ފިނޭންސް މިނިސްޓްރީގެ އިމާރާތް. ޗައިނާގެ އެގްޒިމް ބޭންކުން ނެގި ލޯނު ރީފައިނޭންސް ވަނީކޮށްފައި -- ފޮޓޯ: މިހާރު
22 އޮކްޓޯބަރ 2024 - 11:35
ޗައިނާގެ އެގްޒިމް ބޭންކުން 2015 ގައި ނެގި ލޯނުގެ ބައެއް ދެއްކުމަށް އިތުރު ލޯނެއް ސަރުކާރުން ނަގައިފި އެވެ.
މާލިއްޔަތު ކޮމިޓީން އިއްޔެ ފިނޭންސް މިނިސްޓްރީން ހިއްސާކުރި ލިޔުމުގައިވާ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ޕްރޮޖެކްޓަށް ޗައިނާގެ އެގްޒިމް ބޭންކުން ނެގި 378 މިލިއަން ޑޮލަރު (5.8 ބިލިއަން ރުފިޔާ) ގެ ލޯނަށް ބޭނުންވާ 75 މިލިއަން ޑޮލަރު ވަނީ ރީފައިނޭންސް ނުވަތަ އެ އަދަދު ދެއްކުމަށް ލޯނެއް ނަގައިފަ އެވެ.
- ލޯނުގެ ޖުމްލަ އަދަދު: 75 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)
- އަނބުރާ ދައްކަންޖެހޭ މުއްދަތު: ހަ އަހަރު
- ގްރޭސް ޕީރިއަޑް: ތިން އަހަރު
- އިންޓްރެސްޓް ރޭޓު: ދެ ޕަސެންޓު
- އިންޓްރެސްޓްގެ އަދަދު: 3.3 މިލިއަން ޑޮލަރު (51 މިލިއަން ރުފިޔާ)
- ލޯނު އަނބުރާ ދައްކާ ޖުމްލަ އަދަދު: 78 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)
- ލޯނު އަނބުރާ ދައްކާ ނިންމާ އަހަރު : 2030
މަޖިލީހަށް ފޮނުވި ލިޔުމުގައި ބުނެފައިވަނީ އެ ލޯނު ރީފައިނޭންސް ކުރުމަށް ނިންމީ، މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެކަމާ ގުޅޭ ގޮތުން ކުރެއްވި މަޝްވަރާތަކަށް ފަހު ކަމަށެވެ.
އެއާޕޯޓު ޕްރޮޖެކްޓަށް ނެގި ލޯނު އަނބުރާ ދައްކަން ފެށީ 2022 ވަނަ އަހަރުން ފެށިގެންނެވެ. މި ލޯނުގެ ބައެއް ރީފައިނޭންސް ކުރުމުން، ކުރިއަށް މި އޮތް ތިން އަހަރު އެ ލޯނަށް އިތުރު ފައިސާއެއް ދައްކާކަށް ނުޖެހޭނެ އެވެ. އެކަމަކު 2027 ވަނަ އަހަރު އަނެއްކާ ވެސް ލޯނު އަނބުރާ ދައްކަން ފެށުމުން، ކުރިން 2015 ވަނަ އަހަރު ނެގި ލޯނުގެ ޕްރިންސިޕަލް ޕޭމެންޓުތައް ވެސް ދައްކަން ޖެހޭނެ ކަމަށް ފިނޭންސްގެ ލިޔުމުގައިވެ އެވެ.
