އެސްޓަން ވިލާގެ ކެޕްޓަން ގްރީލިޝް.-- ފޮޓޯ: އޭއެފްޕީ
23 ފެބުރުއަރީ 2021 - 08:44
ބާމިންހަމް (ފެބްރުއަރީ 23) - އެސްޓަން ވިލާގެ ކެޕްޓަން ޖެކް ގްރީލިޝް އަށް އަނިޔާވި ވާހަކަތައް މެޗުގެ ކުރިން ލީކުވުމާ ގުޅިގެން އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފެންޓަސީ ޕްރިމިއާ ލީގު ގޭމް ކުޅުން މަނާކޮށްފި އެވެ.
އާދިއްތަ ދުވަހު ލެސްޓާ ސިޓީ އަތުން 2-1 އިން އެސްޓަން ވިލާ ބަލިވި މެޗުގެ ކުރިން އެ ޓީމު ކުރި ފަހު ޕްރެކްޓިހުގައި ގްރީލިޝް އަށް އަނިޔާވި އެވެ. އެސްޓަން ވިލާގެ ކޯޗު ޑީން ސްމިތު، ލެސްޓާ މެޗަށް ޓީމު އެކުލަވާލީ ގްރީލިޝް ހިމަނައިގެންނެެވެ. އެކަމަކު ފަހު ވަގުތު ގްރީލިޝް އަށް އަނިޔާވެ މި މެޗުގައި ނުކުޅެވޭނެކަން ޔަގީންވި ނަމަވެސް އެ ވާހަކަ އޮތީ މީޑިއާގައި ހާމަނުކޮށެވެ.
ލެސްޓާ މެޗަށް ފަހު ސްމިތު ބުނީ ގްރީލިޝް އަށް އަނިޔާވި ހަބަރު ލީކުވި ގޮތެއް ކްލަބުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މިކަމުގައި ޝާމިލުވާ ބަޔަކަށް ފިޔަވަޅު އަޅާނެ ކަމަށާއި މިކަމުގައި ކްލަބްގެ މެނޭޖްމަންޓުގެ ސަޕޯޓް އޭނާ އަށް އެބައޮތް ކަމަށް ސްމިތު ބުންޏެވެ.
ރިޕޯޓްތައް ބުނާގޮތުން ގްރީލިޝްގެ އަނިޔާގެ ހަބަރު ލީކުވީ އެސްޓަން ވިލާ ޓީމުގެ ތިން ކުޅުންތެރިއަކާއި ދެ އޮފިޝަލުންގެ އަމިއްލަ ފެންޓަސީ ޕްރިމިއާ ލީގު ޓީމުން ގްރީލިޝް ބޭރުކުރި ހިސާބުންނެވެ. ލެސްޓާއާ ދެކޮޅަށް އެސްޓަން ވިލާ ކުޅުނު މެޗުގެ 24 ގަޑިއިރު ކުރިން ގްރީލިޝްގެ އަނިޔާގެ ވާހަކަތައް މީޑިއާގައި ދައުރުވާން ފެށުމުން ސްމިތު ވަނީ ވަގުތުން އެކަން އެސްޓަން ވިލާ މެނޭޖްމަންޓުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
އެސްޓަން ވިލާ މެނޭޖްމަންޓުން މައްސަލަ ތަހުގީގުކުރަމުން އަންނައިރު އެންމެ ފުރަތަމަ އެޅި ފިޔަވަޅަކީ ކްލަބްގެ އެއްވެސް ކުޅުންތެރިއެއް އަދި ކޯޗިން ސްޓާފެއް ފެންޓަސީ ޕްރިމިއާ ލީގު ކުޅުން މަނާކުރުމެވެ.
ނޯވޭގެ ޒުވާނަކު ހަދާފައިވާ ޓްވިޓާ އެކައުންޓެއް މެދުވެރިކޮށް ޕްރިމިއާ ލީގުގައި ވާދަކުރާ ކޮންމެ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަމިއްލަ ފެންޓަސީ ޓީމުގެ މައުލޫމާތު ލިބެ އެވެ. ހާއްސަކޮށް އެ ޓްވިޓާ އެކައުންޓުން އެންމެ އަވަހަށް ލިބޭ އެއް މައުލޫމާތަކީ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން އަމިއްލަ ޓީމުގައި ހިމެނޭ ކުޅުންތެރިއެއް އޭނާގެ ފެންޓަސީ ޓީމު ބޭރުކޮށްފިނަމަ އެވެ. ގްރީލިޝްގެ އަނިޔާގެ ވާހަކަ ލީކުވީ އެ ގޮތަށެވެ.
ޕްރިމިއާ ލީގުގެ އޮފިޝަލުން މީގެ ކުރިން ވަނީ ފެންޓަސީ ޕްރިމިއާ ލީގު ކުޅެން ފަސޭހައަކަށް ހަދާފައިވާ އޮންލައިން ބޮޓްތަކުގެ ސަބަބުން މެޗުގެ ކުރިން ޓީމުތަކުގެ މުހިއްމު މައުލޫމާތު ލީކުވެފައިވާތީ އެކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ބުނެފަ އެވެ.
މީގެ ކުރިން އެ ގޮތަށް ލީކުވެފަައިވާ އެހެން މައުލޫމާތުތަކަށް ބަލާއިރު ލިވަޕޫލްގެ އެންޑީ ރޮބަޓްސަން ވަނީ އޭނާގެ ފެންޓަސީ ޓީމުން މެޗެއްގެ ކުރިން ސަޑިއޯ މާނޭ ބޭރުކޮށްފަ އެވެ. އަދި ލެސްޓާ ސިޓީގެ ވެސް މޯގަން އާއި ހަމްޒާ ޗޯދުރީ ވަނީ މެޗެއް ފެށުމުގެ ދެ ދުވަސް ކުރިން އެ ދެ ކުޅުންތެރިންގެ ޓީމުން ޖޭމީ ވާޑީ ބަދަލުކޮށްފަ އެވެ. ވާޑީ އާއި މާނޭ އެ ފަހަރުތަކުގައި ޓީމުން ބޭރުކުރިއިރު، މީޑިއާގައި އެ ކުޅުންތެރިންގެ އަނިޔާގެ ވާހަކަތަކެއް ނޫނީ މެޗުގައި ނުކުޅެވިދާނެ ވާހަަކަތަކެއް ދެކެވިފައި ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy