"ޕާންޑިއާ ސްޓޯރް" ގެ ޕޯސްޓަރެއް.
04 ޖެނުއަރީ 2021 - 08:02
މިހާރު ވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު އެތައް ސިލްސިލާއެއް ގެނެސްދޭ ސްޓާ ޕްލަސް އިން އާ އަހަރާ އެކު އަނެއްކާ ވެސް މުޅިން އާ ސިލްސިލާއެއް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.
މިހާރު ޕްރޮމޯ ވެސް ދައްކަމުން އަންނަ އާ ސިލްސިލާގެ ނަމަކީ "ޕާންޑިއާ ސްޓޯރް" އެވެ. މިއީ އާދައިގެ އާއިލާއަކުން ހިންގާ ވިޔަފާރީގެ ތެރޭގައި ކުރިމަތިވާ އަޑިގުޑަންތަކާއި އެކަމުން އަރައިގަތުމަށް ކުރާ މަސައްކަތް ދައްކުވައިދޭނެ އެއްޗެކެވެ.
"ޕާންޑިއާ ސްޓޯރް" ގެ ލީޑް ރޯލުން ފެންނާނީ "ސަޕްނާ ބާބުލް ކާ...ބިދާއީ" އާއި "ލާލު އިޝްގް" އާއި "ސިލްސިލާ ބަދަލްތޭ ރިޝްތޯން ކާ" ފަދަ ސިލްސިލާތައް ކުޅެފައިވާ ކިންޝުކް މަހާޖަނާއި "ލާލު އިޝްގް" އާއި "ޖަމާއީ ރާޖާ" އަދި "ސަރަސްވަތީޗަންދުރާ" ފަދަ ސިލްސިލާތަކުން ފެނިފައިވާ ބަތަލާ ޝައިނީ ދޯޝީ އެވެ.
"ޕާންޑިއާ ސްޓޯރް" ގައި ކިންޝުކާއި ޝައިނީ ކުޅޭނީ ދެމަފިރިންގެ ރޯލެވެ. މި ސިލްސިލާގެ ޕްރޮމޯ ދައްކަމުން ދިޔަ ނަމަވެސް، ދައްކަން ފަށާނެ ތާރީހެއް ސްޓާ ޕްލަސް އިން އަދި ހާމައެއްނުކުރެ އެވެ.
އެ ޗެނެލުން އެންމެ ފަހުން އަލަށް ފެށި ސިލްސިލާ އަކީ މިދިޔަ މަހު ދައްކަން ފެށި "ޝޯރިއާ: އޭކް އަނޯކީ ކަހާނީ" އެވެ.
ލޮކްޑައުން އަށް ފަހު ސްޓާ ޕްލަސް އިން އަލަށް ފެށި ސިލްސިލާތަކުގެ ތެރޭގައި މިހާރު ޓީއާރްޕީ ރޭޓިންގައި ރަނިކަން ކުރަމުން އަންނަ "އަނޫޕަމާ" އާއި "ލޮކްޑައިން ކީ ލަވް ސްޓޯރީ" އާއި "ޝާދީ މުބާރަކް" އާއި "ސާތު ނިބާނާ ސާތިޔާ 2" ގެ އިތުރުން "އިމްލީ" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy