ސިފަކުރާތީ ސައުތުގޭޓް ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. ސައުތުގޭޓްގެ ނަޒަރުގައި މި މެޗުގެ މުހިއްމުކަން ބޮޑެވެ.

"ވަރަށް ގިނަ ބަޔަކު އެބަދެކޭ މިއީ ޕޮއިންޓް ޓޭބަލަށް މުހިއްމު މެޗަކަށް ނުވީމަ މިއީ ބޭނުން ނެތް މެޗެއްގެ ގޮތުގައި. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ މެޗެއް. މީގެ ބޭނުންހިފޭނެ ގޮތްތަކެއް އެބަހުރި. އާ ކުޅުންތެރިންނަށް ފުރުސަތުދީ ޕްރެޝަރު ފުޓްބޯޅައިގައި ވެސް ބޭނުންކުރެވޭނެ. އަންނަ އަހަރުގެ ޔޫރޯ އަށް ކުޅުންތެރިންގެ ކުޅުން ޓެސްޓްކުރަން ވެސް މި މެޗުގެ ބޭނުންހިފޭނެ،" ސައުތުގޭޓް ބުންޏެވެ.

އަނިޔާގެ ސަބަބުން މާދަމާރޭގެ މެޗުގައި އިންގްލެންޑްގެ މިޑްފީލްޑަރު ޖޯޑަން ހެންޑަސަން އާއި ވިންގް ރަހީމް ސްޓާލިން ނުކުޅޭނެ އެވެ. ސައުތުގޭޓް ބުނީ އާ ކުޅުންތެރިންނަށް މި މެޗުގައި ފުރުސަތު ދޭނެ ކަމަށެވެ. މާދަމާރޭގެ މެޗު ފަށާނީ 00:45 ގަ އެވެ.