ދުނިޔޭގެ މާލީ އިދާރާތަކުގެ އިންޒާރުތަކާއި ވާހަކަތައް ގަބޫލުކުރަން ޖެހެ އެވެ. އަދި އެ ލަފާތަކާއި އިންޒާރުތަކަށް ޖޯކު ޖެހުމުގެ ބަދަލުގައި، ކުރަންވީ ކަމަކީ އެއިން ސަލާމަތް ވެވެން އޮތް މަގެއް ހޯދުމެވެ.
ރާއްޖޭގެ އިގްތިސާދަކީ މީގެކުރިން ވެސް ހިތި ތަޖުރިބާތައް ކޮށްފައިވާ ނާޒުކު އިގްތިސާދެއް އޮތް ގައުމެކެވެ. އެއީ ޓޫރިޒަމެވެ. ޓޫރިޒަމަށް ކިރިޔާ ލޮޅުމެއް އަރާ ވަރުގެ ކަމެއް ދިމާވިޔަސް، މުޅި ގައުމުގެ އިގްތިސާދު އޮންނަނީ ފުނޑިފަ އެވެ.
ސަރުކާރުން މިހާރު ވެސް ބުނަމުން އަންނަ ވާހަކައަކީ، ރާއްޖޭގެ ޓޫރިޒަމް ރަނގަޅު ވާހަކަ އާއި ޓޫރިސްޓުން އަންނަ ވާހަކަ އެވެ. އެކަމަކު ރާއްޖެ އަށް ޓޫރިސްޓުން އަންނަ މައިގަނޑު ދެ ގައުމެއްގައި ބޮޑު ހަނގުރާމައެއް ފަށައިގެން އުޅޭއިރު، އެ ދެ ގައުމުން ވެސް ޓޫރިސްޓުން އައުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. އަދި އެ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ވަނީ ދަށަށް ދާން ފަށައި، މުދަލާއި ހިދުމަތުގެ އަގު އުފުލެން ފަށައިފަ އެވެ. މިއީ ރާއްޖެ އިން ވިސްނަން ޖެހޭ ކަމެކެވެ.
އިގްތިސާދީ ހީނަރުކަން ރާއްޖެ އަށް ކުރިމަތިވެ ދަރަނި ނުދެއްކިދާނެ ކަމުގެ އިންޒާރު ދުނިޔޭގެ މައި ބޭންކަކުން މިހާރު ވެސް އޮތީ ދީފަ އެވެ. އެ ހާލަތް ކުރިމަތިވެދާނެ ކަމަށް އެބަ ވިސްނަން ޖެހެ އެވެ. ދުރާލައި ތައްޔާރުވާން އެބަ ޖެހެ އެވެ.
ކުރީގެ ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު، އަދި އެމްއެމްއޭގެ ގަވަރުނަރުކަން ވެސް ކުރެއްވި އަބްދުﷲ ޖިހާދު ވިދާޅުވީ، މި ވަގުތަކީ ސަރުކާރަށް އާމްދަނީއެއް ނުވަންނަ ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހޭ ނުވަތަ މަޑުޖައްސާލަން ޖެހޭ ވަގުތު ކަމަށެވެ. އޭނާ މިސާލު ނެންގެވީ ތިލަމާލެ ބްރިޖް ޕްރޮޖެކްޓުންނެވެ.
"އެހާ ބޮޑު ހޭދައެއް މިއީ ކުރަން އެންމެ ރަނގަޅު ވަގުތުތޯ އެބަ ޖެހޭ ވިސްނާލަން ޖެހޭ. ބްރިޖް ނެހެދިޔަސް ފުއްދާލެވޭނެތޯ މިއީ ކުރަން ރަނގަޅު ސުވާލެއް. އެއަށް ވުރެ މުހިއްމު ހަރަދުތަކަށް އިސްކަން ދޭން މި ޖެހެނީ،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރު ހޭދަކުރާ މި ޕްރޮޖެކްޓް މަޑުޖައްސާލުމުގެ ވިސްނުމެއް އަދި ސަރުކާރަކު ނެތެވެ. އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ފިނޭންސް މިނިސްޓްރީން ވަނީ ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހޭނެ ހާލަތު ރާއްޖެ އަށް ކުރިމަތިނުވާ ކަމަށް ބުނެފަ އެވެ.
"ކުންފުނިތަކުން ވެސް ކުރާ ހޭދަކުޑަކުރަންވީ. މަޖިލީސް މެންބަރުގެ މުސާރަ ވެސް ކުޑަކުރަންވީ. ރިކަރަންޓް ހަރަދުތައް ވެސް ކުޑަކުރަންވީ."
