ކޮވިޑާ ހެދި ފީފާ ކްލަބް ވޯލްޑް ކަޕް ފަސްކޮށްފި

ޒިއުރިކް (ނޮވެމްބަރު 18) - މި އަހަރު ޑިސެމްބަރު މަހު ގަތަރުގައި ބާއްވަން ނިންމި ފީފާ ކްލަބް ވޯލްޑް ކަޕް ކޮވިޑް-19އާ ހެދި އަންނަ ފެބްރުއަރީ މަހަށް ފަސްކުރަން ފީފާ އިން ނިންމައިފި އެވެ.


ކޮވިޑް-19 އާ ހެދި މި އަހަރުގެ ކުޅިވަރު ކަލަންޑަރުގެ ގިނަ މުބާރާތްތަކެއް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ. އެ ގޮތުން އޮލިމްޕިކްސް އާއި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އިތުރުން ކޮޕަ އެމެރިކާ ވެސް ވަނީ އަންނަ އަހަރުގައި ބާއްވަން ނިންމައިފަ އެވެ.

ފީފާގެ އޮފިޝަަލަކު ބުނީ މި އަހަރު ޑިސެމްބަރުގައި ބޭއްވޭތޯ ހުރިހާ ގޮތަކުން މަސައްކަތްކުރުމަށް ފަހު މިހާރު ފީފާ އިން ނިންމާފައިވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ 1 އިން 11 އަށް އެ މުބާރާތް ބާއްވާށެވެ. ފީފާގެ މި ނިންމުމާ އެކު އެއް އަހަރު ތެރޭގައި ހަ ތަށި އުފުލާލަން ބަޔާން މިއުނިކުން ދެކެމުން އައި ހުވަފެނަށް ނިމުން އައީ އެވެ. އެއް އަހަރު ތެރޭ ހަ ތަށި ހޯދުމުގެ ޝަރަފް މި ވަގުތާ ހަމައަށް އޮތް ހަމައެކަނި ޓީމަކީ 2009 ވަނަ އަހަރުގެ ބާސެލޯނާ ޓީމު އަތުގަ އެވެ.

މިހާރު އާދައިގެ ގޮތަކަށް، ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓްކުރާ ގައުމުގެ އެއް ޓީމު ކުޅޭގޮތަށް ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ފީފާ އިން ނިންމީ މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. ބަދަލުތަކާ އެކު މި މުބާރާތް ބާއްވާނީ ފީފާ ކޮންފެޑެރޭޝަން ކަޕްގެ ބަދަލުގަ އެވެ. މިދިޔަ އަހަރު މާޗް މަހު އެ ގޮތަށް ބަދަލުކުރުމުން ބެލެވުނީ 2021 ވަނަ އަހަރުގެ ކުރިން ދެން ކްލަބް ވޯލްޑް ކަޕެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް ކުރީގެ ފޯމެޓަށް އިތުރު ދެ މުބާރާތް ބޭއްވުމުގެ ފުރުސަތު ގަތަރަށް ދިނެވެ.

މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ ލިވަޕޫލުންނެވެ. އަންނަ އަހަރު ފެބްރުއަރީ މަހުގެ މުބާރާތުގައި ޔޫޜަޕްގެ ޗެމްޕިއަނުންގެ ގޮތުގައި ކުޅޭ ބަޔާން ވަނީ 2013 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕްގެ ތަށި އުފުލާލައިފަ އެވެ.

ފީފާއިން އަލަށް ބާއްވާ ކްލަބް ވޯލްޑް ކަޕް މިހާރު އޮތްގޮތުން ފުރަތަމަ ފަހަރަށް ބޭއްވުމުގެ ފުރުސަތު ބޮޑީ 2022 ގަ އެވެ. އެއީ ކޮވިޑް-19އާ ހެދި ހުރިހާ މުބާރާތެއް އެއް އަހަރު ފަހަތަށް ދިއުމުންނެވެ. ބޮޑު ބަދަލާ އެކު ބާއްވާ ފުރަތަމަ ކްލަބް ވޯލްޑް ކަޕް ހޯސްޓް ކުރުމުގެ ފުރުސަތު ދީފައިވަނީ ޗައިނާ އަށެވެ.

އާ ފޯމެޓާ އެކު ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުތައް ކަނޑައަޅާފައިވާ ގޮތަށް ބަލާއިރު، ޔޫރަޕްގެ އަށް ޓީމު ކުޅޭނެ އެވެ. ދެކުނު އެމެރިކާ އަށް ވަނީ ހަ ޖާގަ ދީފައިވާއިރު، އުތުރު އެމެރިކާ، އޭޝިއާ، އެފްރިކާ އަދި ސެންޓްރަލް/ އުތުރު އެމެރިކާ އިން ކޮންމެ ބައްރަކުން ތިން ޓީމުގެ އިތުރުން އޯޝެނިއާ އިން އެއް ޓީމު ކުޅޭނެ އެވެ. ރިޕޯޓްތައް ބުނާގޮތުން އާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ކޮންމެ ޓީމަކަށް ތައްޔާރުވުމުގެ ގޮތުން 50 މިލިއަން ޕައުންޑް (63 މިލިއަން ޑޮލަރު) ދޭން ވަނީ ނިންމައިފަ އެވެ. އަދި މުބާރާތުގައި ކުރިއަށްދާ ގޮތަށް ބަލާފައި ފައިސާގެ އިނާމް އިތުރުވާއިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ޖުމްލަ ލިބޭ އާމްދަނީ 100 މިލިއަން ޕައުންޑް (126 މިލިއަން ޑޮލަރު) އަށް ވުރެ އިތުރުވާނެ ކަމަށް ރިޕޯޓްތަކުގައިވެ އެވެ.