ސަންޖޭ ދަތު ޕްރޮޑިއުސްކުރާ ފިލްމަކަށް ރިޝީ ކަޕޫރް ސޮއިކޮށްފި

މީގެ ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅެފައިވާ ރިޝީ ކަޕޫރާއި ސަންޖޭ ދަތު އާ ފިލްމަކަށް ސޮއިކޮށްފި އެވެ.


މި ފިލްމަކީ ކެންސަރަށް ފަރުވާ ހޯދާތާ 11 މަސް ފަހުން އެނބުރި އިންޑިއާ އަށް ގޮސް، ރިޝީ، 67، ސޮއިކުރި ފުރަތަމަ ފިލްމެވެ.

ޑިސެމްބަރު މަހު ރިލީޒްކުރާ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޑައިރެކްޓަރު މުދައްސަރު އަޒީޒް ޑައިރެކްޓްކުރާ ފިލްމުގެ ނަމަކީ "ޕަންޑިތު ގައްލީ ކާ އަލީ" އެވެ. މި ފިލްމުގެ ބަތަލުގެ ރޯލަށް ރިޝީ އާއި ސަންޖޭ ސޮއިކުރި ނަމަވެސް ފިލްމުގެ އިތުރު ކާސްޓުންނާއި ފިލްމުގެ ޝޫޓިން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ސަންޖޭގެ ފިލްމު ކުންފުނިން ޕްރޮޑިއުސްކުރާ "ޕަންޑިތު ގައްލީ ކާ އަލީ" ގެ ޑައިރެކްޓަރަކީ 2010 ގެ ނެޝަނަލް ފިލްމު އެވޯޑްސްގައި 2009 ގެ ކުޅިވަރު ފިލްމު "ލާހޯރް" އިން އެންމެ މޮޅު އާ ޑައިރެކްޓަރުގެ އިންދިރާ ގާންދީ އެވޯޑް ހޯދި ސަންޖޭ ޕުރާން ސިންގެވެ.

ރިޝީ އާއި ސަންޖޭ އެންމެ ފަހުން އެއް ފިލްމެއްގައި މަސައްކަތްކުރީ 2012 ގެ "އަގުނީޕަތު" ގަ އެވެ. މި ދެ ތަރިން އެކީގައި ސްކްރީން ހިއްސާކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި ސާހިބާން (1993) އަދި ހަތިޔާރު (1989) ހިމެނެ އެވެ.

ރިޝީ އެންމެ ފަހުން ސްކްރީނުން ފެނިފައި ވަނީ މިދިޔަ ޖުލައި މަހު ރިލީޒްކުރި "ޖޫޓާ ކަހީ ކާ" އިންނެވެ.

އޭނާ ސަންޖޭގެ ފިލްމު ކުންފުނީގެ ފިލްމަކަށް ސޮއިކުރި އިރު މިދިޔަ އަހަރު ވަނީ ޗޫހީ ޗާވްލާއާ އެކު ފިލްމެއް ކުޅެން ވެސް ސޮއިކޮށްފަ އެވެެ. ފަރުވާ އަށް އެމެރިކާ އަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ރިޝީ ފުރައިގެން ދިޔައީ އެ ފިލްމުގެ މަސައްކަތް ވެސް ފެށިތަނާ އެވެ. އެކަމަކު އޭނާ އެނބުރި އަންނަންދެން އޭގެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.

ބެލެވޭ ގޮތުން ރިޝީ އެންމެ އަވަހަށް ޝޫޓިން ފަށާނެ ފިލްމަކީ ވެސް އެ ފިލްމެވެ.

ސަންޖޭ މި ވަގުތު އަންނަނީ އޭނާ ޕްރޮޑިއުސްކުރި ފުރަތަމަ ހިންދީ ފިލްމު އަދި މުހިއްމު ރޯލެއް ވެސް ކުޅުނު "ޕްރަސްތާނަމް" މި މަހުގެ 20 ގައި ރިލީޒްކުރަން ތައްޔާރުވަމުންނެވެ.