ޖިހާދު ވިދާޅުވީ، މިއީ ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އެކަންކަން ހާމަކުރަންވީ ވަގުތު ކަމަށެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެބްރުއަރީގައި ފަށައި، ދުނިޔޭގެ އިގްތިސާދަށް ކުރަމުން އަންނަ އަސަރުތަކަށް ބެލުމެއް ނެތި ޓީޗަރުންގެ މުސާރަ ބޮޑު ކުރުމަކީ ސަރުކާރުން ކުރި ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ، މިއީ އާ މުވައްޒަފުން ނެގުމާއި ސަރުކާރުން ދަތުރުތަކަށް ހޭދަކުރާ ވަރު ވެސް ކުޑަކުރަންވީ ވަގުތު ކަމަށެވެ.
"ކުންފުނިތަކުން ވެސް ކުރާ ހޭދަ ކުޑަކުރަންވީ. މަޖިލިސް މެންބަރުގެ މުސާރަ ވެސް ކުޑަކުރަންވީ. ރިކަރަންޓް ހަރަދުތައް ވެސް ކުޑަކުރަންވީ،" އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ކާރިސާތަކުގައި މީގެ ކުރިން ސަރުކާރުން އަޅާފައިވާ ބައެއް ފިޔަވަޅުތައް:
- ދަތުރުތަކަށް ކުރާ ހޭދަ ކުޑަކުރުން/ ބޭކާރު ދަތުރުތައް ނުކުރުން
- ވަޒީފާތަކަށް އަލަށް މުވައްޒަފުން ނުނެގުން
- އޮފީސް ވަގުތު ކުޑަކުރުން
- އޮފީސްތަކުގެ އިތުރު ގަޑި ކަނޑާލުން
- ފަސްކުރެވޭނެ ބައެއް ޕްރޮޖެކްޓްތައް މެދުކަނޑާލުން
ޖިހާދު ވިދާޅުވީ، މިފަދަ ކޮންމެ ހާލަތެއްގައި ސަރުކާރުން ފައިސާ ޗާޕު ކުރުމަކީ ހައްލެއް ނޫން ކަމަށެވެ. ފައިސާ ޗާޕްކުރުމުން އޭގެ އަސަރު ކޮންމެވެސް ސިފައެއްގައި އިގްތިސާދުން ފެންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ވޭތުވެދިޔަ ދެ އަހަރު އިތުރަށް ފައިސާ ޖެހިޔަސް، މި އަހަރު އިތުރަށް ފައިސާ ޗާޕުކުރަން ސަރުކާރުން އަދި ނިންމާފައެއް ނުވެ އެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ސިޔާސީ ނިންމުންތަކެއް ނިންމުމަށްވުރެ، އިގްތިސާދީ ނަޒަރަކުން ފިޔަވަޅުތަކެއް އަޅަންވީ ވަގުތެވެ.
"އަޅުގަނޑުމެންގެ ލީޑަރުން ކުރާ ކަމަކީ ފޮނި ވާހަކަ ދެއްކުން. ދެއްކުންތެރިކަން މިވަނީ ހައްދު ފަހަނައަޅާފައި،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ދާއިރާގެ ބޭފުޅަކު، ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވީ، މި ހާލަތުގައި ސަރުކާރުން ކަންކަން ކުރާތަން ފެންނަނީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ.
"މިސާލަކަށް މިދިޔަ ވީކެންޑްގައި ނައިބު ރައީސާ އެކު ބޮޑު ޓީމެއް އެ ވަޑައިގަތީ ތިމާވެށީގެ ދުވަސް ފާހަގަކުރަން ފުވައްމުލަކަށް. މިކަހަލަ ކަންކަން ކުރަންވާނީ ގައުމުގެ ހާލަތު ވަރަށް ރަނގަޅަށް ދާ ހާލަތުގައި،" އޭނާ ވިދާޅުވި އެވެ.
މިފަދަ ހާލަތްތަކުގައި ސަރުކާރުން ބާއްވާ ހަފްލާތަކާއި ދަތުރުތައް ކުޑަކޮށް، އޮފީސްތަކުގެ ހަރަދުތައް ވެސް ކުޑަ ކުރަން ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އާންމު ގޮތެއްގައި މިފަދަ ހާލަތްތަކުގައި ހަރަދު ކުޑަކުރަން ސަރުކާރުން އަޅާނެ ފިޔަވަޅުތައް ބަޔާންކޮށް ފިނޭންސް މިނިސްޓްރީން މީގެކުރިން އަބަދު ވެސް ސާކިއުލާތައް ނެރޭ އިރު ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އެފަދަ އެއްވެސް ސާކިއުލާއެއް ނެރެފައި ނެތުމަކީ މައްސަލައެއް ކަމަށެވެ.
"ސަރުކާރުން ރަށްރަށުގައި ހިންގާ ފުޓްބޯޅަ ދަނޑުތަކާއި ޕާކުތައް އަޅަންވީ ވަގުތެއް ނޫން މިއީ،" އޭނާ ވިދާޅުވި އެވެ.
އަގުތައް އުފުލި އިގްތިސާދު އަޑިއަޅާލައިގެންދާ ދަނޑިވަޅުތަކުގައި އިގްތިސާދީ ހާލަތު ސާފުކޮށް ރައްޔިތުންނަށް ކިޔައިދިނުން ވަރަށް މުހިއްމު ކަމަށް އިގްތިސާދު ދިރާސާކުރައްވާ އަދި އިގްތިސާދީ ލިޔުއްވުންތައް ލިޔުއްވާ އިބްރާހިމް އާތިފު ޝަކޫރު ވިދާޅުވި އެވެ. މިފަދަ ހާލަތްތަކުގައި އާންމުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތައް ހަމައަކަށް އެޅުވުމަށް، ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު، ސަރުކާރުން ފާޅުގައި ކިޔައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ މުހިއްމީ ކެރިގެން ސާބިތު ކަމާ އެކު އެ ވާހަކަތައް އާންމުންނަށް ކިޔައިދިނުން. ނޫނޭ، ނޫނޭ. ހުރިހާ ކަމެއް ހަމަޖެހިފައޭ ބުންޏަސް، މީހުން އެކަމެއް ގަބޫލެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
އިގްތިސާދީ ހާލަތައި ގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިދިޔަ ހަފްތާގައި ވިދާޅުވީ، ދައުލަތުގެ އާމްދަނީ ރަނގަޅަސް، ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެހެންވެ ސަރުކާރުގެ ވިސްނުމަކީ ހިދުމަތްތަކަށް ބުރޫނާރާނެހެން ހަރަދުތައް އަލުން ބައްޓަންކޮށް، ބަޖެޓް ފައިނޭންސް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ހަރަދުތައް އިތުރުވިޔަސް ރާއްޖޭގެ ރަސްމީ ރިޒާވް ހުސްވެ، ޑިފޯލްޓް ވެދާނެ ކަމުގެ ބިރެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ދިވެހިންނާއި ބޭރުގެ އިންވެސްޓަރުންނަށް ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ދެއްކުމުން, މިހާރު ދުނިޔެ އޮތް ނާޒުކު ދަނޑިވަޅުގައި މުޅި ރާއްޖެ އަށް ވެސް އޭގެ ސަބަބުން ލިބެން ނުޖެހޭ ގެއްލުންތަކެއް ލިބިދާނެ އެވެ. އޭގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގައި ނުތަނަވަސްކަން އިތުރުވެ، މާކެޓަށް ނޭދެވޭ އަސަރުކޮށްފާނެ ކަމުގެ އިންޒާރު ވެސް ދެއްވި އެވެ.
އަމީރު ވިދާޅުވިގޮތުގައި، އިތުރުވަމުން އަންނަ ޑޮލަރުގެ އާމްދަނީއާ އެކު، ރާއްޖޭގެ ރިޒާވް މި އަހަރު ނިމޭއިރު، ކޮވިޑްގެ ކުރިން ހުރި ވަރުގައި ދެމެހެއްޓޭނެ އެވެ.
"ރާއްޖެ އަށް ދަރަނި އަނބުރާ ދެއްކުމުގައި ކުރު މުއްދަތުގެ ގޮންޖެހުންތަކެއް ނެތް. ދަރަނި ދެއްކުމުގެ ގާބިލުކަން އެބަހުރި. މި އަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި،" މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.
ރިކަރަންޓް ހަރަދަށް ބޭރުން ލޯނު ނެގުން ގޯސް
މިކަހަލަ ހާލަތްތަކުގައި ސަރުކާރުގެ ހަރަދުތައް މެނޭޖްކުރަން ޒިންމާދާރު ނިންމުންތައް ނިންމުން ވަރަށް މުހިއްމު ކަމަށް ތަޖުރިބާކާރު ބޭފުޅުން ވިދާޅުވި އެވެ.
