އޮޑިޓް އޮފީހުގެ މުވައްޒަފުން ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
16 ނޮވެމްބަރ 2023 - 12:53
ސަރުކާރުން ބަޖެޓު ފައިނޭންސް ހޯދުމުގައި ބަޖެޓުގައި ކަނޑައަޅާ އުސޫލުތަކާ ހިލާފަށް އަމަލުކުރާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީގައި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ޑިރެކްޓަރު މުހައްމަދު ޝާން މިއަދު ވިދާޅުވީ، ބަޖެޓު ފައިނޭންސް ކުރުމުގައި ހިމަނާފައިވާ ފައިނޭންސިން ޕްލޭންތަކާއި ހިލާފަށް ޑޮމެސްޓިކް އިންސްޓްރޫމަންޓަށް ބަރޯސާވާ ވަރު ވަރަށް ބޮޑު ކަމަށެވެ. އަދި ބަޖެޓު ސަޕޯޓަށް ހޯދާ ގިނަ ލޯނުތަކަކީ ކޮންސެޝަނަލް ފައިނޭންސިންގެ އުސޫލުތަކާ ހިލާފަށް، އެކަށީގެންވާ މިންވަރަށް ވުރެ ކުރު މުއްދަތަކަށް އަދި އިންޓްރެސްޓް ބޮޑުކޮށް ނަގާ ލޯނުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިންޓްރެސްޓް ބޮޑުކޮށް ލޯނުތައް ނަގާފައިވުމުގެ ނަތީޖާއެއްގެ ގޮތުން އަހަރުން އަހަރަށް އިންޓްރެސްޓް އަދި ފައިނޭންސިން ކޮސްޓްގެ ގޮތުގައި ކުރަން ޖެހޭ ހަރަދު ބޮޑުވަމުންދާކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފައިނޭންސިންގެ ބޮޑު ބައެއް ބޭރުގެ ފަރާތްތަކުން ނަގައި ބަޖެޓު ސަޕޯޓު ލޯނާއި ގްރީން ނުވަތަ ބްލޫ ބޮންޑް ވިއްކައިގެން ހޯދަން ހުށަހެޅިއަސް ފައިނޭންސް ހޯދުމުގައި ޑޮމެސްޓިކް މާކެޓު ހާއްސަކޮށް ކުރު މުއްދަތުގެ އިންސްޓްރޫމަންޓަށް ބަރޯސާވެފައިވާލެއް ބޮޑެވެ.
އޮޑިޓް އޮފީހުގެ ޑިރެކްޓަރު ޝާން ބަޖެޓު ކޮމިޓީގައި ވާހަކަދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ / މިހާރު
"މީގެ ސަބަބުން ދަރަނީގެ ޕޯޓުފޯލިއޯގެ ރީފައިނޭންސިން ރިސްކް އަދި އިންޓްރެސްޓް ރޭޓު އިތުރުވެފައިވުމާއި އަދި ބަޖެޓް ފައިނޭންސް ކުރުމުގައި ޑޮމެސްޓިކް މާކެޓަށް ބަރޯސާވެފައިވާ މިންވަރު އިތުރުވުމާއި ޑޮމެސްޓިކް މާކެޓުގެ ލިކުއިޑިޓީ މިންވަރު ދެނެގަތުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.
އެ އޮފީހުން ވަނީ ފިނޭންސް މިނިސްޓްރީން އެކުލަވައިލާ މެދު ރާސްތާ ފިސްކަލް ސްޓްރެޓެޖީއާ އެއްގޮތަށް ފައިނޭންސިން ހޯދުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އެދިފަ އެވެ.
އޮޑިޓް އޮފީހުން ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ ބޮޑު ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހޭދަކުރާ އިރު ކުންފުނިތަކަށް ފައިދާ ދޭ އިރު ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް ގޮވާލައްވާފަ އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި އަހަރު 764 މިލިއަން ރުފިޔާ ދޭން ނިންމި ނަމަވެސް، މި އަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިއީ ގާތްގަނޑަކަށް 40 ޕަސެންޓުގެ އިތުރުވުމެކެވެ.
