ޕޮލްކޯގެ ވެރިން ހާޒިރުކުރި ކޮމިޓީގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައި -- ފޮޓޯ: މިހާރު
06 މެއި 2025 - 16:44
ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން، ޕޮލްކޯގެ ތެރޭގައި ހިންގި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް ޕޮލްކޯގެ އިސްވެރިން ހާޒިރުކުރި ބައްދަލުވުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ސިއްރުކޮށްފި އެވެ.
މިއަދު ހަވީރު ބޭއްވި މާލިއްޔަތު ކޮމެޓީގެ ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ އެ ބައްދަލުވުން ސިއްރުކޮށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބައްދަލުވުން ސިއްރުކުރަން ނިންމީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ތަހުގީގު ކުރާތީ، އެ ކޮމިޓީގެ ބައްދަލުވުމުގައި އޮބްޒަވަރުންގެ ގޮތުގައި އެ އިދާރާގެ ދެ މުވައްޒަފުން ބައިވެރިވާތީ ކަމަށެވެ.
ޕޮލްކޯގެ މައްސަލަތައް ބެލުމަށް މާލިއްޔަތު ކޮމިޓީން ހަދާފައިވާ ސަބް ކޮމިޓީން ގެންދަނީ އެ މައްސަލަތައް ދިރާސާކޮށް، އެޅޭނެ ފިޔަވަޅުތައް ބަލަމުންނެވެ. މިދިޔަ ހަފްތާގައި ބޭއްވި އެ ކޮމިޓީގައި ވަނީ ޕޮލްކޯ މެދުވެރިކޮށް ފުހުންނަށް ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ނުހައްގުން ހޯދި ފައިސާއިން ގަނެފައިވާ ބިންތަކާއި މުދާތައް ދައުލަތަށް ނަގަން ހުށަހަޅަން ނިންމައިފަ އެވެ.
ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް މިހާތަނަށް 1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި އެއީ، 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓު ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
ފުލުހުންގެ ފްލެޓްތަކާ ގުޅޭ ރިޕޯޓުގައިވާ ގޮތުން ފްލެޓްތަކުގެ މަޝްރޫއުގެ އެގްރީމެންޓް ތިން ފަހަރެއްގެ މަތިން ބަދަލުކޮށް، މަސައްކަތުގެ އަގަށް 122 މިލިއަން ރުފިޔާ އިތުރުކޮށް އަދި މަސައްކަތް ނިންމަން ކަނޑައެޅި ތާރީހު 54 މަހަށް ދިގު ދަންމާފައިވެ އެވެ. އެ ޕްރޮޖެކްޓް އެންމެ ފުރަތަމަ ހަވާލުކުރީ 580 މިލިއަން ރުފިޔާއަށް ދެ އަހަރު ތެރޭގައި ނިންމަން، ނޫމަޑި ކުންފުންޏާ އެވެ. އެކަމަކު ފަހުން އެހެން ބަޔަކާ ހަވާލުކޮށްގެން އެ މަސައްކަތް ނިމުނުއިރު އެ ޕްރޮޖެކްޓަށް އެއް ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެގުނަ ކަމަށް އޮޑިޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަބޫ
07 May 2025
ސިފްކޯގެ ކޮރަޕްޝަން ވަނީ އަޑިއަށް މޫލައިގެންގޮސް ކޮޅު ނުފެންނަ ހިސާބުގަ، ކީއްވެބާ އެކަން ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ނުފެންނަނީ؟؟
ބަބޫ
07 May 2025
ހުރިހާވެސް ގޯހަކީ ފުލުހުންނާ ސިފައިންގެ ދެމުއައްސަސާ ވިޔަފާރި ކުންފުންޔަކަށް ބަދަލު ކުރިކަން. ހުރިހާ ވެރިންނެއް އޭގެއިން ނާޖާއިޒު ފައިދާ ނެގުން ނޫން ކަމެއް ނުކުރާނެކަން އެނގިތިބެވެސް އެކަން ކުރުން ގޯހީ. ހަމަ މިހަަރުން މިހާރަށް އެކަންތައް ހުއްޓުވައިގެން ނޫނީ ތި ދެތަނަކަށް ރަނގަޅު ގޮތެއް ނެތް
ނުނން
06 May 2025
އެސިއްރު އައީދޯ ؟؟؟؟
ބަހަބޯތަކުރު
06 May 2025
މިހިރީ ހާލަތަކީ! ގައުމާއި ރައްޔިތުން ސަލާމަތް ކުރުމަށް، ތެދުވެރިވުމަށް ހުވާކޮށްގެން، ގައުމު ދަރަނިވެރިވެގެންވާ ހާލަވެސް ބޮޑެތި މުސާރަތަކާއި އިނާޔަތާއި ފުލެޓާއި ބެސްފަރުވާއާާއި ލިބިގަނެގެން ތިބޭމީހުންވެސް ގައުމަށް ހިޔާނާތްތެރިމިވަނީ. އަދިމިބަޔަކުގެ ވާހަކަވީމަ ސިއްރުވެސް ކުރަނީ. ދެންކޮންކަމެއްބާ ރަގަޅުވާނީ. ކޮންބަޔަކަށްބާ އިތުބާރެއް ކުރާނީ.
މިސގާލު
06 May 2025
ތިޔަ ޕޮލޮކޯ ތަކާ ސިފްކޯ ތައް އުވާލާނީ ކިހާވަރަކަށް ވއކނ ކުރީމާތަ؟
ބަބްސް
06 May 2025
ރަށްޔިތުންގެ ލާރި ... ސިއްރު ކުރަން ޖެހޭ ސަބަބެއް ކަމަށް ވާނީ ކޭބަޔަކު ފޮރުވަން. ހުސް
މިއައު
06 May 2025
ފުލުހުން، ސިފައިންގެ މުއައްސަސާއިން ވިޔަފާރި ކޮށްގެން ނުވާނެ. މިއީ ދެން ބުނަންޖެހޭ ވަރު ކަންކަމެއް ނޫން. ސްޕްރީމް ކޯޓުން ލޯ ފާމެއް ހުޅުވަންވީނުން ދެން
22323
06 May 2025
ލިޔުމުގައި މިވާ "ޕޮލްކޯ އިން ވަކި ބަޔަކަށް ފައިދާވާ ގޮތަށް ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ފްލެޓްތަކަށް ......................." މިއީ ދޮގެއް. އިމާރާތްކުރީ އެހެން ތަންތަނުން ވެސް އިމާރާތްކުރާ ގޮތައް. އެކަމަކު ގޯހަކަށްވީ ޕްރޮޖެކްޓް ތެރެއިން ބަޔަކު މާލީ ފައިދާ ނެގުން.
1828
06 May 2025
މިފަދަ ބޮޑެތި ކަރަޕްޝަންގެ މައްސަތައް ކުރިއަށް ގެންދަންވާނީ ރައްޔިތުންނަށް ފެންނަ ގޮތަށް. ސިއްރުކުރުމަކީ ކޮރަޕްޝަންގައި ބައިވެރިވުން.
ކަފާލް
06 May 2025
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ކޮމިޓީ ސިއްރުވަނީ ކީއްވެބާ.ކަންކުރި މީހުނާއި އަދަދުތައް ރައްޔިތުންނަށް އެނގިދާނެތީ ހިމާޔަތް ކުރަން ޖެހޭ ބަޔަކު ތިބޭނެތީތަ؟؟ތިޔަ ކޮމެޓީވެސް ކޮރަޕްޓް ތިވީ..