ސަރުކާރުން ރިކަރަންޓް ހަރަދުކުރަނީ ބޭރުން ލޯނު ނަގައިގެން ކަމަށް ވިދާޅުވެ ބައެއް ބޭފުޅުން އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ލިބޭ އާމްދަނީ މެނޭޖްކުރުމުގައި މައްސަލަތައް ހުރި ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ. މުސާރަ އާއި ހަރަދު ހަމަޖައްސަން ލޯނު ނެގުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ސަރުކާރުން ނެގި ލޯނުތަކުގެ ތެރޭގައި ބަޖެޓް ސަޕޯޓަށް ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނެގި 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ ލޯނެއް ހިމެނެ އެވެ.
"ލޯނު ލިބެން ވެސް ލިބޭނެ. އެކަމަކު ލޯނު ނަގައިގެން ކިހާ ދުވަހަކުބާ ގައުމު ހިންގޭނީ؟" ނަން ޖަހަން އުޒުރުވެރިވެ، އެއް ބޭފުޅަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކޮވިޑްގެ ހާލަތުގައި އެފަދަ ފިޔަވަޅުތަކެއް އެޅިޔަސް، މިހާރު އެ ހާލަތު ބަދަލުވެފައިވާ ކަމަށެވެ. ސަބަބަކީ ކޮވިޑުގެ ކުރިން ޓޫރިޒަމުން ލިބުނު އާމްދަނީއާ އެއްވަރަށް މިހާރު ޓޫރިޒަމް ދާއިރާއިން އާމްދަނީ ވަންނާތީ އެވެ. ޓޫރިސްޓުން 2019 ވަނަ އަހަރާ އެއްވަރަށް ނައި ނަމަވެސް ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ މުއްދަތު އިތުވެފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދެހާސް ނަވާރައިގައި، ނުވަތަ ކޮވިޑްގެ ކުރިން ޓޫރިސްޓުން އެވްރެޖްކޮށް ހޭދަކުރީ ހަ ދުވަހެވެ. މިހާރު އެވްރެޖްކޮށް ޓޫރިސްޓުން އަށް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.
"ލަންކާ އިން އެ ފެންނަނީ މިދިޔަ 10 އަހަރުގެ ތެރޭ ގޯސްކޮށް ނިންމި ނިންމުންތަކުގެ ނަތީޖާ. އެހެންވީމަ ލަންކާއިން އިބްރަތް ހާސިލުކޮށްގެން ރާއްޖެއިން އެބަ ޖެހޭ ރަނގަޅު ފިޔަވަޅުތަކެއް އަޅަން."
އިގްތިސާދު ބަނގުރޫޓުވެދާނެ؟
ކުރީގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ، މިހާރު ކުރިމަތިވާ ކަންކަމުން އަރައިގެންފި ނަމަ ލަންކާގެ ހާލަތަށް ނުގޮސް ގައުމު ސަލާމަތް ކުރެވިދާނެ ކަމަށެވެ. އެހެންވެ އިގްތިސާދެއް ކުރިއަށް ގެންދިއުމުގެ އަސާސްތައް ނުވަތަ މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ މިހާރުން މިހާރަށް ވެސް ހިފެހެއްޓުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
"ލަންކާ އިން އެ ފެންނަނީ މިދިޔަ 10 އަހަރުގެ ތެރޭ ގޯސްކޮށް ނިންމި ނިންމުންތަކުގެ ނަތީޖާ. އެހެންވީމަ ލަންކާއިން އިބްރަތް ހާސިލުކޮށްގެން ރާއްޖެއިން އެބަ ޖެހޭ ރަނގަޅު ފިޔަވަޅުތަކެއް އަޅަން،" އޭނާ ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ، އެންމެ މުހިއްމު ކަމަކީ ދައުލަތަށް ލިބޭ އެއްޗަކުން އުޅެން ދަސްކުރުން ކަމަށެވެ. ލަންކާ އާއި ގްރީސް ފަދަ ގައުމުތަކުގެ އިގްތިސާދު ހަލާކުވީ، މި އަސާސްތައް ނުހިފެހެއްޓުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"2026 ގައި އެބައިން [ލޯނަށް] ބޮޑު އަދަދެއް އަނބުރާ ދައްކަން. ވާނެ ގޮތެއް އެއްގޮތަކަށް ވެސް ނޭންގެ. އެ އަހަރު ވެދާނެ އެއީ ބިޒްނަސް އޭސް ޔޫޝަލް އަހަރަކަށް ނޫން ކަމަށް ވެސް،" އޭނާ ވިދާޅުވި އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2026 ވަނަ އަހަރު ދައުލަތުން 600 ޑޮލަރު (9.2 ބިލިއަން ރުފިޔާ) އަނބުރާ ދައްކަން ޖެހެ އެވެ. އެ ހިސާބަށް ދިއުމުގައި ކުރިން މިހާރުން ފެށިގެން އެ ފައިސާ ހޯދޭނެ ގޮތްތައް ދެނެގަތުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.
އިގްތިސާދު ދިރާސާކުރައްވާ ބޭފުޅަކު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދީ މަންޒަރު މި ވަގުތު އޮތީ ލަންކާގެ ހާލަތަށް ދާނެ ކަހަލަ ގޮތަކަށް ނޫން ކަމަށެވެ. ސަބަބަކީ ރާއްޖޭގެ އިގްތިސާދު ކުޑަވުމާއި ޓޫރިޒަމް ދާއިރާ ހިނގަމުންދާތީ އެވެ.
"އެބަ އާދޭ ޓޫރިސްޓުން. އިގްތިސާދަށް ފައިސާ ވެސް ވަދޭ. އެހެންވީމަ ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވެދާނެ ކަމަށް އެއް ގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" އެއް ބޭފުޅަކު ވިދާޅުވި އެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް ހަތް ލައްކަ ޓޫރިސްޓުން އައިސްފައިވާ އިރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު ހުރީ 4،000 ގަ އެވެ. މިއީ މިދިޔަ އަހަރަށް ވުރެ ރަނގަޅު އަދަދުތަކެވެ. އެއާއެކު ރާއްޖެ އަށް ވަންނަ ބޭރުފައިސާ އިތުރުވެ، އިގްތިސާދު ހަމައަކަށް އަޅުވަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ޓޫރިޒަމް ދާއިރާ އަކީ މުޅި އިގްތިސާދު ބަރޯސާން ވާން މި ވަގުތު އެންމެ ރަނގަޅު ދާއިރާ ނޫން ކަމަށް ތަޖުރިބާކާރު ބޭފުޅުން ގަބޫލުކުރައްވަ އެވެ.
ރާއްޖޭގެ އިގްތިސާދުގެ އަސްލު މަންޒަރަކީ މި އެވެ؛ އޮތީ ހަރަދު ބޮޑު ނިޒާމެކެވެ. ހިންގުމުގެ ހަރަދު އެހާ ބޮޑެވެ. އެ ހަރަދުތައް ކުރުމަށް ކޮންމެ އަހަރަކު ހެން ލޯނު ނަގަން ޖެހެ އެވެ. ޓޫރިޒަމާއި އެހެން ޓެކްސްތަކާއި ހިލޭ އެހީން ގައުމެއް ނުހިނގަ އެވެ. އަނެއްކޮޅުން މިކަހަލަ އިގްތިސާދެއް އޮތް ގައުމަކާ އަޅާބާލައިރު ބޭކާރު މަޝްރޫއުތައް އެހާ ގިނަ އެވެ. އޭގެ ތެރޭގައި އާމްދަނީ ލިބޭ މަޝްރޫއެއް ނުހިމެނެ އެވެ.
ތަޖުރިބާކާރު ބޭފުޅުންގެ ވާހަކައަކީ ވެސް އެއީ އެވެ. ލޯނު ނަގާ ނަމަ، އެއީ ދެކޮޅު ޖެހޭ މަޝްރޫއަކަށް ކޮންމެހެން ވާން އެބަޖެހެ އެވެ.
"ލަންކާ ހެން ރާއްޖެ ބަނގުރޫޓުވުމަކީ ވަރަށް ނާދިރު ކަމެއް. ސަބަބުތައް ވަރަށް ބައިވަރު. އަޅުގަނޑުމެންނަށް ވަރަށް ކުޑަ ލާރިކޮޅަކުން އިގްތިސާދު ނަގާ ކޮޅަށް ޖެހޭނެ. އެހެންވެ މިކަހަލަ ގައުމެއް އެ ހާލަތަށް ދިއުމަކީ ވަރަށް ނާދިރު ކަމެއް. އެކަމަކު ދުނިޔޭގެ މުޅި އިގްތިސާދަށް ލޮޅުން އައިސް މުދަލުގެ އަގުބޮޑުވާއިރު އެއީ އަޅުގަނޑުމެން ވިސްނާ ތިބެން ޖެހޭ ކަމެއް،" މި ރިޕޯޓަށް ވާހަކަ ދެއްކެވި އިގްތިސާދީ އެއް ތަޖުރިބާކާރަކު ވިދާޅުވި އެވެ.