"ކުންފުނިތައް ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް އެކުލަވައިލާ، އެ ކުންފުނިތައް އަހަރު ތެރޭ އެކި ނަންނަމުގައި ކެޕިޓަލް ގޮތުގައި ވިޔަސް ލޯނުގެ ގޮތުގައި ވިޔަސް، އެ ކުންފުނިތަކަށް ދެވިފައިވާ ފައިސާ ހަރަދު ކުރި ގޮތް ސާފުކުރުން މުހިއްމު ކަމުގައި ދެކެން،" ޝާން ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 1.2 ބިލިއަން ރުފިޔާ ސަޕްލިމެންޓްރީ ބަޖެޓުން ހަރަދު ކުރަން ކަނޑައަޅާފައިވެ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދަކުރަނީ ފިއުލް ސަބްސިޑީއަށެވެ. ފިއުލް ސަބްސިޑީއަށް ފެނަކަ އާއި ސްޓެލްކޯއަށް 530 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް 6.5 ބިލިއަން ރުފިޔާ ހުށަހެޅި އިރު އެއާއެކު މި އަހަރަށް ކަނޑައަޅާ ބަޖެޓުގެ އަދަދު 49.4 ބިލިއަން ރުފިޔާއަށް އިތުރުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޑިޓް އޮފީސް
16 November 2023
ތަންދޮރު ނޭގި ކޮމެންޓުކުރާ ފަރާތްތަކަށް: ބަޖެޓަށް ލަފާ ދިނުމަކީ އެބަޖެޓެއް ހުށަހެޅުމާއިއެކު، ރައްޔިތުންގެ މަޖިލީހުން އެދިގެން އޮޑިޓް އޮފީހުން އަބަދު ވެސް ކުރަމުންދާކަމެއް. މިއީ ދައުރަކާއި ގުޅުންހުރި ކަމެއްނޫން. ކުރީގެ ލިޔުންތައް ނޫނީ އެއޮފީހުގެ ވެބްސައިޓް ބަލާލާ. https://audit.gov.mv
އެއްކަލަ މީހާ ދޯ
16 November 2023
ހަމަ އޮޑިޓް އޮފީހަށްވެސް ހޭލެވުނީ ދާދި ދެންމެއަކުއެވެ. އިންސާނާއަކީ ހާދަ އަމިއްލަ އެދުން ބޮޑު މަޚުލޫގެއްތާއެވެ!
ކަލްސާ
16 November 2023
“ސަރުކާރުން އިންޓްރެސްޓް ބޮޑުކޮށް ލޯނު ނަގާތީ” އޮޑިޓް އޮފީސް ކަންބޮޑު ވާންޖެހޭނެ ސަބަބެއް ނުވިސްނޭ! އެހެނެއް ނޫން، އެމްއެމްއޭ އެކަމާ ވާހަކަ ދެއްކުން މުނާސަބު!
ރައްޔިތުންގެ މީހާ
16 November 2023
ކީއްވެބާ އެކަމާ އޮޑިޓަރ ޖެނަރަލް ކަނަބޮޑު ނުވާންވީ؟
ރަށްފުށު ބޯއި
16 November 2023
އާނ އެބަ ރަނގަޅުވޭ. އިބޫ ފޭބީމަ ދޯ އަނގަ ހުޅުވާލަން ކެރުނީ.
މާލޭ މީހުން
16 November 2023
އާން އެއީ ދައުރު ބަދަލުވުމުގެ މަރުހަލާގައި އަބަދުވެސް ވާނެގޮތް. ދެން އިންތިޚާބީ ރައީސް ހުވާކުމުން ކުރިއަށް އޮންނަ 5 އަހަރު ސަރުކާރުން ކުރާ ކަންތައްތަކާއި ގުޅިގެން އެއްވެސް ނެގަޓިވް ވާހަކައެއް ދައްކަން ނުކެރޭނެ. ނަމަވެސް އިންތިޚާބުން ބަލިވެ ދެން އިތުރު ބާރެއް ނުލިބޭނެހެން ހީވީމާ މިކަހަލަ ވާހަކަ ދެއްކުން އިތުރުވާނެެ
މިނިސްޓަރ
16 November 2023
ކުރިން އަހަރު ތަކުގައި ފާސްކޮށްފައިވާ ބަޖެޓް ފޮތްތައް ތިބޭފުޅާ ކިޔަން ފެނޭ. އޭގަ ކޮމިޓީ ރިޕޯޓާ އެކީގަ އޮވޭ އޮޑިޓަރ ޖެނަރަލް އަދި އެމް.އެމް.އޭ އިން އޭރު ވެސް ކަންބޮޑުވާ ކަންކަން ފާހަގަކޮށް ކުރަންވީ ކަންތައް މަޖިލީހައް ބުނެދީފަ