ކުޅިވަރު / ޔޫރޯ 2020

އެއްފައި ކުރުކަމަށް ބުނެ ބާކީކުރި ސްޕިނަޒޯލާ އެންމެ ފަހުން ރަނަށް

ސްޕިނަޒޯލާ އިޓަލީގެ ގައުމީ ޖޯޒީގައި --- ފޮޓޯ: އޭއެފްޕީ

މިޔުނިކް (ޖުލައި 2) - އިޓަލީގެ އެންމެ ބޮޑު އެއް ކްލަބު އިންޓަ މިލާނަށް ބަދަލުވުމަށް މިދިޔަ އަހަރު އުންމީދުކުރި ލިއޮނާޑޯ ސްޕިނަޒޯލާގެ ޓްރާންސްފާ އަށް ވީ އާދަޔާ ހިލާފު ގޮތެކެވެ. ދެ ފަރާތުން އެއްބަސްވެ އިންޓަ އަށް ސޮއިކުރަން ހަމަޖެހުނެވެ. ޓްރާސްފާގެ ކުރިން ހައްދަން ޖެހޭ މެޑިކަލް ޓެސްޓްތަކުން ސްޕިނަޒޯލާ ފެއިލް ވީ އެވެ. އިޓަލީގެ ޖާނަލިސްޓް ޖިއާން ލުކަ ޑި މާޒިއޯ ބުނިގޮތުގައި މެޑިކަލް ޓެސްޓްތަކުން އިންޓަ އަށް ފާހަގަވީ، ސްޕިނަޒޯލާގެ އެއް ފައި އަނެއް ފަޔަށް ވުރެ ކުރު ކަމަށެވެ.

އޭނާގެ ޓްރާންސްފާ ރޫޅި ދިޔައީ އެވެ. އެއީ ސްޕިނަޒޯލާ އިޓަލީގެ ސިއޭނާގެ ޔޫތު ފުޓްބޯޅަ އެކެޑެމީގައި އުޅެނިކޮށް އޭނާގެ ތަނބިކައްޓަށް ލިބުނު އަނިޔާގެ ފަހުން އޭނާ އަށް ކުރިމަތިވި އެންމެ ހިތްދަތި ވަގުތު ކަމަށްވި އެވެ. ސިއޭނާގެ އެކެޑެމީގައި ތަމްރީން ހަދަނިކޮށް އޭނާގެ ތަނބިކަށްޓަށް އަނިޔާ ލިބުމުން އޭނާ ބޭނުންވީ ފުޓްބޯޅައާ ދުރަށް ދާށެވެ. އެ ވާހަކަ އޭނާގެ މަންމަ ކައިރީ ބުނުމުން މަންމަ ދިނީ ހިތްވަރެވެ.

"މަންމަ އަަހަރެން ކައިރީ ބުނީ އުނދަގޫލާ އެކު ވެސް ދެމިހުންނާށޭ އަދި މަސައްކަތް ކުރާށޭ،" ސްޕިނަޒޯލާ ބުންޏެވެ. "މަންމަގެ ވާހަކަ ތެދު."

އިންޓައަށް ބަދަލުވުމުގެ ދޮރު ބަންދުވުމުން އެ މާޔޫސްކަމުން އަރައިގަންނަން އޭނާ އަށް ބޭނުންވީ މަންމަ އޭރު ދިން ހިތްވަރެވެ. އޭއެސް ރޯމާގައި މަޑުކޮށް، ސްޕިނަޒޯލާގެ ކެއުމާއި ޑައިޓް ޕްލޭނަށް ބަދަލު ގެންނަން އޭނާ ނިންމި އެވެ. އަދި ތަމްރީންގެ ގިނަ ވަގުތު ޖިމްގައި ހޭދަ ކުރަން ފެށި އެވެ. އެންމެ ބޮޑު ތާފަތަކަށްވީ އޭނާގެ ސިކުނޑިން ވިސްނައިގެން ގެނައި ބަދަލުތަކެވެ. ކޮންމެ ކޮންމެ ހާލަތުގައި ސްޕީޑް ނުނެގުމާއި ރަނގަޅު ދަނޑިވަޅުތަކުގައި ދުވުމެވެ. ރަނގަޅު އަމާޒަށް ވާސިލުވަމުންދާކަމުގެ އިހްސާސް އެނާ އަމިއްލަ އަށް ވެސް ކުރެވެން ފެށި އެވެ.

ސްޕިނަޒޯލާ އިޓަލީގެ ޕްރެކްޓިހުގައި --- ފޮޓޯ: އޭއެފްޕީ

މިފަހަރުގެ ޔޫރޯގައި ފެންނާނެ އެންމެ ސްޕީޑް ބާރު ކުޅުންތެރިޔާ އަކީ އޭނާ ކަމަށް ނުވެދާނެ އެވެ. ނަމަވެސް އޭނާ އަށް ވުރެ ބާރު ސްޕީޑުގައި އަދި ދުވުނު އެހެން ކުޅުންތެރިޔެއް ވެސް ނެތެވެ. ޔޫއެފާގެ ޑޭޓާ ކަލެކްޝަަން ޓީމުގެ މައުލޫމާތުތަކަށް ބިނާކޮށް މެޗުގައި ސްޕިނަޒޯލާ ނެގި ރަންތަކުގައި ގަޑިއަކު 21 މޭލަށް އޭނާ ވަނީ ދުވެފަ އެވެ. އެއީ ސްޕީޑް ބާރު ކަމަށް އެންމެ މަޝްހޫރު ކިލިޔަން އެމްބާޕޭ، ރަހީމް ސްޓާލިން އަދި ކިންގްސްލީ ކޯމަން އަށް ވުރެ ވެސް ބާރު ސްޕީޑެކެވެ.

"އެކަށީގެންވާ ބާރު މިނުގައި ނުދުވެވޭ ނަމަ އަހަންނަކަށް ކުޅޭކަށް ފުރުސަތެއް ނުލިބޭނެ،" މި ހަފުތާގައި ސްޕިނަޒޯލާ ބުންޏެވެ.

ގޭމް ސިސްޓަމްގެ 3-3-4 ފޯމޭޝަންގައި ޕޮޒެޝަން ހިފަހައްޓައިގެން އިޓަލީ ކުޅޭ އިރު ފޯވަޑުންނާ އެކު ސްޕިނަޒޯލާ ހަމަލާތަކުގައި ބައިވެރި ވެ އެވެ. ދެ ވަނަ ބުރުގައި އޮސްޓްރިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ނަތީޖާ އެއް އެއްވަރުވުމުން އެކްސްޓްރާ ޓައިމްގައި އިޓަލީގެ ފުރަތަމަ ލަނޑު ޖަހައިދޭން ފެޑެރީކޯ ކިއޭޒާ އަށް ޕާސް ތަނަވަސް ކޮށްދިނީ ސްޕިނަޒޯލާ އެވެ.

ސްޕިނަޒޯލާ އިޓަލީ ޓީމުގައި --- ފޮޓޯ: ގެޓީ އިމޭޖަސް

ސްޕިނަޒޯލާގެ ފުޓްބޯޅަ އައިޑޮލް އަކީ ބްރެޒިލް ރޮނާލްޑޯ ނަޒާރިއޯ އެވެ. ވީސީއާރަށް ވީޑިއޯ ޓޭޕް ލައްވައިގެން އޭނާ ވަނީ ރޮނާލްޑޯގެ ވީޑިއޯތައް ބަލައިފަ އެވެ. ފަހުން އެނާ ޝައުގުވެރި ކުރުވި އަނެއް ކުޅުންތެރިޔަކީ އާޖެންޓީނާގެ ގެބްރިއަލް ބަޓިސްޓުޓާ އެވެ. އެންމެ މޮޅު ފޯވަޑުންގެ ވީޑިއޯ ބަލައިގެން ޔޫތު މުބާރާތްތަކުގައި އެންމެ ފުރަތަމަ އޭނާ ވެސް ކުޅުނީ ފޯވަޑަށެވެ.

ފޯވަޑަށް ކުޅުނު ކުޅުންތެރިޔާ ޑިފެންސަށް ބަދަލުވާން މަޖުބޫރުވީ ސިއޭނާގެ އެކެެޑެމީގައި އޭނާ އަށް ކޯޗް ކޮށްދިން ކޯޗު ބުނި ވާހަކަ އަކުންނެވެ. އޭނާ އަށް ފުޓުބޯޅައިގައި ކުރިއަށް ދިއުމަށް އޮތް ހަމައެކަނި އުންމީދަކީ ޑިފެންސަށް ކުޅުން ކަމަށް އޭނާ ގާތު ބުންޏެވެ.

"އެންމެ ފުރަތަމަ އަހަންނަށް އެކަން ގަބޫލެއް ނުކުރެވުނު،" އޭއެސް ރޯމާ އަށް 2019 ގައި ބަދަލުވި ސްޕިނަޒޯލާ ބުންޏެވެ. "ނަމަވެސް މަޑުމަޑުން ފަހަތަށް ޖެހެމުން ޖެހެމުން އައިސް އަހަރެން އެއްކޮށް ފަހަތަށް ކުޅެން ފަށައިފިން."

ސެއިނާ ދޫކޮށް އޭނާ 2012 ގައި ބަދަލުވީ ޔުވެންޓަސް އަށެވެ. ނަމަވެސް އެ ޓީމަށް މެޗެއް ކުޅުމުގެ ކުރިން ފުރަތަމަ ހަ ސީޒަންގައި އޭނާ ވަނީ ލޯން އުސޫލުން ހަ ކްލަބަކަށް ކުޅެފަ އެވެ. ޔުވެންޓަސް އިން ސްޕިނަޒޯލާ އަށް ދިން ފުރުސަތުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ. ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް 2019 ގައި ކުޅުނު މެޗުގައި ދިން ފުރުސަތުގައި ސްޕިނަޒޯލާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ސްޕިނަޒޯލާ ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ --- ފޮޓޯ: އޭޕީ

އޭނާގެ ހުނަރާ މެދު ޔުވެންޓަސްގެ ކޯޗިން ޓީމުގެ ވެސް ކަންބޮޑުވުމެއް ނެތެވެ. ކަންބޮޑުވުން އޮތީ އޭނާގެ ކަކުލުގެ ލިގަމެންޓާ މެދުގަ އެވެ. އެންމެ ފަހުން ލޯން އުސޫލުން އޭނާ ކުޅުނު އެޓަލާންޓާގައި ވެސް އެ ކަންބޮޑުވުން އޮތެވެ.

އިޓަލީގެ ގައުމީ ޓީމަށް ސްޕިނަޒޯލާ ނަގަން ޖެހޭކަން 2019 ގައި ރޮބާޓޯ މަންޗިނީ އަށް ގަބޫލު ކުރެވުނެވެ. ނަމަވެސް އެ އަހަރު އޭނާ ގައުމީ ޓީމަށް ކުޅުނީ އެންމެ ތިން މެޗުގަ އެވެ. އެ ހުރިހާ ކަމެއް ބަދަލުވީ، މިދިޔަ އެއް އަހަރު ތެރޭގަ އެވެ. އެއީ އިންޓަ މިލާން އަށް ސޮއިކުރަން އެއްބަސްވެފައި ވަނިކޮށް އެ ދޮރު އޭނާއަށް ބަންދުވުމުން ޑައިޓް ޕްލޭނަށާއި ޓްރޭނިން އަދި މެންޓަލީ އޭނާ އެކަމަށް ތައްޔާރުވި ގޮތުގެ ސަބަބުންނެވެ. ކޮންމެ ފެއިިލްވުމަކީ ކާމިޔާބަށް ވާސިލުވާން ހުޅުވޭ މަގަކަށްވި ފަދައިންނެވެ.

މިހާރު އޭނާ އަކީ ގައުމީ ޓީމުގައި ބަރާބަރަށް މެޗުތަކުން ޖާގަ ހޯދާ ކުޅުންތެރިޔެކެވެ. ގުރޫޕް ސްޓޭޖުގައި ތުރުކީ އާއި ސްވިޒަލެންޑާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގައި ލިރެންޒޯ އިންސީނިއާގެ ހމަލާތަކުގައި އެންމެ ބޮޑު އެހީތެރިޔަކަށްވީ ސްޕިނަޒޯލާ އެވެ. ދެ ކުޅުންތެރިންނަކީ ވެސް ކަނާތުފައިން ކުޅޭ ކުޅުންތެރިޔަކަށް ވުމުން އެކަން ފަސޭހަ ވެގެން ދިޔަ އެވެ. ގައުމީ ޓީމަށް ކުޅެން ލިބުނު ފުރުސަތު އޭނާ ގުޅުވަނީ ކުޑައިރުގެ ހަނދާނަކާ އެވެ.

"ކުޑަ ކުއްޖެއްގެ ގޮތުގައި އަހަރެން ހުންނަން ޓީވީ ބުޑުގައި ގައުމީ ޓީމު ކުޅޭ މެޗުތައް ބަލަން،" 2019 ގައި ސްޕިނަޒޯލާ ބުނެފައި ވެ އެވެ. "ގައުމީ ޓީމަށް ކުޅޭ އިރު މިހާރު އަހަންނަށް އެނގޭ އަހަރެން މި ހުންނަނީ އެހެން މީހުންގެ ސްކްރީންގެ އަނެއް ފަޅީގައިކަން އަދި އިޓަލީގެ ހުރިހާ އެންމެން މިހާރު އަހަރެން ކުޅޭތަން ބަލާނެކަން. އެކަން އިހްސާސް ވީމަ އެ ވަނީ ވަރަށް ހިތްގައިމު ކަމަކަށް."

ޔޫރޯގެ ކުއާޓާ ފައިނަލުގައި، އިޓަލީ އަށް މިރޭ އޮތީ ގުރޫޕް ސްޓޭޖާއި ދެ ވަނަ ބުރުގައި އެ ޓީމާ ވާދަކުރި ޓީމުތަކަށް ވުރެ ވަރުގަދަ ބާރެކެވެ. ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް އަކީ ޔޫރޯ ކާމިޔާބު ކުރާނެ ކަމަށް ބުނާ ލިސްޓްގައި އިޓަލީ އަށް ވުރެ ފޭވަރިޓްކަން ބޮޑު ގައުމެކެވެ. މި ދެ ޓީމު ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރު އެވެ.

0 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 14%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 36%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454