09 ޑިސެމްބަރ 2020 - 07:49
މީގެ ހަތް އަހަރު ކުރިން ޑައިރެކްޓަރު އަނޫރާގް ކޭޝަޕް ގެނެސްދިން ޑާކް ތުރިލާ "އަގްލީ" ފްރެންޗައިޒަކަށް ހަދަން ނިންމައި، ފިިލްމުގެ ދެވަނަ ބައިގެ ތައްޔާރީތައް ވާން ފަށައިފި އެވެ.
އެކަމަކު މި ފަހަރު އަނޫރާގް ފިލްމު ޑައިރެކްޓެއް ނުކުރާނެ އެވެ. ފިލްމުގައި އޭނާ ހިއްސާނީ ކޯ-ޕްރޮޑިއުސަރެއްގެ ގޮތުގަ އެވެ. "އަގްލީ 2" ލިޔެ، ޑައިރެކްޓްކުރާނީ މިދިޔަ އަހަރު "ސެކްޝަން 375" ގެނެސްދިން އަޖޭ ބާލް އެވެ. އޭނާ އަކީ "އަގްލީ" ގެ ޕްރޮޑިއުސަރެކެވެ. އަޖޭ ޑައިރެކްޝަނަށް ނުކުތީ 2012 ގެ "ބީއޭ ޕާސް" އިންނެވެ.
"އަގްލީ 2" އާ ބެހޭ ގޮތުން އޭނާ ބުނީ ފިލްމު ފްރެންޗައިޒަކަށް ހެދުމަކީ އަނޫރާގްގެ ހިލާޔެއް ކަމަށާއި ދެވަނަ ބައިގެ ސްކްރީންޕްލޭ ލިޔެ، ޑައިރެކްޝަނާ ހަވާލުވީ ވެސް އޭނާ އެދިގެން ކަމަށް ބުންޏެވެ.
"އަނެއްކޮޅުން އަހަރެންގެ ސްކްރިޕްޓް އަނޫރާގަށް ވަރަށް ކަމުދިޔަ. އަހަރެން ވެސް ވަރަށް ހިތްހަމަޖެހޭ ސްކްރީންޕްލޭއާ ދޭތެރޭ،" ބޮލީވުޑް ހަންގާމާ އަށް އަޖޭ ބުންޏެވެ. "އަހަރެން ބުނާނީ މިއީ ވަރަށް ފުރިހަމަ މޮޅު ސްކްރިޕްޓެކޭ، ފިލްމު ބެލުންތެރިންނާ ހަމަށް އައިމަ މި ބުނާ ބަހުގެ ހުރި އިތުބާރެއް އެނގޭނެ. ފުރަތަމަ ބައިގެ މޫޑާ ވަރަށް ގުޅޭ ގޮތަށް އަހަރެންގެ ސްކްރިޕްޓް އޮތީ."
އަޖޭ އަދި އަނޫރާގް.
"އަގްލީ" އަކީ މައްސަލަ ބޮޑު އާއިލާއެއްގެ ފިލްމީ ތަރިއެއްގެ ކުޑައަންހެން ދަރިފުޅު ކާރެއްގެ ތެރޭގައި ބައިންދާފައި އިންދައި ކިޑްނެޕްކުރުމުން ދިމާވާ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ. މީގެ ލީޑް ރޯލް ކުޅުނީ ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔަ ޓީވީ ސިލްސިލާ "ހީނާ" ގައި ސަމީރުގެ ރޯލު ކުޅުނު ރާހުލް ބަޓެވެ. "އަގްލީ" ގެ ކާސްޓްގައި ރޯނިތު ރޯއި އާއި ސިދާންތު ކަޕޫރާއި ތޭޖާސްވިނީ ކޯލަޕޫރީ އާއި ވިނީތު ކުމާރު ސިންގް އާއި ސުރުވީން ޗާވްލާ އާއި ގިރިޝް ކުލްކަރްނީ ވެސް ހިމެނެ އެވެ.
"އަގްލީ 2" އާ ބެހޭ ގޮތުން އަޖޭ ބުނީ އޭގެ ކާސްޓްގައި ވެސް ރާހުލް ހިމެނޭނެ ކަމަށެވެ. އެކަމަކު ފިލްމުގެ އިތުރު ކާސްޓުންނާއި މަސައްކަތް ފަށާނެ އިރެއް ނުބުނެ އެވެ.
ޖުމްލަ 4.5 ކްރޯޑް ރުޕީސް (611,539.65 ޑޮލަރު) ގެ ބަޖެޓަކުން ހެދި "އަގްލީ" އަކީ ބޮކްސް އޮފީހުގައި 6.24 ކްރޯޑް ރުޕީސް (848,001.65 ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
މި ފިލްމަކީ ބޭރުގެ ބައެއް ފެސްޓިވަލްތަކުގައި ވެސް ދެއްކި ފިލްމެކެވެ. އޭގެ ތެރޭގައި ކާންސް ފިލްމު ފެސްޓިވަލާއި ނިއު ޔޯކް އިންޑިއަން ފިލްމު ފެސްޓިވަލްގެ އިތުރުން އިންޑިއަން ފިލްމު ފެސްޓިވަލް އޮފް ލޮސް އެންޖެލިސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy