ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް ކަރަންޓު ލުމުގެ ތެރެއިން، ޓްރާންސްފޯމަރު ބަހައްޓަނީ ---ފޮޓޯ: ސްޓެލްކޯ
13 ޖޫން 2022 - 15:05
ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ސްޓެލްކޯ ހިޔާގެ ދެ ޓަވަރަށް ކަރަންޓު ލުމުގެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު އެ ކުންފުނިން ފަށައިފި އެވެ.
ސަރުކާރުގެ ކުންފުނިތަކުންް އިމާރާތްކުރާ ފްލެޓްތަކުގެ ކަރަންޓް ނެޓްވޯކްގެ މަސައްކަތް ލަސްވާތީ އަމިއްލަ އަށް އެކަން ކުރަން ސްޓެލްކޯގެ ބޯޑުން ވަނީ ނިންމައިފަ އެވެ.
އެ މަސައްކަތުގެ ދަށުން މިހާރު ވަނީ އެއް ސާކެޓުން އަނެއް ސާކެޓަށް ކަރަންޓު ފޯރުކޮށްދޭ ޓްރާންސްފޯމަރު ބަހައްޓައިފައި ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ ހިޔާ ދެ ޓަވަރަށް ކަރަންޓު ލުމުގެ މަސައްކަތް، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފާއި ކުންފުނީގެ އިސް ވެރިން ބައްލަވާލައްވަނީ ---ފޮޓޯ: ސްޓެލްކޯ
"މި ކުންފުނީގެ އަމާޒަކީ އަންނަ ޖުލައި މަހަށް، މުވައްޒަފުންނަށް އެ ދެ ޓަވަރުގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖެހުން،" ސްޓެލްކޯއިން ބުންޏެވެ.
ފްލެޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު ފްލެޓް ލިބުނު މީހުން އަންނަނީ ބަރާބަރަށް ފައިސާ ދައްކަމުންނެވެ. ސްޓެލްކޯ އިން އަމިއްލަ އަށް އެތަނަށް ކަރަންޓު ލާން ނިންމީ އެތަނަށް ބަދަލު ނުވެވި ލަސްވާތީ މުވައްޒަފުންނަށް ގެއްލުންތައް ލިބެމުންދާތީ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަ އަހްމަދު ޝަރީފް އާއެކު އެކުންފުނީގެ އިސްވެރިން ސްޓެލްކޯ ހިޔާ ދެ ޓަވަރަށް ކަރަންޓު ލުމުގެ މަސައްކަތް ބައްލަވާލައްވަނީ ---ފޮޓޯ: ސްޓެލްކޯ
ސަރުކާރުގެ ގިނަ ކުންފުނިތަކުގެ ފްލެޓްތަކުގެ މަސައްކަތް ނިމިފައި ވިޔަސް، ހުޅުމާލޭގެ އެ ސަރަހައްދަށް ކަރަންޓާއި ފެނުގެ ހިދުމަތް ނުލިބޭތީ އެއްވެސް ޓަވަރަކަށް މީހުން ބަދަލެއް ނުވެ އެވެ. އެ ނެޓްވޯކް އަޅަން ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާ އެވެ.
އެޗްޑީސީން ބުނިގޮތުގައި، އެ ތަންތަނަށް ކަރަންޓު ފޯރުކޮށްދެވޭ ވަރުވާނީ އަންނަ ސެޕްޓެމްބަރު މަހު އެވެ. އޭގެ ކުރިން އަމިއްލަ އަށް ކަރަންޓު ލާން ބޭނުން ކުންފުނިތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތް ކޮށްފައިވާ ދެ ޓަވަރުގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓްތަކެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
13 June 2022
އެޗްޑީސީ ވަނީ އޯވަރ ހޯލް ކުރަން ވެފަ އެވެ. ވ ކޮރަޕްޓް އެވެ. އަތް ނުލާ އޮތީ ހުރިހާ ސަރުކާރަކާ ވެސް ގުޅިގެން ޖަރީމާ ހިންގާތީ އެވެ.