ޗައިނާގެ އެގްޒިމް ބޭންކުން ނެގި އެލޯނު ރީފައިނޭންސް ކުރަން ނިންމީ ދައުލަތުގެ މާލީ ހާލަތު ދަށްވެ، ފޮރިން ކަރެންސީ ރިޒާވަށް ނޭދެވޭ އަސަރު ކޮށްފައިވާތީ ކަމަށް ފިނޭންސުން ބުންޏެވެ. އެ ލޯނު ދެއްކުން އިތުރު ތިން އަހަރަށް ފަސްކުރުމުން މާލީ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ހިންގަން ފަސޭހަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ސަރުކާރުގެ ދަރަނި މިހާރު ހުރީ 126 ބިލިއަން ރުފިޔާގަ އެވެ. އަދި އަހަރު ނިމޭ އިރު އެ އަދަދު ގާތްގަނޑަކަށް 130 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޭނީސް
22 October 2024
ލޯނު ދައްކަން ވެސް ލޯނު. ވާވާ ވާވާ. ދެން އެ ލޯނު ދައްކަން ވެސް ލޯނު ދޯ؟
މަތީނު
22 October 2024
އެހެންވެ އަހަރެމެން ބުނަނީ ރައީސް ނަޝީދަކީ ދުރުވިސްނޭ މީހެކޭ. ކިހާވަރަކަށް ތަ މިދިޔަ ސަރުކާރުގަ ދަރަނި ރީސްޓްރަކްޗަރ ކުރަން ކީ؟
ރިފައިނޭންސް
22 October 2024
ލޯނު ރިފައިނޭންސް ކުރުމަކީ މިއަދު ގައުމުއޮތް ހާލަތުން ކުރަންޖެހިދާނެކަމެއް އެކަމަކު ސަރުކާރުގެ ހަރަދުތައް ކުޑަނުކުރަންޏާ އޭގެން ކުރާނެ ފައިދާއެއްނެތް ވާނީ ގެއްލުމެއް. އެއީ މިސަރުކާރުގެވެރިން ވެރިކަމުގަ ތިބޭއިރު އެފައިސާ ދައްކަން ނުޖެހުނަސް ރާއްޔިތުން އާހިރުގަ އެދަރަނި ދައްކަންޖެހޭނެތީ. ސަރުކާރައް ހަމަނޭވާއެއްލާން މިގޮތައް ލިބޭ ކޮންމެ ފުރުސަތެއްގަ އިތުރުލޯނުތައް ނަގާނަމަ އެކަމުގެ ގެއްލުން ރައްޔިތުންނައް ބޮޑުވާނެ.
ގުއި ސައްޕެ
22 October 2024
މޮޅު އިނގިރޭސި ބަހެއް ބޭނުން ކޮށްލީ ދޯ ...
ނާމާން
22 October 2024
މާލީ ދަތިތަކާހެދި ރީފައިނޭންސް ކުރުމުން އެއީ ޓެކްނިކަލް ޑިފޯލްޓެއް ނޫންތަ؟ ރޭޓިންގ އެޖެންސީތަކުން ދެކޭނީ ކިހިނެއްބާ؟
ދޮން
22 October 2024
ލޯނުނަގަނީ އޭގެން އަބުރާ ފައިދާ ލިބި ނަފާހޯދުމަށް އޭގެމާނައަކީ މާލީގޮތުން ދެކޮޅުޖެހޭ އެސެޓެއް އުފެއްދުމަށެވެ. އިޤްތިސާދީ މިންގަނޑަށް ނުފެތޭ ކަންކަމަށް ލޯނު ނެގީމާ މިޖެހެނީ ރައްޔިތުން ދައްކާ ޓެކުހުން އަބުރާ ފައިސާ ދައްކަން ، ޓެކްސް ވަނީ ބޮޑު ރައްޔިތުމިހާގެ ޖީބުވަނީ ހުސް . ޔައުނީ އުއްޗު ވިދާލުވިހެން ފައިސާ ހަރަދު ކުރަނީ ފައިސާ ހޯދާކަށް ނޫން . އެހެންކަމުން ދައުލަތް ދަނީ ދަރަމުން ، ބޭރުފައިސާ ދަނީ މަދުވަމުން ، ތިޖޫރި ވަނީ ހުސް .
ޚުރީ
22 October 2024
މިވެސް ކުރީ ސަރުކާރު ދެއްތޯ
ލޯނަކަށް ލޯނެއް
22 October 2024
ޗައިނާގެ އެގްޒިމް ބޭންކުން 2015 ގައި ނެގި ލޯނުގެ ބައެއް ދެއްކުމަށް އިތުރު ލޯނެއް ސަރުކާރުން ނަގައިފި އެވެ. ލޯނުތައް ދައްކަން ލޯނު ؟ މިއީތޯ ކެންޕޭނު ދުވަސްވަރު ޑެޓް މެނޭޖްމަންޓަށް ކުރި ވައުދަކީ ؟
ައަދި
22 October 2024
ކެތްކޮށްބަލަ.
ކިހިނެއް
22 October 2024
ބަޔަކު ގައުމު ލޫޓްވާލާފަ އަދި ހުސްކޮއްލާފަ ދިޔައީމާ ފައިސާ ދެއްކޭނީ ކިހިނެއްތޯ. އަދި ވެރިކަން ނިމިގެން ދިޔައިރު ރިޒާވުގަ ހުރި ހުރިހާ ޑޮލަރެއްވަނީ ރުފިޔާއައް ބަދަލުވެފަ ކިހިނެއްތޯ ޑޮލަރުން ދައްކަން ޖެހޭ ލޯނު ރުފިޔާއިން ދައްކާނީ. ކޮންމެ މީހަކު ވެރިކަމައް އަޔަސް އަންނަނީކީ ގޭން ރުފިޔާ ހިފައިގެނެއް ނޫން ގައުމު ހިންގަން. އެހެން މީހުން ހަދާފަ ހުރި ގޯސްތައް ރަނގަޅު ކުރަން