އަނިލް ކަޕޫރް: ނެޓްފްލިކްސްގެ ޝޯއެއް ޕްރޮޑިއުސްކޮށް، އެކްޓް ކުރާނެ.
14 މާޗް 2018 - 06:39
ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރަކީ ހޮލީވުޑަށް އާ މީހެއް ނޫނެވެ. އޭނާ ވަނީ "ސްލަމްޑޯގް މިލިއަނާ" އާއި ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް: ދަ ގޯސްޓް ޕްރޮޓޮކޯލް" އަދި ޓީވީ ސިލްސިލާ "24" ފަދަ އުފެއްދުންތަކުގައި މަސައްކަތްކޮށްގެން ހުޅަނގުގެ ގިނަ ބައެއްގެ މަގުބޫލުކަން ވެސް ހޯދައިފަ އެވެ.
އަނިލް، 61، މިހާރު އަނެއްކާ ވެސް އަންނަނީ ހޮލީވުޑްގެ ޕްރޮޖެކްޓަކަށް ތައްޔާރުވަމުންނެވެ. މި ފަހަރު ނެޓްފްލިކްސްގެ ސިލްސިލާއެކެވެ. ރިޕޯޓްތައް ބުނާ ގޮތުން އަނިލް ފެނިގެން ދާނީ އިންޑިއާގެ ލިޔުންތެރިޔާ އަރްވިންދް އެޑީގާ 2016 ގައި ނެރުނު ވާހަކަ "ސިލެކްޝަން ޑޭ" އަށް ބިނާކޮށް ހަދާ ސިލްސިލާއިންނެވެ. މިއީ ބައްޕައަކު އޭނާގެ 14 އަހަރުގެ އަންހެން ދަރިފުޅުގެ ޖިންސް އޮޅުވާލައިގެން ކްރިކެޓްގެ މައިދާނަށް ނެރެގެން ވަރުގަދަ ބެޓްސްމެންއަކަށް ހަދަން ކުރާ މަސައްކަތުގެ ތެރޭގައި ދިމާވާ ކަންތައްތައް ކިޔައިދޭ ވާހަކައެކެވެ.
"ސިލެކްޝަން ޑޭ" އާ ބެހޭ ގޮތުން އަނިލް އަދި އެއްވެސް ވާހަކައެއް ހިއްސާފައިކޮށް ނެތަސް، މި ސިލްސިލާ ނެޓްފްލިކްސް އަށް ޑައިރެކްޓްކުރާނީ ދަ ލާސްޓް ކިންގް އޮފް ސްކޮޓްލޭންޑް (2006) ގެ ޑައިރެކްޓަރު ކެވިން މެކްޑޮނަލްޑްވެ. އަދި ސިލްސިލާއެއްގެ އެއް ޕްރޮޑިއުސަރަކީ ވެސް އަނިލް އެވެ.
އަނިލްގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ޖޫން 15 ގައި ރިލީޒް ކުރާ "ރޭސް 3" އާއި ޖުލައި 13 ގައި ރިލީޒް ކުރާ "ފޭން ހާން" ހިމެނެ އެވެ. އަދި އޭނާ އަންނަނީ ދަރިފުޅު އަދި މަޝްހޫރު ބަތަލާ ސޯނަމް ކަޕޫރާ އެކު "އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" މަސައްކަތް ވެސް ކުރަމުންނެވެ. މިއީ އޮކްޓޯބަރު 18 އަށް ތާވަލުކޮށްފައިވާ ފިލްމެކެވެ.
މި ފިލްމަކީ އަނިލްގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ޕަރިންދާ" އާއި "1942: އަ ލަވް ސްޓޯރީ" ގެ ޑައިރެކްޓަރު ވިންދޫ ވިނޯދް ޗޯޕްޅާގެ ދަރިފުޅު ޝެލީ ޗޯޕްޅާގެ ފުރަތަމަ ޑައިރެކްޝަނެވެ.
"އޭކް ލަޅްކީ ކޯ ދޭކާ ތޮ އޭސާ ލަގާ" ގެ ނަން ނަގަފައި ވަނީ ވެސް "1942: އަ ލަވް ސްޓޯރީ" ގެ ލަވައަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy