ދަރިފުޅުގެ "ޖައްގާ ޖާސޫސް"ފްލޮޕްވުމުން ރިޝީ ވަނީ ވަރަށް ރުޅިގަދަވެފައި
25 ޖުލައި 2017 - 06:31
ދަރިފުޅު ރަންބީރު ކަޕޫރުގެ އެންމެ ފަހުގެ ފިލްމު "ޖައްގާ ޖާސޫސް" ފްލޮޕްވުމުގެ ޒިންމާ ނަގަން ޖެހޭނީ އެ ފިލްމު ޑައިރެކްޓްކުރި އަނުރާގު ބާސޫ ކަމަށް ބުނެ ރިޝީ ކަޕޫރުގެ ބަހުގެ ހަމަލާތަކެއް އަމާޒު ވެއްޖެ އެވެ. މިޑް-ޑޭ އަށް ދީފައިވާ އިންޓަވިއުއެއްގައި ރިޝީ ބުނި ގޮތުގައި އަނުރާގު އަކީ ވަރަށް ޒިންމާދާރުކަން ކުޑަ މީހެކެވެ.
މި ފިލްމު އުފެއްދުމުގައި ގިނަ އަހަރުތަކެއް ވޭތުވެ، އެތައް ފަހަރަކު ފަސްވެ އަދި ބައެއް ފަހަރަށް ދެންމެ ދެންމެ ފިލްމު ހުއްޓާލަފާނެ ހެން ހީވި ދުވަސްވަރެއް ވެސް ގޮސްފައިވެ އެވެ. އަދި ފިލްމަށް މިހާ ބޮޑު ނާކާމިޔާބެއް ކުރިމަތިވި އެއް ސަބަބަކީ މިއީ ކަމަށް ރިޝީ ބުންޏެވެ.
ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފް ލީޑް ރޯލު ކުޅެފައިވާ "ޖައްގާ ޖާސޫސް" އެންމެ ފަހުން މީގެ ނުވަ ވަރަކަށް ދުވަސް ކުރިން ވަނީ ރިލީޒްކޮށްފަ އެވެ. ފިލްމުގެ ރިވިއުތައް ރަނގަޅެވެ. ނަމަވެސް ވިޔަފާރި ރަނގަޅެއް ނޫނެވެ.
ރިޝީ އަކީ އަބަދުވެސް ހިތަށް އެރިހާ އެއްޗެއް މީހުންނާ ދިމާލަށް ގޮވަން ފަސް ޖެހޭ މީހަކަށް ނުވާތީ އަނުރާގަށް ވެސް އެއްޗެހި ގޮވަން ފަށަން އޭނާ އެއްވެސް ޖެހިލުމެއް ނުވި އެވެ. ނަމަވެސް ރަންބީރަކީ ފިލްމުގެ ބަތަލުގެ އިތުރުން އެއް ޕްރޮޑިއުސަރަށް ވުމާއެކު ވެސް މީޑިއާގައި އަނުރާގަށް އެއްވެސް އެއްޗެއް ކިޔައިފައެއް ނުވެ އެވެ. ނަމަވެސް އަނުރާގަށް އަމާޒުވާ ގޮތަށް އޭނާ ޖޯކެއް ޖަހާފައިވެ އެވެ.
ރަންބީރު ބުނި ގޮތުގައި "ޖައްސާ ޖާސޫސް" އުފައްދަން ފެށިތާ ވީހާ ދުވަސް އޭނާގެ އެކުވެރި ޝާހްރުކް ޚާންގެ ހަގު ދަރިފުޅު އަބްރާމްގެ އުމުރުން ވެއްޖެ އެވެ. އަބްރާމްގެ ހަތަރު ވަނަ އުފަން ދުވަސް ދާދިފަހުން ވަނީ ފާހަގަކޮށްފަ އެވެ.
ރަންބީރު މިހާވަރަށް ބުނެގެން ފަރުޖައްސާލިޔަސް ރިޝީ ބުނީ އަނުރާގަކީ ވަރަށް ފަރުވާކުޑަ ޑައިރެކްޓަރެއް ކަމަށާއި ފިލްމު ނިންމަން އެއްވެސް ކަމެއް ނުކޮށް އޭނާ ދެ އަހަރު ދުވަހު މަޑުކުރި ކަމަށެވެ.
ރަންބީރު އާއި އަނުރާގު ބާސޫ (މެދުގައި) އަދި ކެޓުރީނާ
މި މަހުގެ 14 ވަނަ ދުވަހު "ޖައްގާ ޖާސޫސް" ރިލީޒްކޮށްފައި ވަނީ ފިލްމު ނެރޭނެ ކަމަށް ތިން ފަހަރެއްގެ މަތިން ކަނޑައެޅި ތާރީޚަށް ފިލްމު ނިމި ހަތަރު ވަނައަށް ކަނޑައެޅި ތާރީޚުގަ އެވެ. އަދި ބޭރު ގައުމުތަކުގައި ފިލްމު ރިލީޒްކުރާނެކަމަށް ބުނެ ދިން ތާރީޚުތައް ވެސް ވަނީ ފަހަނައަޅާފަ އެވެ.
ރިޝީގެ ރުޅިގަނޑު އަމާޒުވީ ހަމައެކަނި އަނުރާގަކަށް ނޫނެވެ. އޭނާ ބުނީ މިހާރު ފިލްމު އުފައްދާ ގިނަ މީހުން ކޮންމެ މީހަކާ ދޭތެރޭ ވެސް ކަންތައް ކުރަނީ މިގޮތަށް ކަމަށެވެ. ފިލްމު ނިންމާފައި އެހެން މީހަކަށް ފާޑެއް ކިޔާލަން ވެސް ނުދައްކާ ކަމަށާއި އެމީހުން ފިލްމުތަކާ ދޭތެރޭ ކަންތައް ކުރަނީ "ނިއުކުލިއަ ބޮމެއް" ފަދައިން ކަމަށެވެ. އެހެންވެ ފިލްމާ ދޭތެރޭ އޭނާއަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނު ކަމަށާއި ނަމަވެސް 20 ވަރަކަށް މިނިޓް ފިލްމު ދިގު ކަމަށް ކުރިން ވެސް ގަބޫލު ކުރެވުނު ކަމަށެވެ.
ގޯވިންދާ ލައްވާ އެ ފިލްމުގައި ރޯލެއް ކުޅުވާފައި ފަހުން އޭނާ ކުޅުނު ރޯލު ފިލްމުން މުޅިން ކަނޑާލާފައިވާތީ އެކަމާ ވެސް ރިޝީ ހިތްހަމަނުޖެހިގެން ވާހަކަ ދެއްކި އެވެ. އޭނާ ބުނި ގޮތުގައި ގޯވިންދާ ކަހަލަ އެކްޓަރަކަށް އެހެން ހެދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި އެކަމުގެ ސަަބަބުން ޚަރާބުވީ އޭނާ އާއި ދަރިފުޅު ރަންބީރުގެ ނަން ކަމަށް ވެސް ރިޝީ ބުންޏެވެ.
"ޖައްގާ ޖާސޫސް" އަކީ ރަންބީރާއި ކެޓުރީނާގެ ތިން ވަނަ ފިލްމެވެ. މި ފިލްމަށް ހަފުތާއެއް ތެރޭ ލިބިފައިވަނީ 46 ކްރޯޑު (4.6 ބިލިއަން ރުޕީސް) އެވެ. ފިލްމު އެތައް ފަހަރަކު ލަސްވެ ބައެއް މަންޒަރުތައް އަލުން ޝޫޓްކުރަން ޖެހުމުގެ ސަަބަބުން ބަޖެޓް ބޮޑުވެ 120 ކްރޯޑު (12 ބިލިއަން ރުޕީސް) ޚަރަދުވެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy