ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތަކަށް ވެސް ބިން ދޭ ގޮތަށް ކްރޮސް ސަބްސިޑީ ގަވައިދު އިސްލާހުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ގަވައިދެއްގައި ބުނީ، އެ މަޝްރޫއަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރާނީ މަޝްރޫއަކަށް ބޭނުންވާ އަދަދަށް ފައިސާ ދިނުމުން ކަމަށެވެ. އެ ފައިސަ ޖަމާކުރަން ޖެހޭނީ އެ ކަމަށް ހާއްސަ ޓްރަސްޓް އެކައުންޓަކަށެވެ.

އެ ފައިސާ ދިނުމުން ހަރަދު ކުރަން ޖެހޭނީ ކަނޑައަޅާފައިވާ މަޝްރޫއަކަށެވެ. އެ މަޝްރޫއަކަށް ދޭ ފައިސާގެ އެހީން މަޝްރޫއު ހިންގުމަށް ފަހު، ބާކީ ފައިސާ ހުރެއްޖެ ނަމަ، އެހެން މަޝްރޫއަކަށް ވެސް އެ ފައިސާ ބޭނުން ކުރެވޭނެ އެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ޕްރޮޖެކްޓެއް ދޫކުރަން ކަނޑައެޅުމުގެ ބާރު ލިބިފައިވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. އެ އުސޫލުން އެ މަޝްރޫއެއް ހިންގަން އިއުލާނު ކުރުމަށް ފަހު، ލިބޭ ޕްރޮޕޯސަލްތައް ބަލައި، މަޝްރޫއު އެވޯޑު ކުރާނެ ފަރާތެއް ކަނޑައަޅާނީ އިކޮނޮމިކް ކައުންސިލުންނެވެ.

ކްރޮސް ސަބްސިޑީ އަކީ އިގުތިސާދީ އަދި އިޖުތިމާއީ މަންފާއެއް ލިބޭނެ ފަދަ މަޝްރޫއެއް ހިންގަން އަމިއްލަ ފަރާތަކުން އިންވެސްޓް ކުރުމުން، އޭގެ ބަދަލެއްގެ ގޮތުގައި ސަރުކާރުން ދޫކުރާ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެކެވެ.

އެ އުސޫލުން އިއްޔެ ވަނީ ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓް އެޅުމަށް ޕްލޭނިން މިނިސްޓްރީން އިއުލާނުކޮށްފަ އެވެ. އެފަދަ އުސޫލަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އަތޮޅުތެރޭގައި ފެރީގެ ހިދުމަތް ދިނެވެ. ނަމަވެސް އޭރު ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއެއް ދިނީ އެކަމަށް ހާއްސަ ގަވައިދެއް ނެތި އެވެ.

ކްރޮސް ސަބްސިޑީއާ ގުޅޭ އުސޫލު އެންމެ ފުރަތަމަ އިއުލާނު ކޮށްފައިި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެކަމަކު، އެ އުސޫލު ބާތިލު ކުރުމަށް ފަހު، އަނެއްކާ އާ އުސޫލެއް މިދިޔަ އާދއްތަ ދުވަހު އިއުލާނުކުރީ އެވެ.

ކުރިން އިއުލާނުކުރި އުސޫލުގައިވާ ގޮތުން، ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށެއް ނުވަތަ ބިމެއް ދޫކުރާނީ ޕްރޮޖެކްޓް ހިންގާ ފަރާތް ނުވަތަ ކޮންޓްރެކްޓަރަށް އެކަންޏެވެ. އަލަށް ގެނައި ބަދަލުގެ ވާ ގޮތުން ކޮންޓްރެކްޓަރުގެ އިތުރުން ޕްރޮޖެކްޓަށް ފައިނޭންސް ކުރާ ފަރާތަށް ވެސް ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.