މީރާ އިން ބަޔަކު ހިދުމަތް ހޯދަނީ.-- ފައިލް ފޮޓޯ: މިހާރު
25 ޖެނުއަރީ 2017 - 20:32
ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް (ބީޕީޓީ) ދެއްކުމަށް ފަސޭހަ ކުރުމަށް، ޖަމާލުއްދީން ސްކޫލު ކުރިން ހިންގި އިމާރާތުން ވެސް އަންނަ ހަފްތާގައި އެކަން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނިންމައިފި އެވެ.
ބީޕީޓީގެ ގާނޫނުގެ ދަށުން 2016 ވަނަ އަހަރުގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި، ފައިސާ ދެއްކުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހެވެ. ބީޕީޓީ ބަޔާން ހުށަހަޅަންޖެހޭ ހުރިހާ ފަރާތްތަކުން ވެސް އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅަން ޖެހެ އެވެ.
މީރާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ސުންގަޑި އަށް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގައި، ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް، އަންނަ އާދިއްތަދުވަހުން ފެށިގެން އަންގާރަ ދުވަހާ ޖެހެންދެން، ކުރީގެ ޖަމާލުއްދީން ސްކޫލްގެ ހޯލުގައި ވަގުތީ ކައުންޓަރުތަކެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.
"އެހެންކަމުން، 2016 ވަނަ އަހަރުގެ ބީޕީޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް މިހާތަނަށް ހުށަހަޅާފައި ނުވާ ފަރާތްތަކުން މި ސުންގަޑި އަށް ސަމާލުވެ، ވީހާ ވެސް އަވަހަށް އިންޓެރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހަޅައި، އިންޓެރިމް ޕޭމަންޓް ދެއްކުމަށް މީރާ އިން އިލްތިމާސްކުރެ އެވެ،" ބަޔާނުގައި ވެ އެވެ.
ބީޕީޓީގެ ކަންކަން ބެލެހެއްޓުމުގައި މީރާ އިން ވަނީ ލުއިތަކެއް ދީފަ އެވެ.
އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން، ބީޕީޓީގެ ބަޔާނާ އެކު އޮޑިޓް ރިޕޯޓް ހުށަހަޅަން ނުޖެހޭ ގޮތަށް ހަމަޖައްސާފައިވެ އެވެ. ކުރިން މި ލުއި ދީފައި ވަނީ އަހަރަކު ފަސް މިލިއަން ރުފިޔާ އަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކަށެވެ.
އަދި އަހަރަކު 10 މިލިއަން ރުފިޔާ އަށް ވުރެ ދަށުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ހިސާބު ބެލެހެއްޓުމުގައި ފައިސާ ލިބޭ ނުވަތަ ހޭދަކުރާ ތާރީހެއްގައި އާމްދަނީ އާއި ހަރަދުތައް ހިމެނެމުގެ އިހްތިޔާރު ވެސް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްބޭބޭ
26 January 2017
ތިޔަ ބާޖަމާލުއްދީނަކީ ޑރ.މުއިއްޒު އެތަން ބޮލަށް ވެއްޓެންއުޅޭކަމަށްބުނެ ފަތުވާނެރެ ޔުނިވަރސިޓީ އެތަނުން ބޭރުކުރިތަންދޯ. އަދިވެސް ނުވެއްޓޭދޯ. އެހެންވީމާ ޑރ.ހަސަން ހަމީދުމެން މުއިއްޒުމެނަށްވުރެ އިންޖިނިއަރިންއަށް މޮޅީދޯ.
މެެންޓަލިސްޓް
26 January 2017
ޖީއެސްޓީއާޢި ބީޕީޓީ ނުދެއްކުނީމައި އެނަގާ ޖޫރުމަނާއަކީ ކަނޑައެޅިގެން ރިބާ ،، އެކަން ހުއްޓާލުމަށް އަޅުގަނޑު ގޮވާލަން ،
އޮޕްޓިމިސްޓް
26 January 2017
ޖީ.އެސް.ޓީ އަކީ ހިދުމަތް ނުވަތަ މުދާ ގަންނަމީހާ ދައްކާ އެއްޗެއް. ވިޔަފާރި ވެރިޔާ އެ ކާލިޔަސް ހެޔޮ ދޯ! ހަމަ އަޖައިބެއް. ކަމެއް ކުރަން އޮންނަ ގޮތަށް ނުކުރީމަ ލިބޭ އަދަބަކީ ރިބާއެއް ނޫން.
އުމަރު
25 January 2017
ބީޕީޓީދެއްކޭނެ ލުއިނިޒާމެއްނޫންބޭނުންވަނީ، މީރާއިން އެބަޖެހޭ ކުދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރުދެމުންދާ ހަމަލާ ހުއްޓާލަން، ވިޔަފާރިތަށް ޖުރިމައިނާނުކޮށް ތަމްރީންކޮށް އެހީވާންއެބަޖެހޭ، ވިޔަފާރިތަކަށް ދެވޭ ހަމަލާތަކުގެ ސަބަބުން ވިޔަފާރިތަށް ހީނަރުވެ ވިޔަފާރިތަކާއި ދިވެހިން ދުރުވާތަން ފެންނަނީ، އަބަދުވެސް ކޮންމެ ވިޔަފާރިވެރިޔަކީ ވަގެއްގެ ގޮތުގައި މީރާއިން ބަލައިގެންނުވާނެ، ރާއްޖެއަށް ޓެކުސްގެ ނިޒާމަކީ މުޅިން އާނިޒާމެއް، އެހެންކަމުން އަހަރުތަކެއް ނަގާނެ ޓެކުސްގެ ނިޒާމަށް ރާއްޖޭގެ ވިޔަފާރިވެރިން ހޭނެން، ދިވެހި ސަރުކާރުން އެބަޖެހޭ ވިޔަފާރިކުރެވޭނެ ރަނގަޅު މާހައުލެއް ދައްކައިދޭން، ބިންތަށް ކުޑައަގުގައިދޭންޖެހޭ، ކަރަންޓާއި ފެނާއި އަދި އެހެނިހެންގޮތްގޮތުން ލުއިހޯދައިދޭންޖެހޭ، މިހާރު ރައްޔިތުން އެންމެ ރުޅިއަންނަ މުއައްސަސާއަކީ މީރާ، އެހެންކަމުން މީރާގެ ވެރިން އެބަޖެހޭ މިކަމާވިސްނަން
މީރާގެ ވެރިޔާ
26 January 2017
މީރާއިން އެއްވެސް މީހަކަށް އެއްވެސް ހަމަލައެއް ނުދޭނެއެވެ، މީރާއިން ކުރާ ހަމައެކަނި ކަމަކީ ގާނޫނު ތަންފިޒު ކުރުން. ވިޔަފާރި ތައް ކުރިއެރުވުން. ރިކޯޑު ބެހެލެއްޓުމަށް ހިއްވަރު ދިނުން. ބަލަ ވިޔަފާރި ރެކޯޑު ބަލަހެއްޓީމަ ފައިދާ ވަނީ ވިޔަފާރި އަށޭ. ކުރެވޭ ނުކުރެވޭ ކަންތައްތައް އެނގޭނީ އޭރުން. ކުރިއަރުވަންވެސް އިނގޭނީ އޭރުން. ހިތު ހުރި ގޮތަކަށް ކަންކުރަން ދޫކޮށްލީމަ އެންމެންނަށްވަނީ ގެއްލުން. ވިޔަފާރި ވެރިޔާ ޖޫރިމަނާވީމަ ކަންބޮޑުވާއިރު ޖީއެސްޓީ ދެނީ ރައްޔިތުން. އަޅުގަނޑާ ތިބޭފުޅާ ކަހަލަ ނިކަމެތިން. ވީއިރު އަހަރެމެންގެ ލާރި އެމީހުން ދައުލަތައް ގެނެސް ނުދީ ބަހައްޓަންވީ ކީއްވެ.
މީރާގެ ދަރި
26 January 2017
ޗަކޮޔެމެންގެ ލާރިޔޯ، ބޭބެ އަތުގައި ހުރީ ބޭބެ ލާރި، ބޭބެ ޒަކާތް ދީހަދަން، ޢެދިނުމަށްފަހު ހުންނާނީ ބޭބެގެ އަމިއްލަ ލާރި، އެއަށްފަހު އަތުލުމަށްކިޔަނީ ފޭރުން