19 ޑިސެމްބަރ 2017 - 07:00
ބިގް ބޮސްގެ ގެއިން ހިތެން ތޭޖްވާނީ ބޭރުކޮށްލުމުން ޝޯގެ ހޯސްޓް ސަލްމާން ޚާނަށް ވެސް ވަރަށް އަސަރުކޮށްފި އެވެ. ހިތެން އަކީ ޝޯ ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑު އެއް ބައިވެރިޔާކަމުން ބިގް ބޮސްގެ ގޭގައި މިހާރު ތިބި މީހުން ރާވައިގެން އޭނާ ކަޓުވާލީ އެވެ.
ކޮންމެވެސް އެކަކު އައުޓްކޮށްލާ އެޕިސޯޑްގައި ނޮމިނޭޝަންސްގެ އެންމެ ފުލުގައި ތިބީ ހިތެން އާއި ޕްރިޔަންކް ޝަރުމާ އެވެ. މި ދެ މީހުން ސިއްރު ކޮޓަރިއަކަށް ފޮނުވާލުމަށް ފަހު ދެން އޮތީ އެންމެ ބޮޑު ޝޮކް ލިބޭ ބައި ކަމަށް ބާކީ ތިބި ބައިވެރިން ކައިރީ ސަލްމާން ބުންޏެވެ. އަދި ހިތެން އާއި ޕްރިޔަންކްއާ ދެ މީހުންގެ ތެރެއިން އައުޓް ވާނީ ކާކުތޯ ނިންމާނީ އެމީހުން ކަމަށް ވެސް ސަލްމާން އެންގި އެވެ.
ހިތެން އާއި ޕްރިޔަންކް ސިއްރު ކޮޓަރީގައި ތިބިއިރު އެމީހުންނަށް ހުރިހާ ބައިވެރިން ދައްކާ ވާހަކަތަކާއި އުޅޭ ގޮތްތައް ފެނެ އެވެ.
ހިތެން އަކީ ބިގް ބޮސްގެ ގޭގައި ހުރުން ހައްގު ކެންޑިޑޭޓެއް ކަމަށް އަރްޝީ ޚާނާއި ޕުނީޝް ގަބޫލުކުރި ނަމަވެސް ހީނާ ޚާން އެމީހުންގެ ވާހަކައަކާ އެއްބަހެއް ނުވި އެވެ. ހީނާ ބުނީ ސީނިއާ މީހަކަށް ވާތީ ނުވަތަ ޝަޚްސިއްޔަތަށް ބަލާފައި އެގޮތަށް ނިންމައިގެން ނުވާނެ ކަމަށެވެ. ހުރިހާ އެންމެން ވެސް އެންމެ ފަހުން ނިންމީ ޕްރިޔަންކް ސަލާމަތް ކޮށްފައި ހިތެން ފޮނުވާލުމަށެވެ.
އެންމެ ތެދުވެރިކަމާ އެކު ވާހަކަ ދެއްކީ ޝިލްޕާ އެވެ. އޭނާ ބުނީ ހިތެން ބޭރުކޮށްލަން ބޭނުންވަނީ ހިތެން އަކީ އޭނާއަށް އޮތް ނުރައްކަލެއް ކަމަށް ގަބޫލުކުރާތީ ކަމަށެވެ.
އުފާވެފައި ހުރެ ޕްރިޔަންކް އެނބުރި ބިގް ބޮސްގެއަށް އައިއިރު ހިތެން އަށް ޖެހުނީ އެތަނުން ނުކުމެގެން ދާށެވެ.
ހިތެން ދަނީކަން އެނގުމުން އަރްޝީ ވަރަށް ޖަޒުބާތީވި އެވެ. އެންމެ ފަހު ވަގުތު ޝިލްޕާ މުޅި ގޭމް ބަދަލުކޮށް، ހިތެންއާ ދެކޮޅުވުމުން ވިކާސް އަށް ބޮޑު ހައިރާންކަމެއް ލިބުނެވެ.
ހިތެން ބޭރުކޮށްލީތީ ސަލްމާން ވެސް ވަރަށް ދެރަވިކަން ފާހަގަކުރެވުނެވެ. މިއީ ބިގް ބޮސްގެ އެއްވެސް ސީޒަނެއްގައި ބައިވެރިޔަކު އައުޓްވުމުން ސަލްމާން އެހާ ދެރަވެގެން އުޅުނުތަން ފެނުނު ފުރަތަމަ ފަހަރެވެ.
ބިގް ބޮސްގެ ގޭގައި ތިބި ހުރިހާ ބައިވެރިންނަށް ވެސް މިހާރު ވަރަށް މުހިންމު ފިލާވަޅެއް ވަނީ ލިބިފަ އެވެ. އެއީ އެ ގޭގައި ތިބި އެއްވެސް މީހަކު އަނެކަކަށް ހަމްދަރުދީނުވާނެ ކަމެވެ. ކޮންމެ މީހަކު ވެސް މަސައްކަތްކުރަނީ އެމީހެއްގެ އަމިއްލަ ފައިދާއަށް ކަމެވެ. ވަގުތު ޖެހޭއިރަށް އެންމެ ގާތްކޮށް އުޅޭ މީހާއަށް ވެސް ލަނޑު ދޭކަށް އަނެއް މީހާ ފަހެއް ނުޖެހޭނެ ކަމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy