އެސްބީއައި އަށް ރާއްޖެ އިން 443.8 މިލިއަން ރުފިޔާގެ ފައިދާއެއް!

ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ރާއްޖޭގައި ހިންގާ ބްރާންޗްތަކުން މިދިޔަ އަހަރު 443.8 މިލިއަން ރުފިޔާގެ ބޮޑު ފައިދާއެއް ލިބިފައިވާ ކަމަށް މާލީ ހިސާބުތަކުން ދައްކައިފި އެވެ.


ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ ބޭންކުން އާއްމު ކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެ ބޭންކަށް ރާއްޖެ އިން ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 147.8 މިލިއަން ރުފިޔާ އިތުރުވެފަ އެވެ. 2015 ވަނަ އަހަރު އެ ބޭންކަށް ރާއްޖެ އިން ލިބުނީ 296 މިލިއަން ރުފިޔާ އެވެ.

ރާއްޖޭގައި ތިން ބްރާންޗް ހިންގާ އެސްބީއައިގެ ހިސާބުތައް ދައްކާ ގޮތުން އެ ބޭންކަށް މިދިޔަ އަހަރު އިންޓަރެސްޓުން ފައިދާގެ ގޮތުގައި 357.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އިންޓަރެސްޓް އިންކަމްއަކީ ބޭންކުން ދޫކުރާ ލޯނާއި އޯވަ ޑްރާފްޓް އަދި އެހެނިހެން ފެސިލިޓީތަކުން އިންޓަރެސްޓްގެ ގޮތުގައި ލިބޭ ފައިދާ އެވެ. އަދި ސާވިސް ޗާޖާއި ޑިޕޮސިޓް ފީގެ ގޮތުގައި 145.1 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.

ބޮޑެތި ވިޔަފާރިތަކަށް މައިގަނޑު ގޮތެއްގައި އަމާޒުކޮށްގެން ވިޔަފާރިކުރާ އެ ބޭންކުން މިދިޔަ އަހަރު ވަނީ ލޯނުތަކުން އަނބުރާ ނުލިބޭނެ ކަމަށް ބަލައި ޕްރޮވިޝަންގެ ގޮތުގައި 252 މިލިއަން ރުފިޔާ އުނިކޮށްފަ އެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 78.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.

އެސްބީއައިގެ ހިސާބުތައް ދައްކާ ގޮތުން ޓެކްސް އަށް ކެނޑުމުގެ ކުރިން މިދިޔަ އަހަރު 646.8 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. އަދި ޓެކްސްގެ ގޮތުގައި 202.9 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.