01 ނޮވެމްބަރ 2020 - 08:11
ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ޓައިގާ ޝްރޮފްގެ ފިލްމު "ހީރޯޕަންތީ 2" ގެ ބަތަލާގެ ރޯލަށް ތާރާ ސުތާރިއާ ހަމަޖައްސައިފި އެވެ.
ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އެހުމަދު ޚާން ޑައިރެކްޓްކުރާ ފިލްމުގެ ބަތަލާގެ ރޯލަށް ތާރާ ހަމަޖެއްސިކަން މިހާރު ވަނީ ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. މިއާ އެކު "ހީރޯޕަންތީ 2" ވާނީ ޓައިގާއާ އެކު ތާރާ ކުޅޭ ދެވަނަ ފިލްމަށެވެ. ޒުވާން ބަތަލާ މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވީ ޓައިގާއާ އެކު ކުޅުނު "ސްޓޫޑަންޓް އޮފް ދި އިޔާ 2" އިންނެވެ. އަނަންޔާ ޕާންޑޭ އަކީ ވެސް އެ ފިލްމުން ތައާރަފުވި ބަތަލާއެކެވެ.
ޑިސެމްބަރު މަހު ޝޫޓިން ފަށާ "ހީރޯޕަންތީ 2" ގެ ބަތަލާގެ ރޯލް ތާރާ އަށް ލިބުނީ އެ ފިލްމުގެ ބަތަލާގެ ރޯލަށް ސާރާ އަލީ ޚާނާއި ކެޓްރީނާ ކައިފާ ދެ ތަރިން ކުރެން އެކަކު ގެންނަން މަސައްކަތްކުރަމުންދާ ކަމަށް މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
Happy to announce the leading lady of #SajidNadiadwala's #Heropanti2
— Ahmed Khan (@khan_ahmedasas) October 30, 2020
Welcome to the Action filled journey @TaraSutaria 💥@iTIGERSHROFF @WardaNadiadwala @NGEMovies
ތާރާގެ އަތުގައި މިހާރު ވެސް ސާޖިދު ޕްރޮޑިއުސްކުރާ އެހެން ފިލްމެއް އެބައޮތެވެ. އެއީ ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ނެރޭ ފިލްމު "ތަޅަޕް" އެވެ. އެ ފިލްމަކީ 2018 ގައި ރިލީޒްކުރި ތެލެގޫ ފިލްމު "އާރްއެކްސް 100" އަސްލަކަށް ބަލައިގެން ޑައިރެކްޓަރު މިލަން ލުތުރިއާ ހަދާފައިވާ ފިލްމެކެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ސްޓޫޑަންޓް އޮފް ދި އިޔާ 2" އަށް ފަހު، ތާރާ ފެނިގެން ދިޔައީ މިދިޔަ އަހަރު ސިދާތު މަލްއުތުރާއާ އެކު "މަރުޖާވާ" އިންނެވެ. ތާރާ އަކީ ޑައިރެކްޓަރު މޯހިތު ސޫރީގެ "ދޯ ވިލަން" ގެ އެއް ބަތަލާ ވެސް މެ އެވެ. އެ ފިލްމުގައި އޭނާ ފެންނާނީ އަރުޖުން ކަޕޫރާއި ޖޯން އަބްރަހަމާއި ޑިޝާ ޕަޓާނީއާ އެކީގަ އެވެ.
"ހީރޯޕަންތީ 2" އަކީ ޓައިގާ 2014 ގއި ބޮލީވުޑަށް ނުކުތް ފިލްމު "ހީރޯޕަންތީ" ގެ ސީކްއެލް އެވެ. މި ފަހަރު ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން ބަތަލާ ވެސް ބަދަލުވެފައިވާ އިރު ކުރީގެ ފިލްމު ސަބީރް ޚާން، ޑައިރެކްޓްކޮށް، ބަތަލާގެ ރޯލް ކުޅުނީ ކްރިތީ ސެނަން އެވެ.
"ހީރޯޕަންތީ 2" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ ޖުލައި 16 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްފާ
01 November 2020
އަދުށަން އަބަދު އެހުމަދު ލިޔަނީ ކީއްވެތަ. އަހުމަދު ނުލިޔެވެނީތަ ؟