29 މާޗް 2020 - 08:29
މީގެ ހަތަރު އަހަރު ކުރިން އަކްޝޭ ކުމާރާ އެކު "ކްރެކް" ކިޔާ ފިލްމެއް ހަދަން އިއުލާންކުރުމަށް ފަހު، އޭގެ މަސައްކަތް ހުއްޓައިލީ އަކްޝޭއާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ޑައިރެކްޓަރު ނީރަޖް ޕާންޑޭ ބުނެފި އެވެ.
އަޖޭ ދޭވްގަނާ އެކު "ޗަނަކިއާ" ކިޔާ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ ނީރަޖް ބުނީ 2016 އި އިއުލާންކޮށް، ފަސްޓްލުކް ވެސް ދައްކައިލި "ކްރެކް" ގެ މަސައްކަތް ހުއްޓައިލީ އޭގެ ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެން ކަމަށެވެ. ނަމަވެސް ބައެއް މީޑިއާތަކުން ބުނީ އޭގެ މަސައްކަތް ހުއްޓައިލީ އަކްޝޭ އާއި ނީރަޖާ ދެމެދު ކުނިޖެހި ގުޅުން ވެސް ގޯސްވެގެން ކަމަށެވެ.
އެކަމަކު އެ ވާހަކަތައް ދޮގުކޮށް، މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ހުނަރުވެރި ޑައިރެކްޓަރު ބުނީ އެއް އިރެއްގައި ވެސް އަކްޝޭ އާއި އޭނާއާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
"ސްކްރިޕްޓާ ދޭތެރޭ ހިތްހަމަނުޖެހިގެން ކްރެކް ހުއްޓާލި ގޮތަށް އެކަން އޮތީ ހަމަ އެގޮތަށް. އަދި ޕްލޭނެއް ވެސް ނެތް އޭގެ މަސައްކަތް އަލުން ކުރާކަށް،" ނީރަޖް ބުންޏެވެ. "އެހެން ނަމަވެސް އަކްޝޭއަކާ އަހަންނަކާ އެއްވެސް މައްސަލައެއް އެއްވެސް އިރަކު ނެތް. ދެ މީހުން ވެސް އެހެން ޕްރޮޖެކްޓްތަކުގައި ބިޒީވީމަ އެކުގައި މަސައްކަތްކުރާ ތަން ނުފެންނަނީ."
This time,we come together for 'CRACK' - A Neeraj Pandey film. Releases Independence Day weekend 2017.Need your love pic.twitter.com/YcOeNkl38j
— Akshay Kumar (@akshaykumar) August 15, 2016
އަކްޝޭ އެންމެ ފުރަތަމަ ކުޅުނު ނީރަޖްގެ ފިލްމަކީ 2013 ގެ "ސްޕެޝަލް 26" އެވެ. އެ ފިލްމުގެ ބޮޑު ކާމިޔާބީ އަށް ފަހު ނީރަޖް 2015 ގައި ގެނެސްދިން "ބޭބީ" ގައި ވެސް އަކްޝޭ މަސައްކަތްކުރި އެވެ. އަދި އެ ފިލްމުގެ ދެވަނަ ބައިގެ ގޮތުގައި ނީރަޖް ޕްރޮޑިއުސްކޮށް 2017 ގައި ގެނެސްދިން "ނާމް ޝަބާނާ" ގެ އިތުރުން 2017 ގައި އަކްޝޭ ކުޅުނު "ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އަކީ ވެސް ނީރަޖް ޕްރޮޑިއުސްކުރި ފިލްމެކެވެ.
"ކްރެކް" 2016 އޮގަސްޓް މަހު އިއުލާންކުރީ 2017 ގައި ސިނަމާތަކަށް ގެނެސްދޭ ގޮތަށެވެ.
"ޗަނަކިއާ" ގެ ޝޫޓިން އަށް ތައްޔާރުވަމުން އަންނަ އިރު، ނީރަޖް ލިޔެ، ޑައިރެކްޓްކުރި ވެބް ސީރީޒް "ސްޕެޝަލް އޮޕްސް" ހޮޓްސްޓާ އިން މިހާރު އަންނަނީ ސްޓްރީމްކުރަމުންނެވެ.
އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފީޗާ ފިލްމަކީ 2018 ގައި ސިދާތު މަލްއުތުރާ އާއި ރަކުލް ޕްރީތު ސިންގްގެ އިތުރުން މަނޯޖް ބަޖްޕާއީ ކުޅުނު "އައްޔާރީ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy