ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުގެ ލޯގޯ އާއި ކުލަ މި ރެ އިން ފެށިގެން ބަދަލު ކޮށްފި އެވެ.
ދިރާގުގެ އާ ލޯގޯ އިން ދައްކައިދެނީ އަތްތިލައެއްގެ ތެރެއިން ސިމްޕަލް ޑީ އަކުރެކެވެ. ދިރާގުގެ ރަސްމީ ކުލައެއްގެ ގޮތުގައި ކުރިން ބޭނުން ކުރަމުން އައި ރަތްކުލައިގެ ބަދަލުގައި މިހާރު ވަނީ އޮރެންޖަށް ބަދަލުކޮށްފަ އެވެ.
އެތައް އަހަރެއް ވަންދެން ބޭނުން ކުރަމުން އައި ލޯގޯ އާއި ކުލަ ބަދަލުކުރީ މި ރޭ އާޓް ގެލަރީގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދާއި އެ ކުންފުނީގެ އިސް ވެރިންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެވެ. މިކަމާ ބެހޭ ގޮތުން ދިރާގުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
އާ ލޯގޯ އާއި ކުލަ ބަދަލުކުރުމާ ދިމާކޮށް ދިރާގުން ވަނީ ވަޓްއިޒްނެކްސްޓްއެމްވީ ހޭޝްޓެގް ބޭނުންކޮށްގެން ބޮޑު މާކެޓިން ކެމްޕޭނެއް ހިންގައިފަ އެވެ. އެގޮތުން ހޭޝްޓެގް ބޭނުންކޮށްގެން ފޮޓޯއެއް ޓުވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އަޕްލޯޑް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ފަހު ހޮވޭ ނަސީބުވެރިންނަށް އެންމެ ފަހުގެ އައިފޯނެއް އަދި އައިޕެޑް ޕްރޯ ނުވަތަ ސެމްސަންގް ގެލެކްސީ އެސް8 ދޭން ހަމަޖައްސާފައިވާ ކަމަށް ބުނެފައިވެ އެވެ.
ދިރާގުގެ އާ ލޯގޯ ބަދަލު ކުރުމަށް ފަހު އެ ކުންފުނީގެ ވެބްސައިޓްގައި ހުރި ލޯގޯ ވެސް ވަނީ ބަދަލުކޮށްފަ އެވެ.