ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ މެޝިނަރީ އުފައްދާ ޗައިނާގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެކްސްސީއެމްޖީއާ އެކު އެމްޓީސީސީ އިން ސޮއިކޮށްފި އެވެ.
އެމްޓީސީސީ ޓަވަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު އާއި އެކްސްސީއެމްޖީގެ އޭޝިއާ ޕެސިފިކް ޑިޕާޓްމަންޓްގެ ރީޖަނަލް މެނޭޖަރު ކްރިސް ވަންގް އެވެ.
އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު އިސްމާއީލް އަދުހަމް ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެމްޓީސީސީ ކަށަވަރު ޝޯރޫމުން އެކްސްސީއެމްޖީގެ މެޝިނަރީ އާއި އޭގެ ސްޕެއާ ޕާޓްސް އަދި ސާވިސް ވެސް ލިބޭނެ އެވެ.
"މިފަދަ ރިލަޔަބަލް އަދި ދުނިޔޭގައި ވެސް ފާހަގަކޮށްލެވޭ ކުންފުންޏެއްގެ އުފެއްދުންތައް ވިއްކުމުގެ ސަބަބުން ކުރިއަރަމުން އަންނަ ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އިތުރަށް ފުޅާވެގެން ދާނެ،" އޭނާ ވިދާޅުވި އެވެ.
އެކްސްސީއެމްޖީ އަކީ ކޮންސްޓްރަކްޝަން ދާއިރާ އަށް ބޭނުންވާ މެޝިނަރީ ފޯރުކޮށްދޭ ކުންފުނިތަކުގެ ތެރެއިން ދުނިޔޭގެ ފަސްވަނަ އަށް އެންމެ ބޮޑު ކުންފުންޏެވެ. ޗައިނާގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް އެ ކުންފުނީގެ މެޝިނަރީ ވިއްކަމުން އަންނަ އިރު، މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތުގައި ވެސް ބޭނުންކުރަނީ އެކްސްސީއެމްޖީގެ މެޝިނަރީ އެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރެއިން ވަރަށް ގިނަ މަޝްރޫއުތަކެއް އެމްޓީސީސީ އިން ހިންގަ އެވެ.