ސިދާތު.
29 މާޗް 2020 - 08:28
ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 13" ކާމިޔާބުކުރި އެކްޓަރު ސިދާތު ޝުކްލާ އަށް އެ ޗެނެލްގެ ސިލްސިލާ "ނާގިން 4" ގެ ރޯލެއް ހުށަހަޅައިފި އެވެ.
މީޑިއާތަކުން ބުނީ ސިދާތަށް ހުށަހެޅި ރޯލަށް އޭނާ މިހާރު އެއްބަސް ވެސް ވެފައިވާ ކަމަށާއި ކޮރޯނާވައިރަހުގެ ކަންތައްގަނޑު މައިތިރިވެ، އިންޑިއާގެ އުފެއްދުންތަކުގެ ޝޫޓިންތައް އަލުން ފެށުމާ އެކު "ނާގިން 4" ގެ ޝޫޓިން އޭނާ ފަށާނެ ކަމަށެވެެ.
ނަމަވެސް ސިލްސިލާ އިން ސިދާތު ފެނިގެންދާނީ ކޮން ކަހަލަ ރޯލަކުން ކަމެއް އަދި ނޭނގެ އެވެ. އަދި މިކަމާ ބެހޭ ގޮތުން އޭގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރް ވެސް ހުރީ ހިމޭނުންނެވެ.
ސިދާތު "ނާގިން 4" އަށް އަންނަ އިރު، "ބިގް ބޮސް 13" ގައި ވާދަކޮށް، ހަތަރު ވަނަ އަށް ބަތަލާ ރަޝްމީ ދެސާއީ ވެސް މިހާރު އަންނަނީ އެ ސިލްސިލާގެ ރޯލެއް ކުޅެމުންނެވެ. އޭނާ އާއި ސިދާތަކީ ކުރިން އެކީގައި "ދިލް ސޭ ދިލް ތަކް" ކިޔާ ސިލްސިލާއެއް ކުޅުނު ދެ ތަރިންނެވެ.
މިދިޔަ އަހަރު ދައްކަން ފެށި "ނާގިން 4" ގެ ލީޑް ކާސްޓްގައި ހިމެނެނީ ނިއާ ޝަރުމާ އާއި ވިޖެޔަންދުރަ ކުމޭރިއާގެ އިތުރުން އަނީތާ ހަސަނަންދާނީ އެވެ.
"ބިގް ބޮސް 13" އަށް ފަހު، ސިދާތު، 39، ކުޅުނު ވީޑިއޯ ލަވައެއް ދާދި ފަހުން ވަނީ ދައްކާލައިފަ އެެވެ. އެއީ އެ ޝޯގެ ތިން ވަނަ އަށް ދިޔަ ޝެނެހާޒް ގިލް (ސަނާ) އާ އެކު ކުޅުނު "ބުލާ ދޫނގާ" އެވެ.
ސިދާތަކީ އަކީ 2014 ގައި ވަރުން ދަވަނާއި އާލިއާ ބަޓް ކުޅުނު ފިލްމު "ހަމްޓީ ޝަރުމާ ކީ ދުލްހަނިޔާ" ގެ ރޯލެއް ވެސް ކުޅުނު އެކްޓަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy