ބީއެމްއެލް އޮފީސް އިމާރާތް. މިދިޔަ އަހަރު އެކުންފުނިން ވަނީ މާލި ގިނަ ކުރިއެރުންތަކެއް ހޯދާފައި -- ފޮޓޯ: މިހާރު
19 އެޕްރީލް 2025 - 06:29
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ ބޭންކު، ބީއެމްއެލްގެ މާލީ ތަފާސްހިސާބުތަކުން ދައްކަނީ ބޭންކަކުން ހާސިލްކުރަމުންދާ ހަރުދަނާ ނަތީޖާތަކެވެ. އަހަރުން އަހަރަށް ލިބޭ ކުރިއެރުމާއި ލިކުއިޑިޓީ އިތުރުވުމާއި ކަސްޓަމަރުންގެ އިތުބާރު ދަމަހައްޓައި ޑިޕޮސިޓް އިތުރުވުމާ އެކު، އިންޓަނޭޝަނަލް ބޭންކިން ބެންޗުމާކްތަކާ އެއްގޮތަށް ބީއެމްއެލް އިން ވެސް އެފަދަ ގިނަ ކާމިޔާބީތައް ހާސިލްކުރަމުންދެ އެވެ.
މިދިޔަ އަހަރަށް ބަލާއިރު، ބީއެމްއެލްގެ އެސެޓުތައް 46.4 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ. މިއީ އަހަރުން އަހަރަށް ބަލާއިރު ހަ ޕަސެންޓުގެ ކުރިއެރުމެކެވެ. ރާއްޖޭގެ ބޭންކިން ސެކްޓަރުގެ ޖުމްލަ އެސެޓްގެ 50 ޕަސެންޓު ނިސްބަތް ވަނީ އެ ބޭންކަށެވެ. މި ކުރިއެރުމަކީ ބައިނަލްއަގްވާމީ ބޭންކިން ބެންޗްމާކްތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޑިޕޮސިޓާއި ސެކިއުރިޓީ ކަށަވަރުކޮށް، އިގްތިސާދީ ހަރަކާތްތަކަށް އެހީތެރިވުމަށް ލިބޭ ބާރެކެވެ. އެމެރިކާގެ ބޭންކުތަކަށް ބަލާއިރު މިދިޔަ މާޗު މަހުގެ ނިޔަލަށް އެސެޓްތައް އިތުރުވާ ނިސްބަތް ހުރީ 4.6 ޕަސެންޓުގަ އެވެ.
ކަސްޓަމަރަކު އިންޓަނެޓް ބެންކިން ބޭނުން ކުރަނީ.-- ފޮޓޯ: ބީއެމްއެލް
އިތުރު މާލީ ނަތީޖާތަކަށް ބަލާއިރު 3.78 ބިލިއަން ރުފިޔާގެ ފައިސާގެ ރިޒާވާއި 5.67 ބިލިއަން ރުފިޔާގެ އިންޓަ ބޭންކު ޕްލޭސްމަންޓްތަކާ އެކު، ކަސްޓަމަރުންގެ ބޭނުންތަކަށް ތައްޔާރަށް އޮތް ކަން ޔަގީންކޮށްދެ އެވެ. މިއީ ބޭންކުން ދަމަހައްޓަންޖެހޭ ބަސެލް 3 ގެ ލިކުއިޑިޓީ މިންގަނޑަށް ވުރެ އިތުރު އަދަދެކެވެ.
ބީއެމްއެލްގެ ޖުމްލަ އިކުއިޓީ 2023 ވަނަ އަހަރު ހުރީ 12.17 ބިލިއަން ރުފިޔާގަ އެވެ. މިދިޔަ އަހަރު ވަނީ އެ އަދަދު 14.2 ބިލިއަން ރުފިޔާއަށް އިތުރު ވެފަ އެވެ. ބީއެމްއެލްގެ މާލީ ހަރުދަނާކަމާ އެކު، މިދިޔަ އަހަރު ނިމުނު އިރު ބީއެމްއެލްގެ ލޯނުތަކާއި ފައިނޭންސިން ޕޯޓްފޯލިއޯ އަށް ކަސްޓަމަރުންނަށް ދޫކޮށްފައިވާ އަދަދު 21.1 ބިލިއަން ރުފިޔާއަށް އަރަ އެވެ. އަދި މިދިޔަ އަހަރު އަލަށް 5.2 ބިލިއަން ރުފިޔާގެ ލޯނާއި ފައިނޭންސް ބޭންކުން ދޫކޮށްފައިވެ އެވެ.
ބީއެމްއެލްގެ އެމްޑީ އަދި ސީއީއޯ ޝަރީފް ވާހަކަ ދައްކަވަނީ. --ފޮޓޯ: ބީއެމްއެލް
މިފަދަ ނަންބަރުތަކުން ދައްކުވައިދެނީ ބޭންކު ހިންގަމުންދަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ވިސްނުންތެރިކަމާއެކު ކުރިމަތިވާ ރިސްކުތައް ވެސް މެނޭޖްކޮށްގެން ކަމެވެ. ބޭންކަކަށް އާންމުންގެ ނުވަތަ ކަސްޓަމަރުންގެ އިތުބާރު އޮންނަ މިންގަނޑު ބަލާ ދެ ކަމަކީ ބޭންކަކަށް ކަސްޓަމަރުން އިތުރުވާ މިންވަރާއި ކަސްޓަމަރުންގެ ޑިޕޮސިޓް އިތުރުވާ މިންވަރެވެ.
ކަސްޓަމަރުންގެ އަދަދަށް ބަލާއިރު މިދިޔަ އަހަރު އެކަނިވެސް 21،000 އަށް ވުރެ ގިނަ ކަސްޓަމަރުންވަނީ ބީއެމްއެލްއާ ގުޅިފަ އެވެ. ޑިޕޮސިޓަށް ބަލާއިރު 32 ބިލިއަން ރުފިޔާއަށް އިތުރުވެ، އާންމުންގެ އިތުބާރު ހުރި މިންވަރު ދައްކުވައިދެ އެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބްރާންޗާއި އޭޓީއެމް ހުރި ހަމައެކަނި ބޭންކުގެ ގޮތުގައި، ބީއެމްއެލްއިން އެންމެ ކުދި އާބާދީތަކާއި އެކަހެރި ރަށްތައް މާލީ ނިޒާމުގައި ހިމެނުން ޔަގީންކުރެ އެވެ. ބީއެމްއެލްގެ އޭޓީއެމް ވިއުގަ ފުޅާކުރުމުގެ ގޮތުން ރަށްތަކުގައި އަލަށް އޭޓީއެމްތައް ބެހެއްޓުމުން ރައްޔިތުންނަށް އަސާސީ ބޭންކިން ހިދުމަތްތަކަށް ދަތުރުކުރަން ޖެހޭ މިންވަރު އަންނަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ.
ބަނޑިދޫގައި އޭޓީއެމްގެ ހިދުމަތް ފައްޓަވައި ދެއްވުމަށް ފަހު ރައީސް މުއިއްޒާއި ބީއެމްއެލްގެ ސީއީއޯ ޝަރީފު ސަލާން ކުރައްވަނީ
ބީއެމްއެލް ހިންގަމުން އަންނަނީ ރާއްޖެ ފަދަ ޖަޒީރާ ރަށްތައް އެކުލެވޭ ގައުމުތައް ކަމަށްވާ އިންޑޮނޭޝިއާ އާއި ފިލިޕީންސްގެ ބޭންކުތަކުން ވެސް ކުރަމުންދާ މަސައްކަތާ ދާދި އެއްގޮތަށެވެ. އިންޑޮނޭޝިއާގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް ބޭންކު ކަމަށްވާ ބީއާރުއައި ބޭންކާއި ފިލިޕީންސްގެ އެންމެ ބޮޑު އެސެޓެއް އެކުލެވޭ އަދި އެންމެ ބޮޑު ބޭންކިން ވިއުގަ އޮތް ބީޑިއޯ ޔުނި ބޭންކުން ވެސް އަންނަނީ ޑިޖިޓަލް ބޭންކިންގެ އިތުރުން ބްރާންޗާއި އޭޓީއެމް ވިއުގަ އިތުރަށް ފުޅާކުރަމަށް މަސައްކަތްކުރަމުންނެވެ.
ބީއެމްއެލްގެ 2024 ވަނަ އަހަރުގެ މާލީ ހާލަތުން ދައްކުވައިދެނީ، ދުނިޔޭގެ އަދި ސަރަހައްދީ ފެންވަރުގެ ކުރިއަރާފައިވާ ބޭންކުތަކާ އެއްފަދައިން، ރަނގަޅަށް ހިންގާ، މާލީގޮތުން ވަރުގަދަ މުއައްސަސާއެއްގެ ގޮތުގައި އޭގެ ދައުރު އަދާކުރަމުންދާކަމެވެ. ވަރުގަދަ ލިކުއިޑިޓީއަކާއި، އިތުރުވަމުންދާ އިކުއިޓީއަކާއި، މުޅި ގައުމަށް ހިދުމަތް ފޯރުކޮށްދިނުމުގެ އަޒުމާ އެކު، ބީއެމްއެލްއަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ހިއްސާދާރުންނަށް ރައްކާތެރި އިންވެސްޓްމަންޓެއް ކަމުގައި ދެމިއޮތް ބޭންކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy