ޖޯން: އޭނާ ވަނީ "ދި އިންވިޒިބްލް ގެސްޓް" ގެ ރައިޓްސް ގަނެފައި.
19 އޯގަސްޓް 2017 - 07:25
މިދިޔަ އަހަރު ރިލީޒް ކުރި ސްޕެއިންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ "ދި އިންވިޒިބްލް ގެސްޓް" ގެ ރައިޓްސް ބޮލީވުޑްގެ އެކްޓަރު ޖޯން އަބްރަހަމް ގަނެފި އެވެ.
ބޮލީވުޑްގެ ހަބަރުތައް ބުނާ ގޮތުން އެ ފިލްމްގެ ރައިޓްސް ހޯދުމަށް ފަހު، ބެލުންތެރިންނާ ހަމައަށް އޭގެ ހިންދީ ވާޝަން ގެނެސް ދޭން ހަމަޖެހިފައި ވަނީ ޖޯންގެ ފިލްމް ކުންފުންޏާއި ކްރިއާޖް އެންޓަޓައިމަންޓް ގުޅިގެންނެވެ.
މީގެ ސްކްރީންޕްލޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު، ފިލްމް ޑައިރެކްޓަރަށް ހަމަޖައްސާފައި ވަނީ އަލަށް ޑައިރެކްޝަނަށް ނިކުންނަ ލަކްޝަޔާ އެވެ.
މި ސަންސްޕެންސް ތުރިލާގައި ޖޯންއާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ތާޕްސީ ޕައްނޫ ކަމަށް ބޮލީވުޑްގެ ރިޕޯޓްތައް ބުނެ އެވެ. މި ފިލްމްވެގެން އެ ދެ މީހުންގެ ޖޯޑު ސްކްރީނުން އެކުގައި ފެންނަ ފުރަތަމަ ފަހަރަށެވެ.
ފިލްމުގެ ޝޫޓިން ފަށަން ތާވަލްކޮށްފައި ވަނީ އަންނަ ޑިސެމްބަރު ނުވަތަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
"ދި އިންވިޒިބްލް ގެސްޓް" ގައި ކިޔައި ދެނީ ޒުވާން ވިޔަފާވެރިއަކު އޭނާގެ ލޯބިވެރިޔާ މަރައިލުމުގެ ތުހުމަތުގައި ހައްޔަރު ކުރުމުން އޭނާގެ ކުށެއް ނެތްކަން ސާބިތުކޮށް ދިނުމަށް ކުރާ މަސައްކަތެވެ.
ޖޯން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޑަޔާނާ ޕެންޓީއާ އެކު ކުޅެފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ "ޕަރްމަނޫ: ދަ ސްޓޯރީ އޮފް ޕޮކްރާން" އިންނެވެ.
"ޕިންކް" ފަދަ ފިލްމްތަކުގައި ވަރުގަދަ އެކްޓިންއެއް ދައްކާފައިވާ ތާޕްސީގެ ކުރިއަށް އޮތް ފިލްމަކީ ވަރުން ދަވަންއާ އެކު ކުޅެފައިވާ "ޖުޅްވާ 2" އެވެ. އެ ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 29 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy