އުލިގަމުގައި ސިޓީ ހޮޓާ ހަދަން ގެންދިޔަ ތަކެތި ނީލަމުގައި ވިއްކާލަނީ

ހއ. އުލިގަމުގައި 100 އެނދުގެ ސިޓީ ހޮޓަލެއް ހަދަން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ން ގެންދިޔަ ބައެއް ތަކެތި ނީލަމުގައި ވިއްކާލަން އެ ކުންފުނިން ނިންމައިފި އެވެ.


ޒަމާނީ ފެންވަރުގެ ސިޓީ ހޮޓަލެއް ހެދުމަށް، ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށުން އެމްޓީޑީސީ އަށް ވަނީ ފެބްރުއަރީ 27، 2007 ގައި 36 ހެކްޓަރުގެ ބޮޑު ބިމެއް ދީފައި އެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ނުގެންދެވިގެން އެންމެ ފަހުން ސަރުކާރުން ވަނީ އެ އެއްބަސްވުން އުވާލައިފަ އެވެ. މީގެ އަހަރުތަކެއް ކުރިން އެއްބަސްވުން އުވާލިއިރު، ހޮޓަލުގެ 40 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.

އުލިގަމު ސިޓީ ހޮޓާ ސަރަހައްދުގައި އޮތް ވެހިކަލެއް.

އެތަނުގައި ހުރި ތަކެތި ވިއްކާލަން އެމްޓީޑީސީން ނެރުނު އިއުލާނުގައި އެދިފައި ވަނީ ހޮޓާ އަޅަން ގެންދިޔަ އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު ގަންނަން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން އުލިގަމު ކައުންސިލަށް ހުށަހެޅުމަށެވެ. އަދި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން ތިން ދުވަސް ތެރޭގައި އުލިގަމު ކައުންސިލަށް ފައިސާ ދެއްކުމަށް ފަހު 10 ދުވަހުގެ ތެރޭގައި އެތަކެތި ގެންދަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

އުލިގަމު ސިޓީ ހޮޓާ އަޅަން ގެންދިޔަ ތަކެތީގެ ތެރެއިން ވިއްކާލަނީ ކޮން އެއްޗެތިތަކެއް ކަމެއް އިއުލާނުގައި ނެތެވެ.

ސިޓީ ހޮޓާ އަޅަން ގެންދިޔަ ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުންކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެތަނުގައި އަދިވެސް ގިނަ އަދަދަކަށް ބާ ހެވީ މެޝިނަރީ ވެހިކަލްތަކާއި ކޭބަލާއި ލަކުޑި އާއި ދަގަނޑު އަދި އެޅިގާ ވެސް އެބަހުއްޓެވެ.